އެމެރިކާގެ ފްލޮރިޑާއަށް އުފަން އުމުރުން އެންމެ 20 އަހަރުން ސަމާންތާ ރޮޑްރިގޭޒްއަކީ އޭނާއަށް ވުރެ ކުޑަ ފަސް ކުދިން ބެލުމަށް މަޖުބޫރުވެފައިވާ މީހެކެވެ.

އުމުރުން ފަސް އަހަރުގެ ކުއްޖާއަކީ ސަމާންތާގެ އެންމެ ހަގު ކޮއްކޮއެވެ. އެންމެ ދޮށީ ކޮއްކޮގެ އުމުރަކީ 16 އަހަރެވެ. ސަމާންތާގެ މަންމައާއި ބައްޕަ ނިޔާވެފައިވާ އިރު، ސަމާންތާއަށް އެ ހުރިހާ ކުދިން ބަލާ ބޮޑު ކުރުން ވަނީ އުނދަގޫ ނަމަވެސް، މަޖުބޫރީ ހާލަތުގައި ކޮންމެހެންވެސް ކުރަން ޖެހޭ ކަމަށެވެ.

ހާއްސަކޮށް ހުރިހާ ކުދިންވެސް ސްކޫލާއި ގެންދަން ޖެހޭ ހުރިހާ ތަނަކަށްވެސް ސަމާންތާ ދަނީ ފައިމަގުގައެވެ. އެތަކެއް ވަގުތެއް އެކަމަށް ބޭކާރު ވެގެންދާ ނަމަވެސް، އަމިއްލައަށް ކާރެއް ގަތުމަށްވެސް ސަމާންތާއަށް ވެފައި ވަނީ އުނދަގޫ ކަމަށެވެ. ފްލޮރިޑާގެ އޮރެންޖް ކައުންޓީގައި ސަމާންތާ ދިރިއުޅެމުންދާ އިރު، ހުރިހާ ކުދިންނާއެކު ސަމާންތާ ކުރަމުންދާ ހިތްވަރަށް މުޅި ސަރަހައްދުގެ އެންމެން ތައުރިފް ކުރެއެވެ.

ދާދިފަހުން އެ ސަރަހައްދުގެ ފުލުހުންނާއި ގުޅިގެން، އެތައް ބަޔަކު އެއްވެ ސަމާންތާއާއި އާއިލާއަށް ހާއްސަ ސަޕްރައިޒް ޕާޓީއެއް ދީފައިވާ އިރު، ހުރިހާ އެންމެންގެ ދީލަތި އެހީއާއެކު މިހާރު ވަނީ ކާރެއް ގަނެ، ސަމާންތާއަށް ހަދިޔާ ކޮށްފައެވެ. ފުލުހުންގެ އިދާރާގެ ފަރާތުން ކާރު ހަވާލު ކޮށްފައިވާ އިރު، ސަމާންތާއަށް އުފަލުން ރޮވުނެވެ.

ސަމާންތާ ބުނެފައިވާ ގޮތުގައި، އެކާރުގެ މުހިއްމު އެހެން މީހަކަށް އިހުސާސްވެސް ކޮށްލަން ނޭނގޭނެ ކަމަށެވެ. އެހާވެސް ކާރު މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު