ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޓަނެޓުގެ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކުރުމަށް އެމެރިކާގެ "ސްޕޭސް އެކްސް" ކުންފުނިން ސެޓެލައިޓެއް ފޮނުވާލައިފިއެވެ.

އަންގާރަ ދުވަހުގެ ވަގުތެއްގައި މި ސެޓެލައިޓް ޖައްވަށް ފޮނުވާލާފައި ވަނީ ފްލޮރިޑާގެ ކޭޕް ކާނިވަލް އިންނެވެ.

މި ސެޓެލައިޓަކީ ދުނިޔޭގެ އިންޓަނެޓިގެ ޚިދުމަތް އިތުރަށް ވަރުގަދަ ކުރުމުގެ މަޤްސަދުގައި "ސްޕޭސް އެކްސް" އިން މިދިޔަ ސެޕްޓެމްބަރު މަހު ފެށި "ސްޓާލިންކް" ޕްރޮޖެކްޓުގެ ދަށުން ފޮނުވާލި ސެޓެލައިޓެކެވެ. އަންގާރަ ދުވަހު ފޮނުވާލާފައިވަނީ "ސްޓާލިންކް" ގެ 13 ވަނަ ސެޓެލައިޓެވެ.

"ސްޕޭސް އެކްސް" އިން ބުނެފައިވަނީ، އެ ކުންފުނިން ކުރިޔަށްގެންދާ "ސްޓާލިންކް" ޕްރޮޖެކްޓު ފުރިހަމަވުމުން ދުނިޔޭގެ ހުރިހާ ހިސާބަކަށް އިންޓަނެޓްގެ ޚިދުމަތް މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް ލިބޭނެ ކަމަށެވެ. އަދި އިންޓަނެޓުގެ އަގު ބޮޑުވުމާއި ޚިދުމަތަށް ބުރޫއެރުންފަދަ މައްސަލަތައް މި ޕްރޮޖެޓުގެ ސަބަބުން ހައްލުވެގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

"ސްޓާލިންކް" ގެ ޚިދުމަތް މިއަހަރު އެމެރިކާ އާއި ކެނެޑާގައި ދޭން ފެށުމަށް "ސްޕޭސް އެކްސް" އިން ތައްޔާރުވަމުން އަންނައިރު، އަންނަ އަހަރުގެ ތެރޭގައި މުޅި ދުނިޔެއަށް ޚިދުމަތް ފޯރުކޮށްދޭން އެކުންފުނިން ވަނީ އަމާޒު ހިފާފައެވެ.

"ސްޕޭސް އެކްސް" އިން އަންނަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ޖައްވީ އިދާރާތަކާއި ވާދަކޮށް ގިނަ ކުރިއެރުންތައް ހޯދަމުންނެވެ. މިގޮތުން މިދިޔަ އަންގާރަ ދުވަހު އެ ކުންފުނިން ފޮނުވާލި ސެޓެލައިޓަކީ މިއަހަރުގެ މިހާތަނަށް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދިޔަ 17 ވަނަ މިޝަނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އަހަރެމެންނަށް ތިއިން ފައިދާއެއްވާނީ ކޮން ދުވަހަކުންބާވައޭ ހިތަށްއަޜާ! ކަންޒުކަހަނބަކާ ފިނިހަކަޔަކާ އަހަރެމެން ގެންގުޅެނީ! ޚިދުމަތުގެ އަގު ރަނަށްވުރެ ބޮޑު! މި ބަލާވެރިކަމުން ސަލާމަތްވާނެ ދުވަހަކަށް ބަލަބަލާ މި ތިބީ!