މިއަދު މީސްމީޑިއާ ފުރާލާފައި ވަނީ ހުނަރުވެރިންގެ ހުނަރުވެރި އުފެއްދުންތަކުންނެވެ. ކުރެހުންތެރިންގެ ފަންސުރާއި ފިހިން ފާއްދާލާ ކުރެހުންތަކުން ލޮލަށް ސިފަކޮށްދެނީ ފުރިހަމަ އެތައް ތަސްވީރެކެވެ. އެކި އުމުރުފުރާތަކުގެ ފަންނުވެރިންގެ ގުލްޒާރަކަށް މީސްމީޑިއާ ވެފައި ވާއިރު އެކި ގްރޫޕްތަކާއި ޕޭޖުތަކުން ރަމްޒުކޮށްދެނީ ދިވެހިންގެ ހުނަރުވެރިންގެ ސަފުތަކުގެ ވަރުގަދަކަމެވެ. އެކި ޒާތްޒާތުގެ އެކި ރާގުގެ ފަންނުވެރިން ކުރިއަރަމުން ދާއިރު އެންމެ އުފާވެރިކަމަކީ ޅަބާޅަ ހުނަރުވެރިން އެ ދާއިރާތަކުން އުފެދެމުން އަންނަކަމެވެ.

އުމުރުން އެންމެ 14 އަހަރުގެ އައިޝަތު ނީމާ އިސްމާއިލް (ނިއްނި) އަކީ ރާއްޖޭގެ ކުރެހުންތެރިންގެ ގުލްޒާރަށް އުފަންވި ކުލަ ގަދަ މަލެކެވެ. އުމުރުން ކިތަންމެ ހަގު ނަމަވެސް އޭނާގެ ކުރެހުންތަކުން ފެންނަ ފާޑަށް ބަލާލުމުން ފެންނަނީ ހުނަރުން ފުރިގެންވާ ކުލަތަކެކެވެ. އިންސްޓަގްރާމްގައި ވެސް "ނިއްނި"ގެ ނަމުން މަޝްހޫރު ނީމާ އަކީ އެކި ކަހަލަ ޝައުގުވެރި ކުރެހުންތައް ކުރަހާ ކުއްޖެކެވެ. އެހެންނަމަވެސް އެންމެ ބޮޑަށް ނިއްނިގެ ކުރެހުންތަކުން ފެންނަނީ ޑޫޑަލްގެ ހުނަރުވެރިކަމެވެ.

ނިއްނި އެންމެ ފުރަތަމަ ކުރެހުމެއް ކުރެހީ އުމުރުން އެންމެ ތިން އަހަރުގައެވެ. އޮރެންޖު ގަހަކާއި ހިސާބުން ކުރެހުމުގެ ދަތުރު ފެށި ނިއްނިގެ ކުރެހުންތައް މިހާރު އޭނާ ކުރަހަމުން ދަނީ އަމިއްލަ ރަހަތަކާއި އެކުގައެވެ. އެގޮތުން ސައިކަލު ފަދަ އެއްޗެހީގެ މަޑީގައި ޑޫޑަލްކުރުމަކީ އޭނާ އެންމެ ކުރާހިތްވާ އެއް މަސައްކަތަކެވެ.

ނިއްނި ބުނާގޮތުން އޭނާ އެންމެ ފުރަތަމަ ކުރަހަން ފެށީ ފޫހިފިލުވަން ހުސްވަގުތު ކުރާ ކަމެއްގެ ގޮތުގައެވެ. އަދި ކުރެހުމުގެ ދާއިރާއިން ކުރިއަށް ދާން މުޅި އާއިލާގެ ހިއްވަރު ލިބުނު އިރު، ނިއްނިގެ ކުރެހުމުގެ ރާސްތާގެ މުދައްރިބަކީ އޭނާގެ ތިއްތަބެ ކަމަށް އޭނާ ބުނެއެވެ. އެގޮތުން އޭނާގެ ކުރެހުންތަކުގެ ކުލަ ހެޔޮވަރުކޮށް އެ ކުރެހުންތަކުގެ ފާޑުވެރިކަން ފުރިހަމަކުރުމަށް ތިއްތަބެގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭކަން އޭނާ ފާހަގަކުރެއެވެ.

"މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ކުއްޖަކަށް ވީމަ ވަރަށް ފޫހިވޭ. ދެން ކުރިން އެހާ ފޯނަކާއި ނުކުޅެން އޭރު. އެހެންވެ ކުރަހަން ފެށީ. ވަރަށް ކުޑަ އިރު ފެށީ ކުރަހަން. އަމިއްލަ އަށް އެންމެ ކުރިން ކުރެހި ކުރެހުމަކަށް ހަނދާން ހުންނަނީ 6 އަހަރުގައި ކުރެހި ކާޓޫން ކެރެކްޓަރ އެއް. ތިއްތަބެގެ ކުރެހުންތައް ފެނިފައި ވަރަށް އިންސްޕަޔަރވި." ނިއްނި ބުންޏެވެ.

ނިއްނިގެ މަސައްކަތްތަކުގެ ތެރެއިން އެންމެ އާދަޔާހިލާފު ކަވިމަސައްކަތަކީ ސައިކަލުތަކުގައި އޭނާ ކުރަހާފައިވާ ކުރެހުންތައް ނުވަތަ ޑޫޑަލްތަކެވެ. އެއިން ކޮންމެ މަސައްކަތަކީ ވެސް އެކަމަށް އެހާމެ ވަގުތު ހޭދަވާ ފަރުވާތެރިކަމާއި އެކު ކުރަން ޖެހޭ މަސައްކަތްތަކެކެވެ.

ނިންނި އޭނާގެ ކުރެހުމެއް ދައްކާލަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"އެންމެ ބޭނުންވަނީ މުޅިން އެއްކޮށް ބޮޑު ފާރެއް ޑޫޑަލްކޮށްލަން ލިބޭނެ ދުވަހެއް ދެކެން. އެންމެ ގިނަ ވަގުތު ހޭދަކޮށްގެން މިހާތަނަށް ކުރަހާފައި ހުންނާނީ ބައިސްކަލްތައް. ތިއްތަވެ ވަރަށް އެހީވި. އެންމެ ބޮޑަށް ދަސްވާ ކަމަކީ ގޯސްވުމުން ކުރެހުން ފިކްސްކުރުން. އެއީ ވަރަށް ޕޭޝެންސް ބޭނުންވާ ކަމެއް. ކްރިއޭޓިވްކޮށް އެ ކުރެހުން ފިކްސް ކުރުން އެއީ އެންމެ ބޮޑަށް ދަސްވިކަން." އޭނާ ބުންޏެވެ.

ނިއްނި ވަނީ އޭނާ އަށް ކުރަހާއިރު ދިމާވާ ދަތިތައް ވެސް ހިއްސާކޮށްފައެވެ.

"ފެން ޖެހުނީމަ ކުރެހުން ހަލާކުވޭ. ޑޫޑަލްކުރާ އިރު ގަލަން ދެލި އޮޅިގެން ފޭޑްވެއްޖެއްޔާ ވެސް ހަލާކުވޭ." އޭނާ ބުންޏެވެ.

ނިއްނި އެންމެ ބޮޑަށް ބޭނުންވަނީ އެހެން ކުރެހުންތެރިންނަށް ނަމޫނާއަކަށްވާށެވެ. އަދި އޭނާ އަށް ދަސްވާކަންކަން ފެނި އެހެން މީހުން ކުރެހުމަށް ޝައުގުވެރިކަން އުފެދުމަކީ އޭނާ ކުރާ އުންމީދެކެވެ. ޑޫޑަލްގެ އިތުރުން ކެލިގްރެފީ އަކީ ވެސް ނިއްނިގެ ކުރެހުންތަކުން ފެންނަ ކަމެކެވެ.

ނިއްނި ކުރެހުމުގައި އާއްމުކޮށް ހޭދަކުރަނީ ގިނަވެގެން 4-5 ވަރަކަށް ގަޑި އިރެވެ. އޭނާ ދަނީ ކުރެހުމުގެ އިތުރު މަސައްކަތްތައް ދަސްކުރުމަށް މީސްމީޑީއާ އިން ތަފާތު ޓިއުޓޯރިއަލްތައް ބަލާ، އެ ޓިއުޓޯރިއަލްތަކުން ފެންނަ ކުރެހުމުގެ ވައްޓަފާޅިތައް ދަސްކުރަން މަސައްކަތްކުރަމުންނެވެ.

ނިއްނިގެ ޑޫޑަލް ބަގީޗާ އިން ފެންނަނީކުލަ ރީތި ތަސްވީރެކެވެ. އުމުރުން ހަގު ނަމަވެސް ހުނަރުވެރިކަމެވެ. އޭނާގެ މަސައްކަތައް ބަލާ ކޮންމެ މީހަކަށް ޔަގީންވާ އެއްކަމެއް އޮންނާނެއެވެ. އެއީ ނިންނިގެ މިބަގީޗާ އަދި މާބޮޑަށް ފުރިހަމަ ކުރުމުގެ ހުނަރާއި ގާބިލްކަން އޭނާގެ ކިބައިގައި އެބަހުރި ކަމެވެ. މިބަގީޗާގައި އަދި މާރީތި މާމެލާމެލި ފޮޅި ތާޒާ ވެގެން ދާނެކަން މާބޮޑަށް ވެސް ޔަގީނެވެ.