އިންޑިއާގެ ދިއްލީގެ ޓިހާރު ޖަލުގައި ހިންދޫ ގައިދީންތަކެއް މުސްލިމް ގައިދީންނާއެކު ކުރިއަށް މިދާ ރަމަޞާން މަހުގެ ތެރޭގައި ރޯދަ ހިފަން ފަށައިފިއެވެ.

އިންޑިއާގެ އެންމެ ގިނަ ގައިދީން ގެންގުޅޭ އެއް ޖަލު ކަމަށްވާ ޓިހާރު ޖަލުގައި 2299 މުސްލިމުން އުޅެއެވެ. އަދި އެ ހުރިހާ އެންމެންވެސް ދަނީ ރޯދަ ހިފަމުންނެވެ. އެމީހުންނާއެކު 59 ހިންދޫން ވެސް ދަނީ ރޯދަ ހިފަމުންނެވެ.

ޖަލުގެ ގާާޑުންނާއި ހަވާލާދީ އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެމީހުން ރޯދަ ހިފަމުންދަނީ ތަފާތު އެކި ސަބަބުތަކަށްޓަކައެވެ. އެގޮތުން ބައެއް ގައިދީން ރޯދަ ހިފަމުން ދަނީ ޖަލު ހުކުމް ކުޑަ ވާނެ ކަމުގެ އުންމީދުގައި ކަމަށް ވެއެވެ. އަދި 45 އަހަރުގެ އަންހެން ގައިދީއަކު ބުނެފައި ވަނީ އޭނާ ރޯދަ ހިފަމުން ދަނީ އޭނާގެ ދަރިފުޅަށް ހެޔޮގޮތް މިންވަރު ކުރައްވާތޯއެވެ.

"ހިންދުސްތާން ޓައިމްސް" އިން ރިޕޯޓުކޮށްފއިވާ ގޮތުން ދާދި ފަހުން އެ ޖަލަށް ގެންދިޔަ އުމުރުން 21 އަހަރުގެ ހިންދޫ ގައިދީއަކުވެސް ވަނީ މުސްލިމުންނާއެކު ރޯދަ ހިފަން ފަށާފައެވެ. އޭނާ ބުނިގޮތުގައި އޭނާ ރޯދަ ހިފަން ފެށީ އޭނާއާއެކު އުޅޭ މީހުންވެސް ރޯދަ ހިފާތީ އެކަމުގައި ބައިވެރިވުމުގެ ގޮތުންނެވެ.

ޓިހާރު ޖަލުގެ ބައެއް ހިންދޫ ގައިދީން މުސްލިމުންނާއެކު ރޯދަ ހިފަން ފެށުމުން އެކަން ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައެވެ. ބައެއް ފަރާތްތަކުން ބުނަމުން ދަނީ ރޯދަ ހިފަމުންދާ ފަރާތްތަކަށް އެކަމުގެ ސަބަބުން އިސްލާމް ދީނުގެ ރިވެތި އާދަތައް އެނގި ދީނުގެ ހަގީގަތް އެނގިގެންދާނެ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބުއްޅަބޭ

    ޖަލުންދޭ ކާއެއްޗެހި ނުބައިކަމުން ނުކާންވެގެން ތިބެނީބާ! ރޯދަޔަކީ ކޯޗެއްކަން އެގޭބާ ތިމީހުންނަށް!

  2. މީ

    މާތްﷲ ތެދުމަގު ދައްކަވާށި އާމީން

  3. ތުނިޔަ

    ރޯދަ ހިފުމުގެ ކުރިން ﷲއަށް އީމާންވޭ...ތީގެ ފައިދާއެއް އޮތީ އޭރުން.

  4. ދޮންބެ

    މުސްލިމުން ކުރާ އެފަދަ މާތް އަޅުކަމަކަށް އިޙްތިރާމްކޮށް ޢަމަލީގޮތުން ބައިވެރި ވުމުންވެސް އެމީހުންނަށް ތެދުމަގު ދެއްކެވުމަށް އޯގާވަންތަ މާތްﷲ ކުޅަދުންވަންތަ.

  5. ދީނާ

    ރޯދައިގެ ދަރުމަ ލިބޭނީ ފަރްޞުކުރައްވާފައިވާ ނަމާދާއިވެސް އެކު، އެމީހުނަށް ތެދުމަގުދައްކަވާށި. ﷲއީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.