ބޮލީވުޑްއަށް ބޮޑު އިންގިލާބެއް ގެނެސްދިން އެކްޓަރ އަމީތާބު ބައްޗަންގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅު ފިލްމީ ދުނިޔެއަށް ލޯ ހުޅުވަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

އިންޑިއާގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަމީތާބްގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅު ސިވެޓާ ބައްޗަން ނަންޑާ އޭނާގެ ބައްޕަ އަމީތާބު ބައްޗަން އާއި އެކު ލައިވް ޓީވީ ޝޯވް އެއް ޕްރެސެންޓް ކުރާނެ ކަމަށެވެ. އަދި އެއީ ސިވެޓާ ކެމެރާ ކުރިމައްޗަށް އަރާ ފުރަތަމަ ފަހަރު ކަމަށާއި މުސްތަގުބަލުގައި އޭނާ ބޮލީވުޑްގެ ފިލްމުތަކުން ފެނުން ގާތްކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.

ބައްޗަން އާއިލާއަކީ ޒަމާނުއްސުރެ ބޮލީވުޑްގައި ރަސްކަން ކުރަމުން އައި ފިލްމީ އާއިލާއެކެވެ. އެއާއިލާއިން ކުޅަދާނަ އެތަކެއް އެކްޓަރުންނަކާއި ޕްރޮޑިޔުޝަރުން އުފައްދާފައިވާއިރު ސިވެޓާ ބައްޗަން ފިޔަވާ އެ އާއިލާއަށް ނިސްބަތްވާ ހުރިހާ އެންމެންނަކީވެސް ކޮންމެވެސް ސިފައެއްގައި ފިލްމީ އިންޑަސްޓްރީގައި ހަރަކާތްތެރިވަުން އައިސްފައިވާ މީހުންނެވެ.

ސިވެޓާ އަމީތާބާއި އެކު ފުރަތަމަ ފަހަރަށް ކެމެރާ ކުރިމަށްޗަށް އަރަން ތައްޔާރަށް ހުރި އިރު އަމީތާބު ވަނީ މީގެ ކުރިންވެސް ސިވެޓާ ފިލްމީ އިންޑަސްޓްރީއަށް ނެރޭނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ.

އެގޮތުން އިންޑިއާގެ ނޫހަކަށް މީގެ ކުރިން ދިން އިންޓަވިޔުއެއްގައި އަމީތާބު ބުނީ ސިވެޓާއަކީ އާއިލާގެ ރަން ދަރި ކަމަށާއި އެންމެންވެސް ސިވެޓާ ދެކެ ވަރަށް ލޯބިވާ ކަމުގައެވެ. އަދި އޭނާ ބޭނުންވަނީ އަބީސޭކް ފަދައިން ސިވެޓާވެސް ބޮލީވުޑްގެ ފިލްމުތަކުން ފެނިގެން ދިޔުން ކަމުގައި އަމީތާބު ބުނެފައިވެއެވެ.