ހޮނިހިރު ދުވަހު އޮތް ޝާހީ ކައިވެނީގެ ވާހަކަ އަދިވެސް ދަނީ ދެކެވެމުންނެވެ. އެކައިވެނީގައި ބައިވެރިވި ޝާހީ މެންބަރުންގެ ވާހަކައިން ގޮސް، ކައިވެނީގައި ބައިވެރިވި އެހެން މެހުމާނުންގެ ވާހަކަވެސް، އަދިވެސް މިޑީޔާތަކުން ދަނީ ދައްކަމުންނެވެ.

އެގޮތުން، ކައިވެނީގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން، މިއަދު މީޑިޔާގެ ސަމާލުކަން ލިބިފައިވަނީ އެފްރިކާ ބައްރުގެ ޤައުމަކަށް ނިސްބަތްވާ ޔަތީމު ކުއްޖަކަށެވެ. އެއީ މުޓްސޫ ޕޮޓްސޭން އެވެ.

ޝާހީ ކައިވެނީގައި ބައިވެރިވި 600 މެހުމާނުންގެ ތެރޭގައި ހިމެނުނު މުޓްސޫ އަކީ ޕްރިންސް ހެރީ އާ ވަރަށް ގާތް ގުޅުމެއް އޮންނަ ކުއްޖެކެވެ. ޕްރިންސް ހެރީއަށް އެންމެ ފުރަތަމަ މުޓްސޫއާ ދިމާވެފައިވަނީ ޕްރިންސްގެ ގެޕް އިޔަރ ގައި ލެސޯތޯގައި ހުއްޓައެވެ. އޭނާއަށް މި ކުއްޖާއާ ބައްދަލުވީ އެޤައުމުންނެވެ. އޭރު، މުޓްސޫގެ އުމުރަކީ އެންމެ ހަތަރު އަހަރެވެ.

މުޓްސޫ އަދި ޕްރިންސް ހެރީ
މުޓްސޫ އަދި ޕްރިންސް ހެރީ

މުޓްސޫ އަށް މިހާރު 18 އަހަރު ފުރިފައިވާއިރު، އޭރުންސުރެވެސް އޭނާއާއި ޕްރިންސް ހޭރީގެ ދެމެދުގައި ގުޅުން އޮވެއެވެ. އަދި، ޕްރިންސްވަނީ މުޓްސޫ އަށް އެތައް ގޮތަކުން އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ.

ވަރުގަދަ އަދި މަޝްހޫރު ސެލެބްރިޓީން ބައިވެރިވި މި ކައިވެނީގެ ހަފްލާގައި، ބައިވެރިވުމަށް މުޓްސޫއަށް ދައުވަތު ދިން އިރު، އޭނާ ބައިވެރިވީ ޕްރިންސް ހެރީގެ ޗެރިޓީ ފަންޑު ތަމްސީލު ކުރާ ފަރާތެއްގެ ގޮތުގައެވެ.

މުޓްސޫ ޝާހީ ކައިވެނީގައި- އެންމެ ކަނާތަށް

ޕްރިންސް ހެރީ އާއި މެގަން މާކެލްގެ ކައިވެނީގެ އުފަލުގައި، އެހީއަށް ބޭނުންވެފައިވާ އެތައް ފަރާތަކަށް އެހީތެރިކަންވެސް ފޯރުކޮށްދީފައިވެއެވެ.