ފިރިމީހާ ބޭވަފާތެރިވުމުން އޭނާ އަށް ބެލްޓުން ތަޅައި ގެވެށި އަނިޔާކޮށްފިއެވެ.

އެމެރިކާގެ އުމުރުން 37 އަހަރުގެ ލެއިލާ ރަލްފް އަށް އޭނާގެ ފިރިމީހާ އަށް އަނިޔާކުރުމުން ގެވެށި އަނިޔާގެ ދައުވާ މިހާރު ވަނީ ކޮށްފައެވެ. އެހެން އަންހެނަކާއި ލޯބީގެ ގުޅުން ބޭއްވިކަން ފަޅާ އެރުމުން ލައިލާ ވަނީ އޭނާގެ ފިރިމީހާ އާއި ދިމާއަށް އަތު ޖެހުނު ކޮންމެ އެއްޗެއް އުކައި އޭނާ އާއި ހަޑި ހުތުރު ބަހުން މުއާމަލާތްކޮށްފައެވެ.

ޖޫން 22 ގައި ފުލުހުންނަށް ލިބުނު ފޯން ކޯލާ ގުޅިގެން ފުލުހުން ބަލަން ފެށި މި މައްސަލައިގައި ލައިލާގެ ފިރިމީހާ އެރިކް ސްކޮޓް ބުނީ އެންމެ ފުރަތަމަ މައްސަލަ ފެށުނީ ޒުވާބަކުން ކަމަށެވެ. އެކަމަކު ފަހުން އޭނާ ރުޅި އައިސްގެން އޭނާއާ ދިމާއަށް އެއްޗެހި އުކަން ފެށި ކަމަށާއި އެ މަންޒަރު ފެންނާނެ އަވަށްޓެރިން ތިބި ކަމަށް ވަނީ ބުނެފައެވެ.

މި މައްސަލަ ބެލުމަށް ކުރި މެޑިކަލް ތަހުގީގުން ސްކޮޓްގެ ގައިން އަނިޔާކޮށްފައިވާކަމުގެ ނިޝާންތަައް ވަނީ ފެނިފައެވެ.

އެގޮތުން އޭނާގެ އަތާއި ބޮލާއި ފައިގައި ބެލްޓުން ޖެހުމުގެ ސަބަބުން ނޫފައިގަނެ، ކަނޑައިގެން ގޮސް ރަތްވެފައިވާ ތަންތަން ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ދައުވާ ކުރަން ބޭނުން ނުވާކަމަށް ވެސް ސްކޮޓް ވަނީ ބުނެފައެވެ.

ނަމަވެސް ފެންނަން ހުރި ނިޝާންތަކުން އޭނާ އަކީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހެއްކަން ޔަގީންވާތީ އޭނާގެ އަނބިމީހާ ލައިލާ ގެވެށި އަނިޔާ ކުރުމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު