ކޮވިޑް-19ގެ ސަބަބުން އައި ފުރަބަންދުގައި ތިބެގެން އެތައް ބަޔަކު ކެއްކުމަށް ޝައުގުވެރިވެ އެ މަސައްކަތް ވެސް ވަނީ ދަސްކޮށްފައެވެ. އޭގެތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

މިގޮތުން ފުރަބަންދުގައި ކައްކަން ދަސްކޮށްފައިވާ ޓެމިލްނާޑޫގެ ކުއްޖެއްކަމަށްވާ ލަކްޝްމީ ސައީ ޝްރީ ވަނީ 58 މިނިޓްގެ ތެރޭގައި 46 ބާވަތެއްގެ ކާނާއެއް ތައްޔާރުކޮށް ޔުނިކޯ ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދައިފައެވެ. ލަކްޝްމީ މި ރިކޯޑު ހަދާފައިވަނީ މިދިޔަ އަންގާރަ ދުވަހު ޗެންނާއީގައެވެ.

ކެއްކުމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ލަކްޝްމީ ބުނީ އޭނާ ކެއްކުމަށް ޝައުގު އުފެދުނީ އަދި ކައްކަން ދަސްކޮށްފައިވަނީ ވެސް އޭނާގެ މަންމަގެ ފަރާތުން ކަމަށެވެ. މިފަދަ ކާމިޔާބެއް ލިބުނީތީ އުފަލުން ހުރި ކަމަށް ވެސް ލަކްސްމީ ބުނެފައިވެއެވެ.

ލަކްޝްމީގެ މަންމަ ކަލައިމަގަލް ބުނެފައިވަނީ ލަކްޝްމީ ކައްކަން ދަސްކޮށްފައިވަނީ ފުރަބަންދުގެ ތެރޭގައި ކަމަށާއި، އޭނާ ވަރަށް ރަނގަޅަށް އެކަން ދަސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ލަކްޝްމީގެ ބައްޕަ ބޭނުންވީ ލަކްޝްމީ ދުނިޔޭގެ ރިކޯޑު ހެދުމަށް ކަމަށް ވެސް ކަލައިމަގަލް ބުނެފައިވެއެވެ.

''ޓެމިލް ނާޑުގެ ތަފާތު ސަގާފީ ކެއްކުންތައް އަހަރެން ކައްކަން. މި ފުރަބަންދުގައި އަހަރެންނާއިއެކު ދަރިފުޅު ވަރަށް ގިނައިން ބަދިގޭގައި އުޅުން. ދަރިފުޅު ކެއްކުމަށް ހުންނަ ޝައުގުވެރިކަން އަހަރެންގެ ފިރިމީހާއާއި ހިއްސާ ކުރުމުން ފިރިމީހާ ބުނީ ދުނިޔޭގެ ރިކޯޑެއް ހެދުމަށް'' ދުނިޔޭގެ ރިކޯޑު ހެދުމަށް ނިންމިގޮތާއި މެދު ލަކްޝްމީގެ މަންމަ ބުންޏެވެ.

މިކަމާއި ގުޅިގެން ލަކްޝްމީގެ ބައްޕަ ހޯދި ހޯދުމުން އެނގުނީ އުމުރުން 10 އަހަރުގެ ކެރަލާ ކުއްޖެއް 30 ބާވަތުގެ ކާނާ ތައްޔާރުކޮށް ރިކޯޑު ހަދާފައިވާ ކަމަށެވެ.

އެހެންކަމުން ލަކްޝްމީގެ ބައްޕަ ބޭނުންވީ ކޭރަލާ ކުއްޖާގެ ރިކޯޑު ލަކްޝްމީ މުގުރާލުމަށް ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.