ބޮލީވުޑުގެ މެގަސްޓަރ އަމީތާބު ބައްޗަންއަކީ ހިޓް އެތައް ފިލުމެއްގައި އެކްޓް ކުރުމުގެ އިތުރުން މީސް މީޑިޔާގައި އޭނާގެ ސަޕޯޓަރުންނާއި ފޮލޯވަރުން އެންޓަޓެއިން ކޮށްދިނުމަށް ތަފާތު ޕޯސްޓްތައް ހިއްސާ ކުރާ ފަންނާނެކެވެ.

ޓްވިޓާގައި އަމީތާބަށް ފޮލޯކުރާ މީހުންގެ އަދަދު 45 މިލިއަނަށް އެރުމުން އޭނާގެ ސަޕޯޓަރަކު ހިއްސާ ކޮށްފައިވާ ފޮޓޯއަކަށް އަމީތާބު ބުނެފައިވަނީ އެއީ ހަމައެކަނި ފޮޓޯއެއް ނޫން ކަމަށާއި އެ ފޮޓޯގެ ފަހަތުގައި ހިތްދަތި ހާދިސާއެއް ވާ ކަމަށެވެ. އަދި އެ ހާދިސާ އަމީތާބު ވަނީ އޭނާގެ ޓްވިޓާގައި ހިއްސާ ކޮށްފައެވެ.

''އަހަރެންގެ ސަޕޯޓަރަކު މި ފޮޓޯ ހިއްސާކޮށް ބުނެފައިވަނީ ޓްވިޓާގައި 45 މިލިއަން ސަޕޯޓަރުން ހަމަވެފައިވާ ކަމަށް. ނަމަވެސް އަހަރެންނަށް މިއީ ހަމައެކަނި ފޮޓޯއެއް ނޫން. އެއީ ކޫލީ ނަންބަރު 1ގެ ދުވަސްވަރު، ޝޫޓިންގެ ތެރެއިން މަރުގެ އެތިފަހަރަކުން ސަލާމަތް ވެގެން އަހަރެން ގެއަށް އައި ވަގުތު. އެއީ އަހަރެންގެ ބައްޕަ ފުރަތަމަ ފަހަރަށް އެހާ ދެރަވެފައި ހުއްޓާ ފެނުނު ފުރަތަމަ ފަހަރު. ފޮޓޯގެ އެއް ފަރާތެއްގައި އެ ހުރީ އެކަމާ ހާސްވެފައި ހުރި އަބީޝެކް ބައްޗަން'' ސަޕޯޓަރަކު ހިއްސާކޮށްފައިވާ ފޮޓޯއެއް ހިއްސާ ކުރަމުން އަމީތާބު ލިޔެފައިވެއެވެ.

އަމީތާބުގެ ފިލުމީ މަސައްކަތްތަކަށް ބަލާއިރު ކުރިއަށް ހުރި ފިލުމުތަކުގެ ތެރޭގައި ހިމެނެނީ ބޮލީވުޑުގެ ލޯބީގެ ޖޯޑެއް ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްއާއި އެކު ކުޅެފައިވާ ''ބްރަހްމަސްތުރާ'' އާއި އަޖޭ ދޭވްގަން ޑައިރެކްޓްކޮށް އެކްޓް ކުރާ ފިލުމު ''މެއިޑޭ'' އާއި، ރިއާ ޗަކްރަބޯތީ އަލުން އިންޑަސްޓްރީއަށް ނިކުންނަ ފުރަތަމަ ފިލުމު ''ޗެހެރޭ'' އެވެ.