ޖޫން މަހުގެ މެދެއްހާ ހިސާބުގައި ބޮލީވުޑްގެ މަގްބޫލް ބަތަލް ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލަ އަށް މަރުވި މައްސަލައިގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ރިއާ ޗަކްރޮބަތީއާ ދެކޮޅަށް ސުޝާންތުގެ އާއިލާއިން ފިޔަވަޅު އެޅީ މީގެ ދެ ދުވަހެއް ވަރު ކުރިންނެވެ.

އެ މައްސަލަ ސުޝާންތުގެ އާއިލާއިން ހުށަހަޅާފައިވަނީ ސުޝާންތު އެތަނަކަށް އުފަންވި ޕަޓްނާއަށެވެ. އެ މައްސަލަ މުމްބާއީ އަށް ބަދަލުކޮސް ދިނުމަށް އެދި ރިއާ ވަނީ ސުޕްރީމް ކޯޓަށް އިއްޔެ މައްސަލައެއް ހުށަހަޅައިފައެވެ. ރިއާގެ އެ މައްސަލައާ ވިދިގެން ސުޝާންތުގެ އާއިލާއިން ވަނީ ރިއާގެ ޕެޓިޝަން އަޑުއަހަން ސުޕްރީމްކޯޓުގައި ފުރުސަތު ނުދިނުމަށް އެދި އިތުރު މައްސަލައެއް ހުށަހަޅައިފައެވެ.

ސުޝާންތުގެ އާއިލާގެ ވަކީލް ބުނީ ރިއާއަށް ޕަޓްނާ ފުލުހުންނަށް އިތުބާރު ނުކުރެވޭނަމަ އެދެންވާނީ ސީބީއައި އިން މައްސަލަަ ތަހުގީގުކޮށް ދިނުމަށް ކަމަށެވެ. ނަމަވެސް މުމްބާއި އަށް މަައްސަލަ ބަދަލުކުރަން ބޭނުން ވަނީ ނުފޫޒު ފޯރުވުމުގެ ބޭނުމުގައިކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

" މުމްބާއި ފުލުހުންގެ ތެރެއިން މީހަކު ރިއާއަށް އެހީވާކަން ސާބިތުކުރުމަށް މިއަށް ވުރެ ބޮޑު ވަކި ހެއްކެއް ކޮބައިތަ؟އެފްއައިއާރު އޮތީ ޕަޓްނާގައި. ދެން މުމްބާއި އަށް އެކަން ބަދަލުކުރަން އެދެންވީ ކީއްވެތަ؟" އޭނާ ބުންޏެވެ.

އަންގާރަ ދުވަހު މުމްބާއިގެ ހަތަރު ފުލުހުންގެ ޓީމަކުން ވަނީ ރިއާ އާ ދެކޮޅަށް ސުޝާންތުގެ އާއިލާއިން ހުށަހެޅި މައްސަލަ ތަހުގީގުުކުރަން، ޕަޓްނާއަށް ގޮސްފައެވެ. ނަމަވެސް ފުލުހުން ރިޔާގެ ގެއަށް އޭނާ އާއި ސުވާލުކުރަން ދިޔަ އިރު އޭނާ ގޭގައި ނެތްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ޕަޓްނާ ފުލުހުން ވަނީ މި މައްސަލަ އާއި ގުޅުން ހުރި ވީޑިއޯ އާއި ލިޔެކިޔުން ހިއްސާކޮށްދިނުމަށް ވެސް މުމްބާއި ފުލުހުންގެ ފަރާތުން މިހާރު އެދިފައެވެ.