ކިތަންމެ ދުވަހަކު އެކުގައި އުޅުނު ނަމަވެސް އަނބިމީހާ ނުވަތަ ފިރިމީހާ ކޮންމެވެސް ދުވަހަކުން އެހެން މީހެއްގެ ކައިރިއަށް ގޮސް އުފާ ނުހޯދާނެ ކަމުގެ ޔަގީންކަން މިއަދު އެއްވެސް މީހަކަށް ނުދެވޭނެއެވެ. އެއަށްވުރެ ބޭވަފާތެރިން މާބޮޑަށް ގިނަވެއްޖެއެވެ. ބައެއް ފަހަރު އެންމެ ބޮޑު މައްސަލައަކީ ހަޔާތުގެ ބައިވެރިޔާ އެހެން މީހެއްގެ ކައިރިއަށް ދިއުމެއް ނޫނެވެ. އޭނާ އެހެން މީހަކާއި ގުޅުން ބާއްވާ ކަމަށް ޝައްކު ކުރެވި، ނަމަވެސް އެކަން ޔަގީން ކުރެވޭނެ ގޮތެއް ނެތުމަކީ އެންމެ ބޮޑު މައްސަލައެވެ.

ނިއުޔޯކްގެ ތަޖުރިބާކާރެއް ކަމަށްވާ ސޫސަން ވިންޓާ ވިދާޅުވާ ގޮތުގައި ހުރިހާ އެންމެން މީސް މީޑިއާ ބޭނުންކުރާ މިޒަމާނުގައި ހަޔާތުގެ ބައިވެރިޔާ އެހެން މީހަކާއި ގުޅުން ބާއްވާކަން ޔަގީންކުރުން އެއީ މާބޮޑު ތަކުލީފެއް އުފުލަން ޖެހޭ ކަމެއް ނޫނެވެ.

"ދެމަފިރިންގެ ފޮޓޯއެއް މީސް މީޑިއާގައި ޕޯސްޓް ކުރަން ބައިވެރިޔާ ދެކޮޅު ހަދާނަމަ އެއީ ފުރަތަމަ ހެކި. ދެމަފިރިންގެ ފޮޓޯ ޕޯސްޓް ނުކުރި ނަމަވެސް އެކަނި ހުންނަ ވަރަށް ޗާލު ފޮޓޯތައް އޭނާ ޕޯސްޓް ކުރާނަމަ އެއީ ދެވަނަ ހެކި. ތިބާގެ އެއްވެސް އެއްޗަކަށް އޭނާ ކޮމެންޓް ނުކޮށް އެހެން މީހުންގެ ޕޯސްޓްތަކަށް އަބަދު ކޮމެންޓް ކުރުމުގައި ހޭދަކުރާނަމަ އެއީ ތިންވަނަ ހެކި." ސޫސަން ވިދާޅުވިއެވެ.

އޭނާ އިތުރަށް ބުނީ މީސް މީޑިއާ ބޭނުން ކުރާ ބައެއް މީހުން އެއްވެސް ފޮޓޯއެއް ޕޯސްޓްނުކޮށް އެއްވެސް މީހެއްގެ އެއްވެސް އެއްޗަކަށް ކޮމެންޓް ނުކުރާނަމަ ހަމައެކަނި ތިބާގެ ޕޯސްޓަކަށް ކޮމެންޓް ނުކޮށްގެން މައްސަލަ ޖައްސާނެ ކަމެއް ނެތް ކަމަށެވެ. އެއީ އޭނާ ސިއްރުން ބައިވެރިޔަކު ގެންގުޅުމުގެ ހެއްކެތް ނޫންކަމަށް ވެސް ސޫސަން ބުނެއެވެ.