ކިސަޑުން ފެންވެރުމުން ކޮވިޑް-19 ނުޖެހޭނެ ކަމަށް ބުނެ ކިސަޑުން ފެންވަރައި އެމަންޒަރު ފެންނަ ވީޑިއޯ އާއްމުކުރި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކިސަޑުން ފެންވަރާ މަންޒަރު ފެންނަ ވީޑިއޯ އާއްމުކުރި ފަހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އިންޑިއާގެ އުތުރުގައި އޮންނަ ރާޖަސްތާނުގެ މެންބަރު ސުކިބީރު ސިންހް ޖަނަޕޫރިއާއެވެ. އޭނާ ކޮވިޑް-19 އަށް ފައްސިވީ މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާ ކޮވިޑް-19 އަށް ފައްސިވުމުން ކޮވިޑް-19 އަށް ފައްސިވި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދު މިހާރު ވަނީ 24 އަށް އަރާފައެވެ.

ފޭސްބުކްގައި މެންބަރު ސިންހް އާއްމު ކުރި ވީޑިއޯ ގައި އޭނާ ބުނެފައި ވަނީ ކިސަޑުން ފެންވަރައިގެން ފެހިކަން ގަދަ ފަތްޕިލާވެލި ކައިގެން އުޅޭނަމަ އެމީހަކަށް ކޮވިޑް-19 ނުޖެހޭނެ ކަމަށެވެ.

ސިންހް މިހާރު ވަނީ ކިސަޑުން ފެންވެރުމަށް ބާރުއަޅައި ވީޑިއޯއެއް އާއްމު ކުރެވުނީތީ އެކަމަށް މާފަށް އެދިފައެވެ. ސިންހް ބުނެފައި ވަނީ އޭނާ އަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫން ކަމަށާއި ކޮވިދް-19 އިން ރައްކާތެރިވުމަށް ސިއްހީ މާހިރުން ދެމުންދާ އިރުޝާދުތަކަށް ބޯލަނބަން ޖެހޭ ކަމަށެވެ.

އިންޑިއާގައި ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންނާއި ހިންދޫ ދީނުގެ ފާދިރީން މީގެ ކުރިން ވެސް ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަން ޖެހޭ ކަންކަން ކަމަށް ބުނެ ބުއްދިހަމަނުޖެހޭ މިފަދަ އެތައް ކަމެއް ކުރަން އާއްމު ރައްޔިތުންނަށް ލަފާ ދީފައެވެ.

އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ ފަސްމިލިއަން ފަހަނައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޮޔަ

    ލޯލް

    11