ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމަކީ ދަތި ކަމެކެވެ. މުޅި ދުނިޔެހެން ތިބޭނީ ތިމާ ކުރާ ކަންކަމަށް ބަލަބަލައެވެ. އަޅާ ކޮންމެ ފިޔަވަޅަކަށް ފާރަލާން ނޫސްވެރިން ތިބޭނެއެވެ. ކުރާ ކިތަންމެ އާދައިގެ ކަމަކަށް ވެސް ފާޑުކިއުން އަމާޒުވެދާނެއެވެ. މާ ބޮޑަށް ސަމާލުކަން ނުދީ ހުރެ ކޮށްލެވޭ ކަމެއް ފަޅާ އަރައިފިނަމަ އެންމެންގެ ކުރިމަތީ އަގު ވެއްޓޭ ފަހަރު ވެސް އާދެއެވެ. ހާއްސަކޮށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އަހްލާގީ މިންގަނޑަކީ އާންމު ރައްޔިތުންގެ ތެރޭގައި ކޮންމެ ގައުމެއްގައި ވެސް އެންމެ ބޮޑަށް ދެކެވޭނެ މައުޟޫއެވެ.

މި މައުޟޫއުގެ ތެރެއިން ދުނިޔޭގެ ސިޔާސީ މަސްރަހަށް ބަލާލާނަމަ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަދި ނުފެންނަ އަހްލާގީ މިންގަނޑު ދަށް އެތައް ކަމެއް އެހެން ބައެއް ގައުމުތަކުން ފެނިފައި ހުރެއެވެ. މި ގޮތުން ބައެއް ގައުމުތަކުގައި މަޖިލީހުގެ މެންބަރުން ޖަލްސާއަށް ހާޒިރުވެ އިށީނދެ ތިއްބަވައިގެން އަމިއްލަފުޅު ފޯނުން ބަރަހަނާ މަންޒަރު ބަލައިގެން ފަޅާ އެރި މެންބަރުންގެ އަދަދެއް ހޯދުމަކީ ވެސް ދަތި ކަމެކެވެ. އެ ވަރަށް އެ ފަދަ ހަބަރުތައް ދުނިޔޭގެ މަސްރަހުން އައިސް ހުރެއެވެ. އޭގެ ތެރެއިން މިދިޔަ މަދު އަހަރުތަކެއްގައި ހިނގާފައިވާ މިފަދަ މައްސަލަތަކަށް އަލި އަޅުވައިލާނަމެވެ.

ތައިލެންޑް މެންބަރަކު ބަރަހަނާ މަންޒަރު ބެލުން، އޭނާ ގުޅުވައިލީ ސިޔާސީ "ފްރޭމް ގޭމް" އަކަށް

އެއީ މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ތައިލެންޑްގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާއެކެވެ. ގާނޫނު ހަދާ މަޖިލީހެއްގައި ހިނގާނެ އެންމެ ބޮޑު މަސައްކަތް ކަމުގައިވާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުން ކުރިއަށް ގެންދިޔަ ޖަލްސާއެކެވެ.

ވެރިކަން ކުރާ މައި ޕާޓީ ޕަލަންގް ޕްރަޗަރާތްގެ މެންބަރެއް ކަމުގައިވާ ރޮނަތެޕް އަނުވާތް އެ ދުވަހުގެ ޖަލްސާގައި އިންނެވިއިރު އޭނާގެ ފޯނުން އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯއެއް ބަލަން އިންނަނިކޮށް ރިޕޯޓަރުންތަކަކަށް ވީޑިއޯއިން ފާހަގަވެ ފޮޓޯއާއެކީ އެ ކަން ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ތައިލެންޑްގެ މަޖިލީހުގެ ރައީސް ވިދާޅުވެފައިވަނީ އޭނާގެ އަމިއްލަ ފޯނުން ނުރަނގަޅު ފޮޓޯއެއް ބެލުމަކީ މެންބަރުންގެ ސުލޫކާ ގުޅޭ ކަމެއް ގޮތުގައި ގަވާއިދުގައި ނެތް ކަމަށެވެ. އަދި އެ ގައުމުގެ ބަރުލަމާނީ ތާރީހުގައި ވެސް މެންބަރަކާ ގުޅޭ ގޮތުން އެފަދަ ކަމެއް ބަލާފައި ނެތް ކަމަށެވެ.

ބަރަހަނާ މަންޒަރު ބެލި ކަމަށް ބުނާ މެންބަރު ވިދާޅުވެފައިވަނީ އެއީ އޭނާގެ ފޯނެއް ނޫން ކަމަށާއި އެއީ އެހެން މެންބަރަކު އޭނާއަށް ދިއްކޮށްލި ފޯނެއް ކަމަށެވެ. އަދި އެއީ އޭނާގެ އަގު ވައްޓާލަން ރޭވިގެން ކުރި ކަމެއް ކަމަށް ވިދާޅުވިއެވެ.

ބަރަހަނާ މަންޒަރު ބެލުމަށް ވުރެ ޕޮކިމޯން ގޭމް ކުޅުން ގޯސްކަމަށް ބުނި މެންބަރެއް

މީޑިއާ ރިޕޯޓްތަކަށް ބަލާއިރު ދެން މިފަދަ ބޮޑު ސުރުހީއެއް ފެނިގެން ދިޔައީ ޔޫކްރެއިންގެ ގާނޫނު ހަދާ މަޖިލީހުންނެވެ. ޔޫކްރެއިންގެ އެންމެ ބޮޑު އެއް ކޯލިޝަން ކަމުގައިވާ "ޕޮޕިއުލާ ފްރޮންޓް" ކޯލިޝަން ތަމްސީލް ކުރައްވާ މެންބަރު ލަޗޭޒްލާވް ކޮންސްޓަންޓިނޮވްސްކީ އޭނާގެ ފޯނުން ބަރަހަނާ މަންޒަރު ހުރި ފޮޓޯތަކާއި ވީޑިއޯތައް އަޅުވައި ބައްލަވަން އިން ވީޑިއޯއެއް އާންމު ވެގެން ދިޔައެވެ.

މި ހަބަރު ދުނިޔޭގެ މީޑިއާތަކުގައި ބޮޑަށް ފާހަގަކުރަން ފެށީ އެ ވީޑިއޯއާ ގުޅިގެން ރައްދުގައި މެންބަރު ދެއްވި ޖަވާބާ ގުޅިގެނެވެ. މެންބަރު ވިދާޅުވެފައިވަނީ މަޖިލީހުގެ ޖަލްސާއަކީ އެފަދަ ކަމެއް ކުރައްވަން އެންމެ ރަނގަޅު މާހައުލު ނޫން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި "ޕޮކެމޯން ގޯ" ގޭމް ކުޅެން ނީންނެވީތީ ޝުކުރުވެރިވާން ޖެހޭ ކަމަށެވެ. އޭނާގެ އެ ހެއްވާ މަޖާ ރައްދަށް ވެސް ގިނަ ބައެއް ފާޑުކިއުންތައް އަމާޒުވެފައިވެއެވެ.

ޕޯޗުގަލްގެ މެންބަރަކު ބަރަހަނާ މަންޒަރު ބެލުން، އޭނާ ގޯސްކުރީ އެ މެސެޖް ފޮނުވި މީހާ

ދެހާސްފަނަރަ ވަނަ އަހަރު ޕޯޗުގަލްގެ ގާނޫނު ހަދާ މަޖިލީހުގެ އެ ގައުމުގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީއަަށް ނިސްބަތްވާ މެންބަރެއް ކަމުގައިވާ ރޮޑްރިއުގެޒް އޭނާގެ ފޯނުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯތަކެއް ބަލަމުން ދިޔަ ވީޑިއޯއެއް އާންމުވިއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާގެ ފޯނުން ކައިރީގައި ތިބި ބައެއް މެންބަރުންނަށް އެ ފޮޓޯ ދައްކަވައި ހެމުން ގެންދެވިއެވެ.

އެކަމަކު އެކަމާ ގުޅޭ ގޮތުން މީޑިއާތަކުން އޭނާއާ ސުވާލު ކުރުމުން ވިދާޅުވީ އެއީ އޭނާގެ ވަޓްސްއެޕަށް މީހަކު ފޮނުވި މެސެޖެއް ކަމަށެވެ. އޭނާއަށް ދުވާލެއްގެ މަތިން އެކި މީހުންގެ މެސެޖްތައް އަންނަ ކަމަށާއި ހުސް ވަގުތުކޮޮޅުތަކުގައި އެ މެސެޖްތައް ބައްލަވާ ކަމަށެވެ. އެ ދުވަހު ވެސް ޖަލްސާގައި އިންނަވައިގެން ވަގުތު ކޮޅެއް ލިބިވަޑައިގަތުން މެސެޖްތައް ބައްލަވަމުން ގެންދެވަނިކޮށް އެ މެސެޖް ހުޅުވުނީ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ މެސެޖެއް ފޮނުވުން ހިތްހަމަޖެހިވަޑައިނުގެންނެވި ކަމަށް ވެސް ވިދާޅުވިއެވެ. އެ ފޮޓޯ ވަގުތުން ޑިލީޓް ކުރެއްވި ކަމަށާއި މެސެޖް ފޮނުވި މީހާ ވެސް ބްލޮކް ކުރެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ދަށު ދަރަޖައިގެ ކަންކަން އެއްވެސް މީހަކު ކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮންމެއަކަސް ސިޔާސީ ބޭފުޅުންނަކީ އަބަދުވެސް "މޮޅު ދޮގު" ހަދަން މޮޅު ބައެކެވެ. އެހެންކަމުން އެބޭފުޅުންގެ ފަރާތުން މިފަދަ އުޒުރެއް ފެނުން އެއީ ގިނަ މީހުންނަށް ހައިރާންކަން ލިބޭ ކަމެއް ވެސް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އާސިދާ

    ތިޔައީ ތިހެންވީރު މުޅިން އަގު ވެއްޓިފައި އޮތް ތަނެއްދޯ

    12
    1
  2. 😏

    ހާދަ ވަރެއް ވެލާފަ އެ ދޯ އެހެރީ.

    11
    1
  3. މަގޭ ޚިޔާލު

    ސިޔާސީ މީހުންގެ ތެރޭގައި ދެބާވަތެއްގެ ބަޔަކު އުޅެއެވެ. ނިޔަތް އިޚުލާސްތެރި ބަޔަކާއި ތަން ފަސާދަކުރުމަށް ލޯބި ކުރާބައެކެވެ. ނިޔަތް އިޚުލާސްތެރިންގެ ފޮލޯވަރުން މަދުވާނެއެވެ. އަދި އެބައިމީހުންނޭ ކިޔައިގެން މުޖުތަމައުގައި ހަޑިމުޑުދާރު ވާހަކަތައް ދެއްކުން ގިނަވާނެއެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ސާބިތެއް ނުވާނެއެވެ. އެއީ ބަސްމަދު ބައެކެވެ. ފަސާދައަށް ލޯބިކުރާ މީހުން އަބަދުވެސް ކުޅޭނީ ޑިފެންސަށެވެ. އެބައިމީހުންނަށް ކުރެވޭ ތުހުމަތުތަކުން ބަރީއަވާން މޮޅުވާހަކަ ދެއްކުން ނޫން ކަމެއް ކުރާނެ ވަގުތެއް އެމީހުންނަކަށް ނޯންނާނެއެވެ.

    14
  4. ހުސޭނުބޭ

    ތިއުޅެނީ އަދި މާ ފަހަތުގައި. އަހަރެމެން މަޖިލީހު މެމްބަރުން ވަނީ ވެބްކެމްކީ ކަހާނީ ކުޅެފައި. އެކަމުގައި ކުށްވެރިވީ އެ ވާހަކަ ދެއްކި މީހުން. އަހަރެމެންގެ ޖުޑިޝަރީ އިސްާހްވެފައިވާލެއް ފުރިހަމކަމުން ކަންތައްތައް ވަނީ އެފަދައިން

    15
    2
  5. ޙަބޭސް

    މަޖިލީހެއް މިޤައުމުގަ އެބައޮތްހެއްޔެވެ؟ މަޖިލީސް ކުރި އިމާރާތް ޚަރާބުކޮށް، މުޑުދާރުކޮށް ހަދާނިންމާ
    ފައިވަނީ އަންނިއާއި، އޭނާގެ އައުވާނުންނާއި، އޭނާ
    ނިސްބަތްވާޕާރޓީންނެވެ.

    10