ކޮވިޑް-19 ގެ ބާރު ދަށްކޮށް ވައިރަސް އިން ރައްކާތެރިވުމަށް ބޭނުންކުރެވިދާނެ ކަމަށް ޤަބޫލުކުރެވޭ އެންޓިބޮޑީއެއް، ޔުނިވާސިޓީ އޮފް ޕިޓްސްބާގް ސްކޫލް އޮފް މެޑިސިން (ޔޫޕީއެމްސީ) އިން ހޯދައިފިއެވެ.

އެ ޔުނިވާސިޓީގެ ތަޖުރިބާކާރުން ކުރިޔަށްގެންދިޔަ ދިގު ދިރާސާއަކަށްފަހު މި އެންޓިބޮޑީއިން ކާމިޔާބު ނަތީޖާތަކެއް ހޯދާފައިވާއިރު، މިހާތަނަށް ކުރެވުނު ތަހުލީލުތަކުން މިއީ ކޮވިޑް-19 އަށް މެދުވެރިކުރާ ވައިރަސްގެ ބާރު ކަނޑުވާލައި، ހަށިގަނޑަށް ބަލީގެ ނުރައްކާ ކުރިމަތިވިޔަ ނުދިނުމަށް ބޭނުންކުރެވިދާނެ އެންޓިބޮޑީއެއްކަން ވަނީ ދެނެގަނެވިފައެވެ.

އާދައިގެ އެންޓިބޮޑީއަކަށްވުރެ ދިހަގުނަ ކުޑަ މި އެންޓިބޮޑީ ބޭނުންކޮށްގެން "އޭބީ-8" ނަމަކަށްކިޔާ ބޭހެއް އުފެއްދުމަށް ތަޖުރިބާކާރުން ނިންމާފައި ވާއިރު، މިއީ މިހާތަނަށް ކޮވިޑަށް ހޯދުނު އެންމެ ކާމިޔާބު ބޭހަށް ވެގެންދާނެ ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

އިންސާނުންނަށް މި އެންޓިބޮޑީ ދީގެން އަދި ތަހުލީލުތައް ކުރިޔަށް ގެންގޮސްފައި ނުވީނަމަވެސް، މިހާތަނަށް މީދަލާއި ހެމްސްޓާފަދަ ކުދި ޖަނަވާރުތަކަށް މި އެންޓިބޮޑީ ދީގެން ތަހުލީލުތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ތަހުލީލުތަކުންވެސް އޭގެ ކާމިޔާބުކަން ވަނީ ހޯދިފައެވެ.

މި މަސައްކަތުގައި އިސްކޮށް މަސައްކަތްކުރަމުންދާ، ޕިޓްސްބާގް ޑިވިޝަން އޮފް އިންފެކްޝިއަސް ޑިޒީޒެސްގެ އިސް ތަޖުރިބާކާރު، ޒިއަންގްލޭ ލިއު ވިދާޅުވެފައިވަނީ، "އޭބީ-8 އަކީ ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާކޮށްދޭ ބޭހެއް ކަމުގައި ވީނަމަވެސް، ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް މި ބޭސް ބޭނުންކުރެވޭނެ" ކަމަށެވެ. ނަމަވެސް އެކަން އިތުރަށް ކަށަވަރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާތާ އެތައް މަހެއް ވެގެން ގޮސްފައިވާއިރު ވެސް މިހާތަނަށް މި ބަލިން ރައްކާތެރިވުމަށް ބޭނުންކުރެވޭނެ ކާމިޔާބު އެންޓިބޮޑީއެއް ނުވަތަ ވެކްސިނެއް އުފެއްދި ރަސްމީ ގޮތެއްގައި ބޭނުންކުރެވެން ފަށާފައެއް ނުވެއެވެ.

މި ބަލިމަޑުކަމުގައި ދުނިޔޭގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވެ ޤައުމުތަކަށް ނުރައްކާ ބޮޑުވަމުން އަންނައިރު، ސައިންސްވެރިން ޤަބޫލުކުރާ ގޮތުން ބަލީގެ ހާލަތަށް އެއްވެސް ބަދަލެއް އަންނާނީ ވެކްސިނެއް ނުވަތަ ފަރުވާއެއް ބޭނުންކުރެވެން ފެށުމުންނެވެ. އެންމެ އަވަހަށްވެސް މި ބައްޔަށް ވެކްސިނެއް ބޭނުންކުރެވެން ފެށޭނީ އަންނަ އަހަރު ކަމަށް އެފަރާތްތަކުން ލަފާކުރެއެވެ.