ޕްރިންސް ހެރީއާއި މޭގަން މާކެލްއަށްފަހު އޮޕެރާ ވިންފޭގެ ޓޯކް ޝޯގެ މެހުމާނަކަށް ދެން ފެނިގެންދާނީ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްއެވެ.

މި ޝޯގައި ޕްރިޔަންކާ ބައިވެރިވަނީ އޭނާގެ ބަޔޮގުރަފީ ''އަންފިނިޝްޑް'' ގެ ޕްރޮމޯޝަނަށެވެ. މި ޝޯ ދައްކާ ޗެނަލް ކަމުގައިވާ ޑިސްކަވަރީ ޕްލަސްގެ އިންސްޓަގުރާމު އެކައުންޓްގައި ހިއްސާ ކޮށްފައިވާ ޕްރޮމޯ ވީޑިއޯގައި މަޑު ނޫކުލައިގެ ހެދުމެއް ލައިގެން އިން ޕްރިޔަންކާއާއި ނިކްއާއި އޭނާގެ އާއިލާއާއި ގުޅޭގޮތުން ސުވާލު ކުރާ މަންޒަރު ދައްކުވައިދެއެވެ.

''ސުޕަރ ސޯލް''ގެ ނަމުގައި ގެނެސްދޭ މި ބައިގައި އެތައް މަޝްހޫރު ފަންނާނުންނެއްގެ އިންޓަވިއުތައް ގެނެސްދޭނެ ކަމަށް ވެސް މި ޕޯސްޓުގައިވެއެވެ. އޭގެތެރޭގައި އެންޑްރާ ޑޭ، ޝެރޯން ސްޓޯން، ޖޫލިއާނާ މާގުލީސް، މަތާ ބެކް، ޖޯނާ ގެއިންސް ފަދަ ފަންނާނުން ހިމެނެއެވެ.

އޮޕެރާ ވިންފޭ ބުނެފައިވާ ގޮތުގައި އޭނާގެ މި ޝޯގައި ގެނެސްދޭން ބޭނުންވަނީ އެންމެން ވެސް އިންސްޕަޔަރ ކުުރުވާ ފަދަ ވާހަކަތައް ކަމަށާއި ދިރިއުޅުމަށް އައު މާނައެއް ހޯދައިދީފައިވާ މީހުންގެ ވާހަކަތައް ކަމަށެވެ.

މި އިންޓަވިއުތައް ދެއްކުމަށް ހަމަޖެހިފައިވަނީ ޑިސްކަވަރީ ޕްލަސްއިން މި މާރޗް މަހުގެ 20 ވަނަ ދުވަހު ކަމަށް ރިޕޯޓް ތަކުގައިވެއެވެ.

މަސައްކަތުގައި ބުރަކޮށް އުޅެމުންދާ ޕްރިޔަންކާ، އޭނާގެ ބަޔޮގްރަފީ ''އަންފިނިޝްޑް'' ނިންމާލުމަށްފަހު ވަނީ ނިއުޔޯކުގައި އަމިއްލަ އިންޑިއަން ރެސްޓޯރެންޓެއް ކަމުގައިވާ ''ޝޯނާ'' ވެސް ހުޅުވާފައެވެ. މީގެއިތުރުން ހެއަރ ކެއަރ ބްރޭންޑެއް ކަމުގައިވާ އެނޮމަލީއާއި ޑޭޓިން އެޕްއެއް ކަމަށްވާ ބަމްބަލްއަށް ވެސް ޕްރިޔަންކާ ވަނީ އިންވެސްޓް ކޮށްފައެވެ.