ޝައްކެއްވެސް ނެތް ގޮތުގައި ކޮންމެ މޭވާއަކުންނާއި ތަރުކާރީއަކުން، އިންސާނުންގެ ހަށިގަނޑަށް އެތައް ފައިދާތަކެއް ލިއްބައިދޭނެއެވެ. އެކި ކަންކަމަށް ބޭނުންވާ، އެކި މާއްދާތައް ފޯރުކޮށްދީ، އެކި ބަލިތަކުން ރައްކާތެރިކޮށްދޭ އިތުރު އެތައް އެއްޗެއް ފޯރުކޮށްދޭނެއެވެ. މި ބީދައިން، ރާއްޖޭގެ ބާޒާރުން ފަސޭހަކަމާއެކީ ލިބެން ހުންނަ ކިއުކަމްބާ އަކީވެސް، އެތައް ފައިދާތަކެއް، އަހަރެމެންގެ ހަށިގަނޑަށް ލިއްބައިދޭ އެއްޗެކެވެ.

އެހެންކަމުން، މިކަންކަމަށް ކުރު ގޮތަކަށް ބަލާލުމަކީ ނެތް ކަމެއް ނޫނެވެ.

އެންމެ މުޙިއްމު ކަމެއްގެ ގޮތުން، ކިއުކަމްބާގެ ސަބަބުން ނުރައްކާތެރި ކެންސަރު ބަލި ޖެހުމުން ދުރުކޮށްދެއެވެ. އެތައް ސާބިތު ދިރާސާއަކުން މިކަން ކަށަވަރުވެފައިވާއިރު، ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް، މި ބާވަތުން މިންވަރެއް ހިމެނުން މުޙިއްމެވެ.

ހަމައެހެންމެ، މުޙިއްމު މަސައްކަތްތަކެއް ކުރާ ކިޑްނީގެ ދުޅަހެޔޮކަމަށްވެސް ކިއުކަމްބާއަކީ ރަނގަޅު އެއްޗެކެވެ. އޭގެ ސަބަބުން، ހަށިގަނޑުގައި ހުންނަ ޔޫރިކް އެސިޑުގެ މިންވަރު ދަށްކޮށްދީ، ކިޑްނީގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.

މީގެއިތުރުން، ޕެންކްރިއާސްގެ ސެލްތަކަށް ބޭނުންވާ ހޯމޯން އެއް، ކިއުކަމްބާގައި އެކުލެވޭތީ، މި ބާވަތަކީ ހަކުރުބަލި ހުންނަ ފަރާތްތަކުން ބޭނުންކުރުން ރަނގަޅު ބާވަތެކެވެ. ޕެންކްރިއާސް އަކީ އިންސިއުލިން އުފެއްދުމަށް އެހީވެދޭ އެއްޗެކެވެ. އެހެންކަމުން، ހަކުރު ބަލިން ދުރުވުމަށްވެސް، ކިއުކަމްބާ ބޭނުންކުރުމަކީ ރަނގަޅު ކަމެކެވެ.

ކިއުކަމްބާގައި އެކުލެވޭ ސްޓެރޮލް އެއްގެ ސަބަބުން ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދޭއިރު، އޭގައި އެކުލެވޭ ވިޓަމިނާއި މިނަރަލްގެ ސަބަބުން މަސްތަކަށާއި ހުޅުތަކަށް އަރާ ތަދުތައް އަވަހަށް ފަސޭހަވެ، އެތަންތަނަށް ތަދު އެރުން ދުރުވާނެއެވެ. ހަމައެހެންމެ، ސިލިކާ ނަމަކަށް ކިޔާ މިނަރަލެއްގެ ސަބަބުން އިސްތަށިގަނޑަށާއި ނިޔަފަތިތަކަށް އިތުރު އާރޯކަމެއް ލިބޭނެއެވެ.

ކިއުކަމްބާގެ އިތުރު ފައިދާތަކަށް އަލިއަޅުވާލާއިރު، ބަރުދަން ލުއިކުރުމަށް އެހީވެދިނުމާއި ލޮލުގެ ފެނުން ރަނގަޅުކޮށްދިނުން އަދި އަނގަ ތާޒާކަންމަތީ ހުރުމަކީވެސް، ކިއުކަމްބާގެ ސަބަބުން ލިބޭނޭ ބައެއް ޞިއްޙީ ފައިދާތަކެވެ. މި ނޫނަސް އެތައް ޞިއްޙީ ފައިދާއެއް ކިއުކަމްބާއިން ލިބުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާމިގިލީ މީހާ

    ކެންސަރު ބައްޔާ ކިޑްނީ ބަލިތައް ރާއްޖޭގަ ގިނަވަނީ، ދަޑުވެރިންގެ ސަބަބުން، ބާރުގަދަ ވިހަބޭސް ދަޑުތަކައް ޖަހާފަ. މުއްދަތު ހަމަ ނުވަނިސް އެތަކެތި ބިދެފަ ވިއްކަނީ. ހާއްސަކޮއް މާމިގިލީ ދަޑުވެރިން ހައްދާ ތަކެތި ކާކައް ނުވާނެ، މިއަދު ހެދުނު ބޭސް ޖަހައިފިޔާ ހަވީރު އެއްޗެހި ކަޑާފަ ފެރީއެން މާލެ ފޮނުވާލަނީ. ދެއިރު ދަޑުތަކައް ބޭސްޖަހާ ބައެއް މާމިގިލީ ދަޑުވެރިންނަކީ.

    19