ކައިވެނިކޮށްގެން އުޅޭ މީހުންގެ އިތުރުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުންނަކީވެސް ކޮންމެވެސް ވަރަކަށް އަރައިރުންވެ ޒުވާބު ކުރާނޭ މީހުންނެވެ. ބައެއް ޖޯޑުތަކަށް މިފަދަ ޒުވާބެއް ކޮންމެ ދުވަހަކުހެން ކުރިމަތިވާއިރު އަނެއް ބައި ޖޯޑުތަކަށް މިއީ އެހާ ގިނައިން ކުރިމަތިވާ ކަމެއް ނޫނެވެ. ދެ މީހުންގެ ގުޅުމުގައި ޒުވާބު ގިނަވުމަކީ އެއްވެސް ހާލެއްގައި އެކަކު އަނެކަކު ދޫކޮށްލަން އޮންނަ ސަބަބެއް ނޫނެވެ. ނަމަވެސް މިއީ އިތުރަށް ދެ މީހުން މަސައްކަތްކުރަން ޖެހޭ ކަމުގެ މިސާލެކެވެ.

ކައިވެނިކޮށްގެން ނުވަތަ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުން އާންމުގޮތެއްގައި ޒުވާބުކޮށް އުޅެނީ ފަސް ކަމެއްގެ ސަބަބުންނެވެ. ކައިވެނި އަދި އާއިލީ ކަންކަމުގައި ކައުންސެލިންގް ދެއްވުމުގައި ފުންނާބުއުސް ފަރާތެއްކަމުގައިވާ ޑރ. ޖޯން ގޮޓްމެން ބުނާގޮތުގައި އާންމުކޮށް ދެ މީހެއްގެ މެދުގައި ޖެހޭ މައްސަލަތަކުގެ %69 އިންސައްތަ މައްސަލަ ދަނީ ހައްލުނުވެއެވެ. މީގެ މާނައަކީ ހައްލުނުވެދާ މައްސަލަތަކުގެ ސަބަބުން ފަހުން ހަމަ އެ ޒުވާބު އަލުން ކުރަންޖެހޭނޭކަމެވެ. އަދި މިއީ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރަންވީކަމުގެ ނިޝާނެކެވެ. ކިތަންމެ އުނދަގޫވިޔަސް އެކަކު އަނެކަކު ހިތްހަމަޖައްސައިގެން ރުޅި އިސްނުކޮށް ކަންކަމާއި ދޭތެރޭ އެއްކޮށް ފިކުރުކޮށްގެން ހައްލުކުރަންވާ ކަމުގެ ނިޝާނެކެވެ.

އާންމުކޮށް ކައިވެނިކޮށްގެން އުޅޭ ދެ މީހުން ޒުވާބުކުރާކަމަށް ފާހަގަކުރެވިފައިވާ ފަސް ކަމަކީ ހުސް ވަގުތު، ފައިސާ، ގޭތެރޭގެ މަސައްކަތް، ދެމަފިރިންގެ ދެމެދުގައި އޮންނަ ގާތް ގުޅުން އަދި އެކަކު އަނެކަކުގެ އާއިލާގެ އެހެން މެންބަރުންނާއި ބެހޭގޮތުން ޖެހޭ މައްސަލަތަކުގެ ސަބަބުންނެވެ. މި ހުރިހާ ކަމަކީވެސް ވިސްނައިގެން ދޫދީގެން މަސައްކަތްކޮށްފި ނަމަ ހައްލުނުވެ ނުދާ ވަރުގެ މައްސަލަތަކެވެ.

އުނދަގޫ މައްސަލަތަކެއް ކުރިމަތިވެއްޖެ ނަމަ މައްސަލަ ދިމާވާން މެދުވެރިވި ސަބަބު ހޯދައި އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަގުރާރުވިޔަ ނުދީ އުޅުމަކީ ރަނގަޅު ގޮތް ނޫންތޯ؟ ޒުވާބުކުރާއިރު އެކަކު އަނެކަކު އިތުރަށް ރުޅި އަރުވަން މަސައްކަތް ނުކޮށް ކުރިމަތިވެފައިވާ މައްސަލައަށް އެކަނި ވިސްނުމަކީވެސް ރަނގަޅު ގޮތެކެވެ. ކުރިން ޖެހުނު މައްސަލަތައް އަލުން ގެނައުމަކީ އަލިފާނަށް ދަރުއެޅުން ފަދަ ކަމެކެވެ.

މިފަދަ ގޮތަކަށް ކިތަންމެ ޒުވާބުކުރާ ދެ މީހަކުވެސް މައްސަލަތައް ހައްލުކޮށްގެން ނުވަތަ ހައްލުކުރަން މަސައްކަތް ކުރުމަކީ ދެ ފަރާތުގެ ދެމެދުގައިވާ ލޯބި ހަގީގީވުމުގެ ނިޝާނެކެވެ. މާނައަކީ ކޮންމެ މައްސަލައެއް ޖެހުނު ނަމަވެސް އެކުގައި މަސައްކަތްކޮށްގެން ހައްލުކުރަން އުޅޭނީ ހަގީގީ ލޯބިވާ ދެމީހުންކަން މިކަމުން ދައްކުވައިދޭކަމެވެ. ކޮންމެ މައްސަލައެއް ޖެހުނު ނަމަވެސް ދެ މީހުން ވަކިވާން ބޭނުންނުވާކަމެވެ.