ދުނިޔޭގެ ރިކޯޑު ގާއިމް ކުރުމަށް މީހުން ތަފާތު ކަންތައްތައް ކުރެއެވެ. އެއް ބަޔަކު އާދަޔާ ޚިލާފު ތަފާތު ކަންތައްތައް ކުރާއިރު އަނެއް ބަޔަކު ބަލަން ވެސް އުދަނގޫވާ ފަދަ ކަންތައްތައް ކުރެއެވެ. މިފަދަ އާދަޔާ ޚިލާފު ބައެއް ކަންތައްތައް ގިނަސް ވަރލްޑް ރިކޯޑުން ދަނީ ފޭސްބުކާއި ޓްވިޓާގައި ހިއްސާ ކުރަމުންނެވެ.

ރިކޯޑު ގާއިމް ކުރުމަށްޓަކައި ޗައިނާގެ ރައްޔިތެއްކު މި ވަނީ ތަފާތޔ ކަމެއް ކޮށްފައެވެ. ރުއަން ލިއަންގްމިން ނަމަކަށް ކިޔާ އެ މީހާ ވަނީ މުޅި ގައި ވަށައިގެން ހަ ލައްކައަށްވުރެ ގިނަ މާބުރު ގަޔަށް އަރުވާފައެވެ.. އަދި އޭނާ ވަނީ ގިނަސް ވަރލްޑް ރިކޯޑުން ޖާގަ ހޯދައިފިއެވެ.

މާބުރު ގަޔަށް އަރުވައިގެން ރިކޯޑު ހޯދި ރުއަންއަކީ މާބުރުދެކެ ވަރަށް ލޯބިވާ ފަރާތެއްކަމަށް ގިނަސް ވަރލްޑް ރިކޯޑުން ފޭސްބުކުގައި މި ޕޯސްޓް ހިއްސާ ކުރަމުން ބުނެފައިވެއެވެ.

ރުއަން މި ރިކޯޑު ހޯދައިފައިވަނީ 2016 ވަނަ އަހަރު ނަމަވެސް ގިނަސްއިން މި ޕޯސްޓު ހިއްސާކޮށްފައިވަނީ އޮކްޓޫބަރ މަހުގެ 26 ވަނަ ދުވަހުއެވެ.

މި ރިކޯޑު ހޯދުމަށް ރުއަންގެ ގަޔަށް އަރުވާފައިވަނީ 637،000އަށްވުރެ ގިނަ މާބުރެވެ. އެތައް މާބުރެއް ގަޔަށް އަރުވަމުން ދިޔައިރު ވެސް ރުއަން ހުރީ ވަރަށް މަޑުމަޑުންނެވެ.

ފޭސްބުކުގައި މި ޕޯސްޓު ހިއްސާ ކުރުމުން ކޮމެންޓުގައި އެއް ބަޔަކު ބުނެފައިވަނީ އެމީހުން ބިރުގަންނަކަމަށެވެ. އަނެއް ބަޔަކު ބުނެފައިވަނީ އެމީހުން ފަކުރު ގަންނަ ކަމަށެވެ. އަނެއް ބަޔަކަށް މި މަންޒަރު ބަލަން އުދަނގޫކަމަށް ވެސް ބުނެފައިވެއެވެ.

މާބުރުގައި އިންނަ ކަށި އިންސާނާގެ ގަޔަށް ހެރިއްޖެނަމަ އެ މާބުރު މަރުވާނެކަން އެއަށް އެނގޭތީ ކަށި ނުޖަހާނެކަމަށާއި، މާބުރުތަކުގެ އުޅުމަށް ބަދަލެއް އައިކަން ފާހަގަ ކުރެއްވިއްޖެނަމަ އެ ހަމައިން ރިކޯޑު ހެދުން ހުއްޓާލަން ޖެހޭނެކަމަށް ރުއަން ވަނީ ބުނެފައެވެ.