ޓެސްލާ ކުންފުނީގެ ވެރިޔާ އެލޮން މަސްކް އޭނާގެ އެންމެ ފަހު ގެ ވިއްކާލަން ނިންމައިފިއެވެ.

ޓުވިޓާގައި ކުރި ޕޯސްޓެއްގައި އޭނާ ބުނީ، ސެންފްރެސްސިސްކޯގައި ހުންނަ އެ ގެއަކީ އެއީ ވަރަށް ހާއްސަ ގެއެއް ކަމަށާއި ވިއްކާލަން ބޭނުން ވަނީ ބޮޑު އާއިލާއެއްގެ އޮންނަ ބަޔަކަށް ކަމަށެވެ.

އެ ގެ ވިއްކާލަން އޭނާ ނިންމާފައިވާއިރު، މިވަގުތު އެ ގެ ވަނީ އިވެންޓެއް ކުރިއަށް ގެންދިއުމަށް ކުއްޔަށް ދޫކޮށްފައި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޓުވިޓާގައި އޭނާގެ ވިއްކާލަން އިއުލާން ކުރުމާއި އެކީ ގިނަ ބަޔަކު ވަނީ އެކަމާއި ވާހަކަ ދައްކާފައެވެ. އަދި ގިނަ ބަޔަކު ވަނީ ބިލިނިއަރުންގެ ލިސްޓުގައި އޭނާ ހިމެނޭއިރު، އޭނާ އަކީ ބޮޑާ ވެގެން އުޅޭ މީހެއް ނޫން ކަމަށެވެ. އެގޮތުން އޭނާ ގެންގުޅެނީ އެންމެ ގެއެއް ކަމަށާއި އިތުރަށް މުއްސަނދިކަން ދައްކަން ނޫޅޭ ކަމަށް އެކި ފަރާތްތަކުން ވަނީ ބުނެފައެވެ.

ޓުވިޓާގައި އޭނާ ގެ ގެއެއް ވިއްކާލުމަށް އިއުލާނު ކޮށްފައިވާއިރު، މީގެ ކުރިން ވެސް އޭނާ ވަނީ ބައެއް ގެތައް ވިއްކާލާފައެވެ.