ބޮލީވުޑުގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ބަތަލާ ކާޖޮލްއަށް އޭނާގެ ބައްޕަ އެންމެ ފުރަތަމަ ކިޔަން ބޭނުންވި ނަމަކީ ކާޖޮލްއެއް ނޫނެވެ. ވަރަށް ވެސް ތަފާތު ނަމެކެވެ.

ސޮނީ އިން ދައްކާ ''ދަ ކަޕިލް ޝަރުމާ ޝޯ'' ގައި މެހެމާނެއްގެ ގޮތުން ކަރަން ޖޯހަރްއާއި ކާޖޮލް ބައިވެރިވި އެޕިސޯޑެއްގައި ޝޯ ހުށަހަޅައިދޭ ކަޕިލް ޝަރުމާގެ ސުވާލަކަށް ޖަވާބު ދެމުން ކާޖޮލް ވަނީ އޭނާގެ ބައްޕަ އެންމެ ފުރަތަމަ އޭނާއަށް ކިޔަން ބޭނުންވި ނަމާއި ސަބަބު ކިޔައިދީފައެވެ.

ކާޖޮލްގެ ބައްޕަ އެންމެ ފުރަތަމަ އޭނާއަށް ކިޔަން ބޭނުންވި ނަމަކީ ''މާސެޑީޒް'' ކަމަށް އަޑުއިވިފައިވާ ކަމަށް ބުނުމުން ކާޖޮލް ވަނީ އެއީ ތެދެއް ކަމަށް ބުނެފައެވެ.

"އަހަރެންގެ ބައްޕަ އަހަރެންގެ ނަމަކަށް ފުރަތަަމަ ދޭން އުޅުނީ ''މާސެޑީޒް'' ނަން. ބައްޕަ އެ ނަން ދެެކެ ވަރަށް ލޯބިވޭ، ''މާސެޑީޒް" ކާރު ކުންފުނީގެ ވެރިޔާ އެ ކުންފުންޏަށް ނަން ދިނީ، އޭނާގެ ދަރިފުޅުގެ ނަމާއި ގުޅުވާފައި. އެހެންވެ އަހަރެންގެ ބައްޕަ ހިތައް އެރީ އެ ނަން ދިނުމަށް، ކީއްވެ އޭނާއަށް އެކަން ނުވާންވީ".

ކާޖޮލްގެ ނަމުގެ މި ހަގީގަތާއި އެކު ޝޯގައި ބައިވެރިވި ކަރަން ޖޯހަރު ވެސް އޭނާގެ ނަމުގައި ފޮރުވިފައިވާ ކަންތައްތައް ހާމަކުރިއެވެ.

އެގޮތުން ކަރަންއަށް އެންމެ ފުރަތަމަ ކިޔުނު ނަމަކީ ރާހުލް ކުމާރު ޖޯހަރު ކަމަށާއި ނަމަވެސް ނަންކީތާ ހަ ދުވަސް ފަހުން ކަރަންގެ މަންމަގެ ހުވަފެނުގައި އޭނާއަށް ކިޔަން އެންމެ ރަނގަޅު ނަމަކީ ''ކަރަން'' ކަމަށް ފެނުމުން އަނެއް ދުވަހު ކަރަން ޖޯހަރު އަށް ނަން ބަދަލު ކުރި ކަމަށް ކަރަން ބުނެފައިވެއެވެ.