އެއްމާބަނޑު ކުދިންނަށް ވެސް ބައެއް ފަހަރު އުފަން ދުވަސް އެއްކޮށް ހިއްސާ ކުރުމުގެ ފުރުސަތު ގެއްލެއެވެ. ސަބަބަކަށް ވަނީ ރޭގަނޑު 12 ޖަހަން ކައިރި ވެފައި ވަނިކޮށް އެއްކުއްޖަކު އުފަން ވުމަށްފަހު މިނެޓް ކޮޅެއް ފަހުން އަނެއް ކުއްޖަކު އުފަންވާއިރު އާދުވަހެއް ފެށިފައި ވާތީއެވެ. ނަމަވެސް އިނގިރޭސިވިލާތުގެ މެންޗެސްޓާގެ އަންހެނަކަށް ދިމާވީ މުޅިން ތަފާތު ކަމެކެވެ.

ފުލުހުންގެ ކޮންސްޓަބަލެއް ކަމަށްވާ ޖޮނީ ރެއިލީ ހޮސްޕިޓަލަށް ދިޔައީ އޭނާގެ ފެންދުލި ފަޅައިގެން ދިއުމުން އެމަޖެންސީ ކޮށެވެ. ދެތިން ގަޑިއިރުގެ ތެރެގައި އޭނާގެ ދޮށީ ދަރިފުޅު ޑައިލަން އުފަން ވިއެވެ. އެއީ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު އެވެ. ދެވަނަ ދަރިފުޅު ވެސް ނިކަން އަވަހަށް ފެނިދާނެ ކަމަށް ހީކުރެވުނު ނަމަވެސް ކަންތައް ވީއެހެނެއް ނޫނެވެ.

ޖޮނީ އަށް ދެވަނަ ދަރިފުޅު ވިހޭނެ ގޮތެއް ނުވިއެވެ. ޑޮކްޓަރުން ބުނީ އަރާމު ކުރުމަށެވެ. "އެއްވެސް ކަމެއް ނުވެ" ދެދުވަސް ވަންދެން އޮތުމަށް ފަހު ޖޮނީ އަށް ދެވަނަ ދަރިފުޅު ވިހޭނެ ގޮތް މެދުވެރިވީ ޖަނަވަރީ 12 ވަނަ ދުވަހު އެވެ. އެއްމާބަނޑު ދެކުދިންގެ އުފަން ދުވަހުގެ ދެދުވަހުގެ ތަފާތެއް ހުރުންވީ ޔަގީނުން ވެސް އުމުރު ދުވަހަށް ހަނދާން ހުންނާނެ ހާއްސަ ކަމަކަށް ވާނެއެވެ.

ޖޮނީ ބަލިވެ އިން ދުވަސްކޮޅަކީ ވަރަށް އުފާވެރި، ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމައަށް ދިޔަ ދުވަސްކޮޅެކެވެ. ނަމަވެސް ކަންތައްތައް ބަދަލު ވެގެން ދިޔައީ ވިހެއުމުގެ ތެރޭގައެވެ. ފުރަތަމަ ދަރިފުޅު ލިބުމަށް ފަހު ދެން ފާއިތުވި ދެދުވަސް ވެގެން ދިޔައީ ވަރަށް ނުތަނަވަސް ދެދުވަހަށެވެ.

ދެކުދިން އުފަންވިއިރު ބަރުދަން ލުއިކަމުން ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގައި ބާއްވަން ޖެހުނެވެ. ނަމަވެސް މިހާރު ދެކުދިން ވެސް ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު