ބޮލީވުޑު އަދި ހޮލީވުޑްގައި އެންމެ ގަދައަށް ފިޔަޖަހާ ތަރި ޕްރިޔަންކާ ޗޯޕްރާއަށް އެންމެ ބޮޑު ސަޕޯޓެއް ލިބިފައިވަނީ އޭނާގެ ބައްޕަ ޑރ.އަޝޯކް ޗޯޕްރާގެ ފަރާތުންނެވެ. ޑރ.އަޝޯކް ދުނިޔޭގައި ހުރިއިރު ވަރަށް ބޮޑަށް ބަލިވުމުން އެކަމަށް އެހީތެރިވެދީފައި ވަނީ ބޮލީވުޑުގެ އެކްޓަރ ރިތިކް ރޯޝަނެވެ.

ދާދިފަހުން ނެރެފައިވާ ޕްރިޔަންކާގެ ބައޮގްރަފީ ''އަންފިނިޝްޑް'' ގައި ރިތިކް ދީފައިވާ އެހީތެރިކަން ފާހަގަކޮށް އޭނާ ކޮށްދިން ކަންތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. ޕްރިޔަންކާގެ ބައްޕައަށް ކެންސަރު ޖެހި ވަރަށް ބޮޑަށް ބަލިވުމުން އެންމެ ރަނގަޅު ފަރުވާ ހޯދައިދިނުމަށް ރިތިކް ވަނީ އޭނާއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދީފައި ކަމަށް ވެސް ޕްރިޔަންކާގެ ފޮތުގައި ލިޔެފައިވެއެވެ.

ބޭސް ފަރުވާ ހޯދުމަށް ވަގުތުން ލަންޑަނަށް ޕްރިޔަންކާގެ ބައްޕަ ގެންދިޔުމަށްޓަކައި ރިތިކް ވަނީ ފްލައިޓެއް ހަމަޖައްސައިދީފައި ކަމަށް ވެސް ވަރަށް ޝުކުރުވެރިކަމާއި އެކު ޕްރިޔަންކާ ފާހަގަ ކޮށްފައިވެއެވެ.

ރިތިކްއާއި އޭނާގެ ބައްޕަ ރާކޭޝް ރޯޝަން އެކި މީހުންނަށް ގުޅައިގެން ވަގުތުން ލަންޑަނަށް ޕްރިޔަންކާގެ ބައްޕަ ގެންދެވޭނެ ގޮތް ހަދައިދިނުމަކީ ޕްރިޔަންކާ ދުވަހަކު ވެސް ހަނދާން ނެތޭނެ ކަމެއް ނޫން ކަމަށާއި އެއީ އެ އާއިލާއަށް ކޮށްދެވުނު ވަރަށް ބޮޑު ހެޔޮ ކަމެއް ކަމަށާއި އަބަދުވެސް އެކަމަށްޓަކައި ޝުކުރުވެރިވާނެ ކަމަށް ޕްރިޔަންކާގެ ''އަންފިނިޝްޑް'' ގައި ލިޔެފައިވެއެވެ.

2013 ވަނަ އަހަރު ޕްރިޔަންކާގެ ބައްޕަ މަރުވުމުން އޭނާ ދެރަވި މިންވަރު ބަޔާން ކޮށްދީފައިވާ މި ފޮތް ރިލީޒް ކުރުމަށް ފަހު ޕްރިޔަންކާ ވަނީ އޭނާ މި ފޮތް ކިޔައިދޭ ވީޑިއޯއެއް ވެސް މީސް މީޑިއާ އެކައުންޓުގައި ހިއްސާ ކޮށްފައެވެ.