އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ޒިންމާތައް ދޫކޮށްލުމަށް ފަހު މިހާރު އަނބިކަނބަލުން މޭގަން މާކެލް އާއި އެކު އިނގިރޭސިވިލާތުގައި ދިރުޅެމުން ގެންދާ ޕްރިންސް ހެރީގެ އުފަންދުވަސް ފާހަގަ ކުރަން އާއިލާ މެންބަރުންނަށް މިމަހުގެ 15 ވަނަ ދުވަހު ކުރި ވީޑިއޯ ކޯލްގައި ޕްރިންސް ވިލިއަމް އާއި އޭނާގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން ބައިވެރި ނުވާ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެފިއެވެ.

ނަން ހާމަކުރަން ބޭނުން ނުވާ ޝާހީ އާއިލާގެ މައުލޫމާތު އެނގޭ މީހަކު އިނގިރޭސިވިލާތުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ކުއްލިއަކަށް ކަމެއް ދިމާވެއްޖެކަމަށް ބުނެ ކޭޓްގެ ދެކަނބަލުން ވީޑިއޯ ކޯލްގައި ބައިވެރި ނުވާކަމަށެވެ.

ހެރީ ޝާހީ އާއިލާގެ ޒިންމާތައް ދޫކޮށްލުމުން ވެސް ލަފާކުރެވިފައި އޮތީ އޭނާ އިނގިރޭސިވިލާތުގައި ދިރިއުޅުއްވާނެ ކަމަށެވެ. ނަމަވެސް ދާދިފަހުން ހެރީގެ ދެކަނބަލުން ވަނީ އެމެރިކާ އިން 14 މިލިއަން އެމެރިކާ ޑޮލަރަށް ބޮޑު ގެއެއް ގަނެފައެވެ.

ހެރީގެ އުފަންދުވަސް ފާހަގަކުރި ވީޑިއޯ ކޯލްގައި ވިލިއަމްގެ ދެމަފިރިން ބައިވެރި ނުވާކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނި ނަމަވެސް ޝާހީ އާއިލާގެ ކަންކަން ދިރާސާކުރާ އިނގިރޭސިވިލާތުގެ ނޫސްވެރިއެއް ކަމަށްވާ ކެޓީ ނިކޯލް ބުނީ ހެރީ އާއި ވިލިއަމްގެ ގުޅުން މިހާރު ވަރަށް ރަނގަޅު ކަމަށެވެ.

ކުރިން ހެރީ އާއި ވިލިއަމް ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ނުކުރާ މިންވަރަށް މިހާރު އެކިިކަންކަމާއި މަޝްވަރާކޮށް ވާހަކަދައްކާ ކަމަށް ވެސް ނިކޯލް ބުނެއެވެ.

"އަހަރެންނަށް ހީވަނީ ދުރުގައި އުޅެން ޖެހުމުން ހެރީ އާއި ވިލިއަމްގެ ގުޅުން މާބޮޑަށް ރަނގަޅު ވެއްޖެހެން. ދުރުގައި އުޅުން އެއީ ދެބެންގެ ގުޅުމަށް ލިބުނު ރަނގަޅެއް ކަމަށް އަހަރެންނަށް ފެންނަނީ." ނިކޯލް ބުންޏެވެ.

ހެރީ ޝާހީ އާއިލާ ދޫކޮށްލުމަށް ނިންމި ނިންމުމާއި ވެސް ވިލިއަމް ދެކޮޅު ހެދިކަމަށް މީގެ ކުރިން އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އިނގިރޭސިވިލާތުގެ މީޑިއާތަކުން ހެރީ އާއި ގުޅޭ ގޮތުން ފަތުރާ ޚަބަރުތަކަކީ ގިނަ ފަހަރަށް ހަޤީޤަތާއި އެއްގޮތައް ފަތުރާ ޚަބަރުތަކެއް ނޫނެވެ.