2000 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ރިލީޒް ކުރެވުނު ޖޭ.ޕީ ދައްތާ ޑައިރެކްޓް ކޮށްފައިވާ ފިލުމު ''ރެފިއުޖީ'' އިން ބޮލީވުޑަށް ތަޢާރަފްވި ބަތަލާ ކަރީނާ ކަޕޫރު ޚާން ފިލުމު އިންޑަސްޓްރީގައި 21 އަހަރު ވީއެވެ.

އިންޑަސްޓްރީގައި 21 އަހަރުވުމުން ކަރީނާގެ ލޯތްބާއި ޝުކުރު އަދާކޮށްފައިވަނީ އޭނާގެ ސަޕޯޓަރުންނަށެވެ. ފިލުމު ރެފިއުޖީގެ ބައެއް ސީންތައް ހިމެނޭ ވީޑިއޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް އިންޑަސްޓްރީގައި 21 އަހަރު ފުރުން ވަނީ ފާހަގަ ކޮށްފައެވެ.

އިންސްޓަގުރާމުގައި މި ވީޑިއޯ ހިއްސާކޮށް ކަރީނާ ބުނެފައިވަނީ އިންޑަސްޓްރީގައި 21 އަހަރު ފުރުމުން އުފާވެފައި ހުރިކަމަށެވެ. އަދި އިތުރަށް މަސައްކަތް ކުރުމަށް އިތުރު ހިތްވަރެއް ލިބުނު ކަމަށާއި ކުރިއަށް އޮތް 21 އަހަރަށް ވެސް އޭނާ ތައްޔާރު ކަމަށް އޭނާ ބުނެފއި ވެއެވެ.

ފިލުމީ އާއިލާއަކުން އައިސްފައިވާ ކަރީނާ މިއަދާއި ހަމައަށް ވަނީ ތަފާތު ރޯލުތަކުގައި މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައެވެ. ބޮލީވުޑުގެ އެންމެ ކާމިޔާބު އެކްޓަރުންނާއި އެކު މަސައްކަތް ކޮށްފައިވާ ކަރީނާ ވަނީ 70 އަށްވުރެ ގިނަ ފިލުމު ކުޅެފައެވެ.

އެކްޓަރ ސައިފް ޢަލީ ޚާނާއި ކައިވެނި ކޮށްގެން ދެ ދަރިން ލިބިފައިވާ ކަރީނާއަށް އެންމެ ކަމުދާ އެކްޓަރަކީ އޭނާގެ ފިރިމީހާ ސައިފް ޢަލީ ޚާނެވެ.

ކަރީނާގެ ފާހަގަ ކޮށްލެވޭ ކެރެކްޓަރތަކަށް ބަލާއއިރު ކަބީ ޚުޝީ ކަބީ ޣަމްގެ ޕޫ ގެ ރޯލާއި ޖަބް ވީ މެޓްގެ ގީތުގެ ރޯލު ފާހަގަ ކޮށްލެވެއެވެ.

ކަރީނާ ވަނީ ޝާހުރުކް ޚާނާއި، ސަލްމާން ޚާނާއި، އާމިރު ޚާނާއި، އަކްޝޭ ކުމާރާއި، ރިތިކް ރޯޝަންއާއި އަބީޝޭކް ބައްޗަންއާއި ޝާހިދު ކަޕޫރު ފަދަ އެތައް ގިނަ އެކްޓަރުންނަކާއި އެކު މަސައްކަތް ކޮށްފައެވެ.