ބޭވަފާތެރިން ދުނިޔޭގައި އުޅެއެވެ. އޭގެތެރެއިން ވެސް ބޭވަފާތެރިވުމުގައި އަދި ނަން ހިނގާ، މާމަތީ ލެވަލްއެއްގެ މީހުން އުޅެއެވެ. މިއީ އެފަދަ އަންހެނެއްގެ ވާހަކައެވެ. އެމެރިކާގެ ލަސްވޭގަސްގައި ދިރިއުޅޭ އުމުރުން 45 އަހަރުގެ ޝޯން ނަމަކަށް ކިޔާ މީހަކު އުމުރުން 28 އަހަރުގެ ޑެސްޓިނީ އާއި ކައިވެނި ކުރަން ތައްޔާރުވަމުން ދިޔައީ އެއީ އޭނާ އަށް ހުރިހާ ގޮތަކުން ވެސް ލިބޭނެ އެންމެ ފުރިހަމަ ބައިވެރިޔާ ކަމަށް ދެކިގެންނެވެ.

ޑެސްޓިނީ ކުށެއްގައި ބެދި ޖަލަށް ލުމުން ބައި ލައްކަ އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް އަށްލައްކަ ދިވެހި ރުފިޔާ) ކޯޓަށް ދައްކައިގެން ޑެސްޓިނީ ޖަލުން ނެރެ ދެމީހުން އެންގޭޖްވެ ދެމީހުން ދިރިއުޅެމުން އައީ ނިކަން ލޯބިގެންނެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޑެސްޓިނީއާއި މެދު ޝޯން ކުރަމުން އައި ހުރިހާ އުއްމީދެއް ގެއްލިގެން ހިނގައްޖެއެވެ.

ޑެސްޓިނީ ޖަލުން ނެރުނީ ޕެރޯލްގެ ޝަރުތެއްގެ ގޮތުގައި ކޯޓަށް ފައިސާ ދައްކަން ޙުކުމުގައި އޮތުމުންނެވެ.

ޝޯން އަކީ މާގިނައިން މީސް މީޑިއާ ބޭނުން ކުރާ މީހެއް ނޫނެވެ. ފޭސްބުކް އިން ޑެސްޓިނީ ހޯދަން އޭނާ ނިންމީ ރަހުމަތްތެރިޔަކަށް ޑެސްޓިނީ ފޭސްބުކް އިން ފެނިގެން ޝޯން އާއި އެވާހަކަ ދެއްކުމުންނެވެ. ޝޯން ބެލި ބެލުމުން އެނގުނީ ޝޯން އާއި އެންގޭޖް ވެގެން ހުރި ޑެސްޓިނީ ވަނީ އަދި އިތުރު ދެފިރިހެނުންނާއި ވެސް އެންގޭޖް ވެފައެވެ. އޭނާ ދިޔައީ އެދެފިރިހެނުންނަށް ވެސް އޮޅުވާލައިގެން އެމީހުންނާއި އެކު ވެސް "ވަރަށް ލޯބި" ދިރިއުޅުމެއް އުޅެމުންނެވެ.

ފޭސްބުކް އާއި އިންސްޓަގްރާމްގައި އެހެންނަންތަކެއް ބޭނުން ކޮށްގެން ޑެސްޓިނީ އިތުރު ބަޔަކަށް އޮޅުވާލާފައިވާކަން ފަޅައި އަރާފައި ވާއިރު އެމީހުންގެ އަތުން ވެސް ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

ކުރިން ކުރި ކައިވެންޏަކަށް ހަކުދިން ލިބިފައިވާ ޝޯން ބުނީ ދިރިއުޅުން އާފެށުމަކުން ފަށަން އޭނާ ކުރަމުން އައި އުއްމީދުތައް މިހާރު ވިއްސިވިހާލިވެފައިވާ ކަމަށެވެ.

ޑެސްޓިނީގެ އަމަލުތައް ފަޅައިއެރުމުން އޭނާ އާއި މީޑިއާ އިން ވަނީ ސުވާލުކޮށްފައެވެ. ނަމަވެސް މީޑިއާގެ ސުވާލުތަކަށް ޖަވާބުދޭން ޑެސްޓިނީ ވަނީ ދެކޮޅު ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު