ހަވީރު ވެގެން އައިއިރު ނަގާ ބޯމަތި ކޮށް ހަތަރު އުދަރެސް ބައްދާލީ ކަޅު ބޯ ވިލާތަކުންނެވެ. މާލޭގައި ހެލި ފެލިވެ މަސައްކަތުގައި އުޅުނު ގިނަ މީހުން ވެސް ހަރުކޮށް ހިނގާފައި އެދަނީ އެމީހުން ދިރިއުޅޭ ތަނަކަށް ވަދެވޭތޯއެވެ. ހަވީރު އިސްކޫލުން ނިމޭ ކުދިން ބަލާދާ ބެލެނިވެރިން ވެސް ކޯޓާއި ކުޑަ ހިފައިގެން ހަރުކޮށް ދާތަން ފެނެއެވެ. ވިލާގަނޑުގެ ވައި އަންނަނީ މަޑު މަޑުން ގަދަ ވަމުންނެވެ. ކަނޑުގެ ރާޅުތައްވެސް ހުދުފޮނު އަރުވަން ފަށައިފިއެވެ. އިރުވައިގެ ހަޅައިގެ އަސަރެވެ. އުތުރު ހަޅައެވެ. އިރުގެ އަލިކަން ވެސް މިހާރު ފެންނާކަށް ނެތެވެ. މާ އަވަހަށް އަނދިރި ވާން ފެށުމުންނެވެ. މަގުމަތީގައި ހުރި ބައްތިތައް ވެސް ދިއްލެން ފަށައިފިއެވެ. ކޮތަރު ތަކާއި ވާ ވެސް ފެންނަނީ އެސޮރުމެންގެ ޖަގަހާއި ދިމާއަށް މިސްރާބު ޖަހާފައިވާ ތަނެވެ.

ބޯވިލާގަނޑުގެ ވާރޭ ވެހެން ފެށީ ވެސް ބޯކޮށެވެ. މަޣްރިބު ނަމާދަށްދިޔަ މީހުންވެސް މިސްކިތުގައި ތާށިވެފައި ތިބީއެވެ. ވާރޭގެ ބޯކަމުން އަސްކަނިތައް ދޮށުގައި ގުޑައި ނުލާ ތިބި މީހުން ވެސް ފެނެއެވެ. މަގުތަކުގައި ދަނީ ފެން ބޮޑުވަމުންނެވެ.

ވެހެމުން ދިޔަ ބޯވާރޭ އަދިވެސް ތުނިކޮށްލާކަށް ނޫޅެއެވެ. މުޅި ޖައްވުއޮތީ ފިނިކޮށެވެ. މާލޭ ސޯޝަލް ސެންޓަރުގެ ބޭރުގައި ހުރި ބޮޑެތި ބިޔަ އޮފިއެލޭ ގަސްތަކުގެ އޮފިތައް ވެސް އެންމެ ހިނދުކޮޅަކަށް ވެސް ހިމޭނުން ނޯވެއެވެ. އެތަނުގައިހުރި ޖޯލި ފަތިތަކުގައި އެންމެ މީހެއް ފިޔަވާ އެކަކުވެސް މިވަގުތަކު ނެތެވެ. އެތަނުން ޖޯއްޔެއްގައި ކުޑައެއް ނަގައިގެން އިން އަންހެނަކީ އަބަދުވެސް ވިއްސާރަ ވެއްޖިއްޔާ ފެންނަ މީހެކެވެ. ވިއްސާރަ ވުމުން އޭނާ މިތަނަށް އަންނަނީ ކީއްކުރަން ހެއްޔެވެ؟

ވާރޭ ވެހޭނަމަ އިކްރިޝާގެ އުފަލަކީ ވާރެއާއި ތެމުމެއް ނޫނެވެ. ވާރޭ ވެހޭ އިރު ބޭރުގައި އުޅުމެވެ. ކުޑަ ނަގައިގެން ނުވަތަ ކޯޓްލައިގެންނެވެ. ވާރޭގެ ފިނިކަމުގައި އެކަނި މާއެކަނި ބޭރުގައި އުޅުމެވެ.

އިކްރިޝާ އަކީ ކުޑައިރުން ސުރެ ބައްޕަގެ ލޯބި މާބޮޑަށް ލިބުނު ކުއްޖެއް ނޫނެވެ. ހަނދާން ހުންނަން ފެށިއިރު ބައްޕަ ވަނީ ނިޔާ ވެފައެވެ. އެހެން ކަމުން އެކަމުން މަހުރޫމު ވީއެވެ. ފަހުން މަންމަ ކުރި ކައިވެނިން ދޮން ބައްޕައަށް ލިބުނު ދެކުދިންގެ ސަބަބުން އިކްރިޝާ ވަނީ ވަރަށް ބޮޑަށް ބާކީ ވެފައެވެ. ދޮން ބައްޕައަކީ މަންމައަށް ހެޔޮ މީހެއް ނޫނެވެ. އޭނާގެ ގޯސް އާދަ ތަކުގެ ސަބަބުން މަންމަ ކުރާ ޝަކުވާގެ ހުރިހާ އަދަބަކީ އަނިޔާ ކުރުމެވެ. ކުދިން ކުޑަ ކަމާއެކު އެ މަންމަ އެ ކެކުޅުން ތަކަށް ކެތްކުރީއެވެ.

ދޮން ބައްޕަ މަސްތުވާ ތަކެތި ބޭނުން ކުރާ ކަން އެނގުނީ އެތައް ދުވަހެއް ވީފަހުންނެވެ. ރަލުގެ މަސްތުގައި ހުރެ އަތުން ފައިން ގޯސް ހަދަނީ އެވެ. ހަމަ ހޭވެރިކަން ވުމުން މަންމަ ގާތުން މައާފަށް އެދޭތަން ވެސް އިކްރިޝާއަށް ފެނެއެވެ. ނަމަވެސް އެއީ ހަމަ ނަމަކަށެވެ.

އިކްރިޝާ ކިޔަވާނިމި ކައިވެންޏެއް ކުރަންދެން އުޅެން ޖެހުނީ އެ ހައިޖާނުގައެވެ. އެ އަނދިރި ދިރިއުޅުމުގައެވެ.

ދޮންބައްޕަ ނިޔާވީ އިކުރިޝާއަށް ދެކުދިންވެސް ލިބުނު ފަހުންނެވެ. މަންމަ އަށް ހަމަ ނޭވާ ލެވުނީ އެހިސާބުންނެވެ. އޭރު މަންމަ ވަނީ އިތުރު ކައިވެންޏެއް ކުރަން ބޭނުން ނޫންކަމަށް ބުނެފައެވެ. އުމުރުން ވެސް ދުވަސް ވުމާ އަދި ދޮންބައްޕަގެ އަނިޔާގެ ސަބަބުން ލިބުނު ޒަޚަމް ތަކުގެ ފާރު ހިތުގައި ނުފިލާ ހުރީއެވެ. ކައިވެންޏަކީ ބައެއް މީހުންނަށް ހާދަހާ ވާ ހިތި އަދި ވޭން ހުރި ކަމެކެވެ. އަނެއްބައި މީހުންނަށް އުފަލާ އަރާމެވެ. އަނެއް ބައިމީހުންނަށް ފަގީރުކަމާއި މާޔޫސް ކަމެވެ. އަނެއް ބަޔަކަށް މުއްސަނދިކަމާއި ހަމަޖެހުމެވެ.

އިކްރިޝާގެ ދިރިއުޅުން ކިތަންމެ އުފާވެރި ވިއަސް އެދިރިއުޅުގައި ވެސް ވަނީ ސިއްކަ ޖެހިފައެވެ. ފިރިމީހާ އިބްރާހީމް ދީދީ ނިޔާވިތާ މިހާރު 10 އަހަރު ވެއްޖެއެވެ. އިބްރާހީމް ދީދި ނިޔާވީ ހިތް ހުއްޓިގެންނެވެ. އިބްރާހިމް ދީދީއަކީ ކުޅިވަރުގެ ތަރި އެކެވެ. ދަންނަ މީހުން ގިނަ ހިތް ހެޔޮމިޒާޖެއްގެ މީހެކެވެ.

ދެމީހުން ރައްޓެހިވީ ވެސް އަލަށެވެ. ދެމީހުންގެ ލޯބީގައި އޮތީ އަޅާލުމާއި ކުލުނާއި ހަމްދަރުދީ އެކުވެފައެވެ. އިބްރާހީމް ދީދި ނިޔާވިއިރު ދެމަފިރިންގެ ކުދިން ތިބީ ބޮޑުވެފައެވެ.

އިކްރިޝާއަކީ ހަށިގަނޑު ފުޅާ އަދި ރޫފަ ހެޔޮ އިސްކޮޅުން ދިގު އަންހެނެކެވެ. މީހުންނަށް ހިތްހެޔޮ އަންހެނެކެވެ. މާގިނަ އެކުވެރިންނާއި ރައްޓެހިން ތިބި މީހެއް ނޫނެވެ. އޭނާގެ ހުރިހާ ވެސް ކަމަކީ ދަރިންނަށް އަޅާލުމެވެ. މަންމަ އެކަނިވިޔަ ނުދިނުމެވެ. މަންމަގެ ގެއަށް ގަވާއިދުން ޒިޔާރަތް ކުރުމެވެ.

އިކްރިޝާގެ މަންމަ އަކީ ވެސް ދަރިންނަށް ހެޔޮ ކެތްތެރި އަންހެނެކެވެ. މާޒީގައި ލިބުނު އަނިޔާ ތަކަށް އެތަކެއް ގުރުބާނީވީ މައެކެވެ. މިހާރުވެސް ހެލިފެލިވެ އުޅޭ މުރާލި މީހެކެވެ.

އިކްރިޝާގެ ފިރިމީހާ އިބްރާހީމް ދީދީ ނިޔާވި ފަހުން އިތުރު ކައިވެންޏެއް ކުރުމަށް މަންމަ ވެސް ބާރު އެޅިއެވެ. ނަމަވެސް އިކްރިޝާ އެގޮތެއް ބޭނުމެއް ނުވިއެވެ. ދަރިންގެ ފަރާތުން އޯގާތެރިކާމާއި އަޅާލުން ލިބެއޭ ބުނެ އެވާހަކަތަކާ ދުރަށް ދަނީއެވެ. ބަލިވިއަސް ބޭސް ފަރުވާ ކުރުމުގައި ވެސް ކުޑަވެސް އުނިކަމެއް އެކުދިން ނުގެނެއެވެ. ދަނބިދަރިންގެ ފަރާތުން ވެސް އެހީ ތެރިކަން ލިބެއެވެ. ހުރިހާ ކުދިން ވެސް އުޅެނީ އުފަލުގައެވެ. ފުދުންތެރި ދިރިއުޅުމެއްގައެވެ.

އިކްރިޝާއަށް ވެސް ރީތި ފިރިހެނުން ފެނެއެވެ. ނަމަވެސް އެރީތިކަން މިހާރު ހިތުގައި ވަނީ ފިލްމަކުން މީހަކު ފެނުމުން ނުވަތަ ވާހަކަ ފޮތެއްގައި އުޅޭ މީހަކު ސިފަވާ ހެންނެވެ. އިޝްޤުގައި ޖެހޭ ހިތެއް ނުވެއެވެ. ފޭސްބުކުން ދިމާވި މީހަކު ކުޑަ ދުވަސް ކޮޅަކު ވާހަކަ ދައްކާ ހެދިއެވެ. ނަމަވެސް އެވާހަކަ ދެއްކުން ވެސްވީ ރަހުމަތްތެރި ކަމަކަށެވެ. ލޯބީގެ ގުޅުމަކަށް ބަދަލު ވާގޮތެއް ނުވިއެވެ. އެއީ އިކުރިޝާގެ ހިތް އެދޭ ގޮތެވެ. އިބްރާހީމް ދީދީގެ ހަނދާނުގައި މުޅި އުމުރު ހޭދަކުރާން އޭނާ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ. އަދި ނޭނގޭ ބިރު ވެރިކަމެއް އިހުސާސް ވަނީއެވެ.

ޖޯލީގައި އިށީދެ އިންނަ އިރު އިކްރިޝާ އަށް ކުރެވެނީ ބުނެދޭން ނޭނގޭ އިހުސާސް އެކެވެ. މިއަދު ވެސް އެ ވާޖިބު އަދާކުރަނީއެވެ. ވާރޭ ތުނި ކުރާކަށް ނޫޅެއެވެ. މުޅި ޖައްވުގައި ވަނީ ފިނި ކަމެވެ. ވައިރޯޅީގެ ތެތްފިނިކަން ވެސް ގަދައެވެ.

ގެއިން ނުކުތީ ކޯޓެއް ލައިގެންނެވެ. ވާރޭގެ ބޯކަމުންނެވެ. އަދި ކުޑައެއްވެސް ހިފައިގެންނެވެ. ދުވާރު މަތިން ހިނގާފައި އައިއިރު ދުއްވާފައިދިޔަ ކާރުތަކުން ފެންގަނޑުގައި އުފެދޭ ބާނި ރާޅު ދުވާރުމައްޗަށް އަރަމުންދިޔައެވެ. އަދި ފައި ތެންމާލައެވެ. ސައިކަލުގައި ދާ ބައެއް މީހުންގެ ބާރު ދުވެލީގެ ސަބަބުން ގަޔަށް ފެން ބުރުވާލައެވެ. އަރައިގެން ހުރީ ފެނުގައި ހިނގާ ވައްތަރުގެ ރަބަރު ފައިވާނަކަށެވެ.

ހިނގާފައިދާ ބައެއް މީހުންނާ ވެސް ދިމާވެއެވެ. އެމީހުން ވެސް ބަލަނީ އަވަހަށް ދާން ބޭނުންވާ ތަނަކަށް ދެވޭތޯއެވެ. ގިނައިން ދިމާވަނީ ބިދޭސީންނާއެވެ. ދުވަހުގެ މަސައްކަތް ނިންމާފައި ތެމި ފޯވެގެން އެމީހުންގެ ޖަގަހަޔަށް ދަނީއެވެ. ބޮލުގައި ކޮތަޅު އަޅައިގެންދާ މީހުންނެވެ. ބޯކަރުދާސް ގަނޑެއް ނުވަތަ ރަބަރު ގަނޑަކުން ހިޔާވެގެން ދާ މީހުން ވެސް ފެނެއެވެ. ދުނި ނެއްޓިފައި ހުރި ކުޑަތައް ވެސް ފެނެއެވެ. އެއީ އެމީހުންގެ ފެންވަރެވެ. މަސައްކަތްކުރާ ބިދޭސީން ގެ ހާލަތެވެ.

އެއީ މީގެ އެތަކެއް އަހަރު ކުރިއެވެ. އިކުރިޝާގެ އުމުރުން އޭރު ވަނީ 12 އަހަރެވެ. އެރެ އަކީވެސް ވިއްސާރަ ރެއެކެވެ. ކައިގެން ވަރަށް އަވަށް ނިދައިފިއެވެ. އިކްރިޝާ އާއި ދެން ތިބި ކޮއްކޮ މެން ތިބެނީ އެއް ތަނެއްގައެވެ. މަންމަވަނީ ކޮޓަރީގައި ނިދާފައެވެ.

އިކްރިޝާއަށް ހޭލެވުނީ ހުވަފެނެއް ފެނިގެންނެވެ. ކަޅު ބޮޑު މީހަކު ފެނިގެންނެވެ. އެބިރަށް އިކްރިޝާ ގެއިން ނުކުމެ ދުވާ މަންޒަރެވެ. މުޅި މީހާ ދާހިތްލާ ފޯވަމުން ދިޔައެވެ. ވަރުބަލިވެ މާނޭވާ ހިލެމުން ދެއެވެ. ދުރުން ވާރާ ވެހޭތަން ފެނެއެވެ. ވެހެމުން ދިޔަ ވާރޭގެ ތެރެއަށް ގޮސް ވަދެވެއެވެ. ތެމި ފޯވެ ފެންތައް ފައިބަމުން ދެއެވެ. ހުރެވުނީ ހުސްފައިގައެވެ.

ކުއްލިއަކަށް ނިދިން ހޭލެވިއްޖެއެވެ. ހޭލެވުމާއެކު ގަނެފައި ހުރި ބިރުން ދެލޯ ބޮޑު ކޮށް ބަލައި ލެވުނެވެ. އަދި އޮވެވުނީ އެނދުގައި ކަން އެނގުނެވެ. ކޮންމެވެސް މީހަކު ކައިރީގައި ހުރިހެން ހީވިއެވެ. އަނެއްކާ ލޯ މަރާލިއެވެ. އަނެއްކާ ލޯ ހުޅުވާލިއެވެ. އެމީހަކު އަންނަނީ ގާތްވަމުންނެވެ. ފައިގާ ހިފައިފިއެވެ. އަންނަނީ މޫނާ ގާތް ވަމުންނެވެ. ފައިކުރު ކޮށްފައި އެމީހެއްގެ މޭމަތީގައި ވަރަށް ބާރަށް އިކްރިޝާ ޖަހައިފިއެވެ. އަދި އެ ވަގުތު އެމީހަކު ވެއްޓުމުން އެނދުން ފުންމައިލައިގެން ގެއިން ވެސް ބޭރަށް ނުކުތީއެވެ. ވާރޭ ވެހެވެ. ވާރޭއަކަށް ނުބަލާ ދުއްވައި ގަތީއެވެ. ދުވަމުން ދުވަމުން އޭނާ އަށް ދެވުނު ހިސާބެއް ވެސް ނޭނގެއެވެ. ދުވަމުން ދިޔައީ މަންމާއޭ ގޮވަމުންނެވެ. އަދި ގިސްލާ ރޮމުންނެވެ. އޭނާ އަށް ގޮސް ވަދެވުނީ ބޮޑު އަނބު ގަހެއްގެ ހިޔަލަށެވެ. އަދި އެތަނުގައި ހުންނަން ބިރުން ގެއެއްގެ ދޮރާށީގެ ގާފޮޅުމައްޗަށް އަރާ ނިވާވިއެވެ.

އިރުކޮޅަކުން އިކްރިޝާގެ ނަމުން މީހަކު ގޮވާ އަޑު އިވެން ފަށައިފިއެވެ. އޭނާ ބިރުން ދޮރާށީގެ އެތެރެއަށް ވަދެ ފިލާ ހުއްޓެވެ. ކައިރިއަށް އައުމުން އެއީ ކާކުގެ އަޑެއްކަން އިހުސާސް ވެއްޖެއެވެ. އެއީ އޭނާގެ މަންމަގެ އަޑެވެ. ކުޑައެއް ނަގައިގެން ޓޯޗު ބައްތިއަކުން އަލި ކުރަނީއެވެ. މަންމަކަން ޔަގީން ވުމުން ނުކުމެ މަންމަ ގައިގާ އޮޅުލައި ގަނެވުނެވެ. ގިސްލާ ރޮވެން ފެށިއެވެ. ދޮންބައްޕަގެ ފަރާތުން ލިބުނު ގޯނާ ގެ ވާހަކަ ގިސްލަމުން ކިޔައިދެމުން ދިޔައެވެ.

މީ އަލަކަށް ކުރިމަތިވާ ކަމެއް ނޫނެވެ. އިކްރިޝާއަކީ އަޒުމު ވަރުގަދަ ކުއްޖަކަށް ވުމުން ދޮންބައްޕައަށް ގޮތެއް ނެހެދެނީއެވެ. މަންމައަށް މިކަން ކިޔައިދިން މިއީ ފުރަތަމަ ފަހަރެވެ. އޭނާ މިއޮތް ހުރިހާ ދުވަހު ކެތްކުރީ ދޮން ބައްޕަ ގެ ފާރާތުން މަންމަ އަށް އިތުރު އަނިޔާއެއް ލިބިދާނެތީއެވެ. އެކަހަލަ ކިތަންމެ ކަމެއް ފަޅާ އަރައިގެން ޒުވާބު ކުރާ އަޑު އިކްރިޝާ އަހައެވެ. އަދި ކޮންމެ ޒުވާބެއް ނިމެނީ އަނިޔާ އަކުންނެވެ.

ވާރޭ ވެހޭ އިރު އޭނާއަށް ގޭގައި އިނުމަށް ވުރެ ފަސޭހައީ ބޭރުގައި އެކަނި އިނުމެވެ. އެ ހަނދާންތައް ފިލާ ނުދެއެވެ. އެބިރު ވެރި ރޭތަކުގެ ހަނދާން ވެސް އާލާވަނީއެވެ.