ޗައިނާގައި އަންހެނަކު ވިހެއި އެއްމާބަނޑު ދެކުދިންގެ ބައްޕައަކީ ދެމީހެއްކަން ހާމަވެ ހިތި ގޮތަކަށް ބޭޒާރުވެއްޖެ އެވެ.

ވަރަށް މަދުން ނޫނީ މެދުވެރިނުވާ މި ހާލަތް ދިމާވެ، އެ އަންހެން މީހާއަށް ލިބުނު އެއްމާބަނޑު ދެކުދިންނަކީ ދެ މީހެއްގެ ދަރިންކަން ހާމަވެފައިވަނީ، ޗައިނާގައި އަލަށް އުފަންވާ ކުދިން ރެޖިސްޓްރީ ކުރުމަށް އެކުލަވާލާފައި އޮންނަ އުސޫލުގެ ދަށުން ހެދި ޑީއެންއޭ ޓެސްޓަކުންނެވެ.

މި ދެކުދިން އުފަންވިއރުވެސް ދެކުދިންގެ ސިފަ އެއްގޮތް ނޫނެވެ. އެހެންކަމުން އެކަމާއި މެދު އެ އަންހެންމީހާގެ ފިރިމީހާ އޭރުވެސް ހުރީ ސުވާލު އުފެދިފައި ކަމަށް، މި ހާދިސާ ހިނގައިދިޔަގޮތް ހާމަކޮށް ނޫސްތަކުގައި ބުނެފައި ވެއެވެ.

ނޫސްތައް ބުނާގޮތުން ފުލުހުން ހެދި ޑީއެންއޭ ޓެސްޓުން އަންހެން މީހާއަށް ލިބުނު އެއްމާބަނޑު ދެ ކުދިންނަކީ ދެ މީހެއްގެ ދަރިންކަން ފަޅާއެރުމުންވެސް އޭނާ ވަނީ ބޭވަފާތެރިވި ކަމަށް އިންކާރުކޮށްފައެވެ. ނަމަވެސް ފަހުން އެނގިފައިވާ ގޮތުން އޭނާ ވަނީ ފިރިމީހާ އާއެކު އުޅެމުން އިތުރު ފިރިހެނަކާއި ލޯބީގެ ގޮތުން ގުޅި، ކައިވެނީގެ ބޭރުން ގުޅުން ހިންގާފައެވެ.

މި ހާދިސާ އާއި ގުޅިގެން އެ އަންހެން މީހާ އާއި އޭނާގެ ފިރިމީހާގެ ކައިވެނި މިހާރު ނިމުމަކަށް އައިސްފައި ވާއިރު، ފިރިހެން މީހާ ވަނީ ހަމައެކަނި އޭނާގެ ދަރިފުޅާއި ހަވާލުވާން ނިންމާފައެވެ. ނަމަވެސް ދެވަނަ ކުއްޖާ އޭނާގެ ދަރިއެއްގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށްވެސް އޭނާ ވަނީ ދެކޮޅު ހަދާފައެވެ.

އެއްމާބަނޑު ދެކުއްޖެއްގެ ބައްޕަ ތަފާތު ވުމަކީ ވަރަށް މަދުން ނޫނީ ދިމާނުވާ ހާލަތެކެވެ. މިގޮތަށް ދިމާވުމުގެ ފުރުސަތު އޮންނަނީ އެއް ދުވަސް ނުވަނަ އެއަށްވުރެ ކުރު މުއްދަތެއްގައި ދެމީހަކާއެކު ގުޅުން ހިންގުމުންނެވެ. އާންމު ގޮތެއްގައި މިގޮތަށް މެދުވެރިވިވުމުގެ ފުރުސަތު އޮންނަނީ 13،000 ފަހަރަކުން އެއްފަހަރު ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މީގެ ކުރިންވެސް ޗައިނާގައި މިފަދަ ގިނަ ހާދިސާތައް ހިނގާފައި ވެއެވެ. މިގޮތުން އެއްމާބަނޑު ކުދިންގެ ބައްޕަ ތަފާތުވުމުން އެޤައުމުގައި ގިނަ ކައިވެނިތައް ނިމުމަކަށް އައިސްފައި ވެއެވެ. ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮންނަ ޤައުމެވެ.