ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރުމަތީގެ ސަރަހައްދެއް އަޅިއަށް ހަދާލި ބާރުގަދަ ގޮވުމުގައި އަނިޔާވި މީހުންގެ ތެރޭގައި އެ ގައުމުގެ ފިލްމީ ތަރިއެއް ކަމަށްވާ ނަދީން ނަސީބް ޖެއިމް ހިމެނިއްޖެއެވެ. އޭނާއަކީ ލުބުނާންގެ އެންމެ މަޝްހޫރު އެއް ފިލްމީ ބަތަލާއެވެ.

ބެއިރޫތުގައި މިދިޔަ އަންގާރަ ދުވަހު ގޮވި ބާރުގަދަ ގޮވުމުގައި 100 އަށް ވުރެ ގިނަ މީހުން މަރުވެ، 1،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާގައި އެތައް ސަތޭކަ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށްވެއެވެ.

އެމީހާ އިންސްޓަގްރަމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ލިބުނު އަނިޔާއާ ގުޅިގެން ހަ ގަޑިއިރުގެ އޮޕަރޭޝަނެއް ކުރި ކަމަށެވެ. ޕޯޓް ސަރަހައްދުގައި ހުންނަ އެކްޓަރުގެ ގެއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

"އަހަރެންގެ މޫނުގެ އެއްބައި ހުރީ ލެއިން ފޯވެފައި،" ނަދީން ބުންޏެވެ.

"އަހަރެން އެންމެ ފުރަތަމަ ﷲ އަށް ޝުކުރު އަދާކުރަން، ފުރާނަ ސަލާމަތްކޮށް ދިން ކަމަށްޓަކައި. ބާރުގަދަ ގޮވުން ހިނގީ ވަރަށް ކައިރީގައި. ފެނުނު މަންޒަރުން އިންސާފެއް ނުލިބޭނެ. ގެއަށް ވަދެފި ނަމަ، ފެންނާނީ މުޅި ގޭގައި ލޭ. ވަރަށް ބޮޑަށް ހައިރާންވާނެ އަހަރުމެން ދުނިޔޭގައި ތިބުމުން،"

ނަދީންގެ ގެއަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ބިއްލޫރިގަނޑުތައް ތަޅައިގެން ގޮސް، ފާރުތަކުގައި ރެނދުލުން ހިމެނެއެވެ. އަދި ފަރުނީޗަރު ފަދަ ތަކެތި ވަނީ ހަލާކުވެފައެވެ.

ދެ ކުދިންގެ މަންމަ ބުނީ އަނިޔާވުމާ ގުޅިގެން، ތިރިއަށް ފައިބާ މީހެއްގެ އެހީގައި ކާރުގައި ކައިރި ހޮސްޕިޓަލަކަށް ދިޔަ ކަމަށެވެ. އުމުރުން 36 އަހަރުގެ އެމީހާ ބުނި ގޮތުގައި އެ ހާދިސާ ހިނގި އިރު، ކުދިންނެއް ގެއަކު ނޫޅެއެވެ. އެ ކުދިންގެ ހާލު ރަނގަޅު ކަމަށް ވެސް އޭނާ ބުންޏެވެ.