މެސެންޖާ މެދުވެރިކޮށް ދުވާލެއްގެ މައްޗަށް 2.4 ބިލިއަން އިމޯޖީ މެސެޖު އެކި މީހުން ފޮނުވައެވެ. މެސެޖުތަކުގައި ލިޔާ ލިޔުންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކިޔާ ހިތްވާގޮތް ހެދުމަށް އެތައް އެމޯޖީތަކެއް ހުންނައިރު އަޑާ އެއްކޮށް އިމޯޖީ ފޮނުވޭ ގޮތް މެސެންޖާ އިން މިހާރު މިވަނީ ހަދައިފައެވެ.

ސައުންޑްމޯޖީގެ ނަމުގައި މެސެންޖާގެ ފަހުގެ އަޕްޑޭޓާއެކު ތައާރަފް ކުރި މި ފީޗާ އާ އެކީ އަތްތިލަ ބަޑިޖަހާ އެމޯޖީ ފޮނުވުމުން އަތް ތިލަ ބަޑި ޖަހާ އަޑު އިވޭނެއެވެ. މިހާރު ސައުންޑްމޯޖީގައި ތަފާތު އެތަކެއް އިމޯޖީއެއް ހުރި އިރު ދުނިޔޭގެ އެކި ސަރަހައްދުތަކަށް ލިބޭނީ ތަފާތު އިމޯޖީތައްކަން ފާހަގަ ކުރެވެއެވެ.

https://youtu.be/94JkMisrR-Y

މެސެންޖާ އިން އަލަށް ތައާރަފް ކުރި މި ފީޗާ ބޭނުން ކުރަން މެސެންޖާ ޗެޓް ތެރެއިން އިމޯޖީ ބަޓަން އަށް ފިތުމަށް ފަހު އެންމެ ކަނާތް ފަޅީގައިވާ ސްޕީކާ އައިކަން އަށް ފިއްތާލުމުން މިހާރު ލިބެން ހުރި "ސައުންޑްމޯޖީސް" ތައް ފެންނަން ހުންނާނެއެވެ. މިހާރު ލިބެންހުރި އިމޯޖީތަކަށް ފިއްތާލުމުން އެ އިމޯޖީ އަކުން ނުކުންނަ އަޑުވެސް ފޮނުވުމުގެ ކުރިން ބަލާލެވޭނެއެވެ. އަދި "ސެންޑް" އަށް ފިއްތާލުމުން ބޭނުންވާ މީހަކަށް އެމޯޖީ ފޮނުވާލެވޭނެއެވެ.

ދުނިޔޭގެ އިމޯޖީ ދުވަހާ ގުޅުވާފައި ކޮންމެ އަހަރަކުވެސް އާ އިމޯޖީތައް މެސެންޖާއަށް ތައާރަފްކުރާކަން ފާހަގަ ކުރެވެއެވެ. ފޭސްބުކް އިން ބުނީ ކުރިޔަށް އޮތް ތަނުގައި މިފަދަ އާ އިތުރު އިމޯޖީ ތަކެއް ތައާރަފް ވެގެންދާނޭ ކަމަށެވެ.

މެސެންޖާ އަކީ ފޭސްބުކްގެ ދަށުން ހިންގާ މެސެޖް ފޮނުވުމުގައި އެތައް މިލިއަން ބަޔަކު ބޭނުންކުރާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން އުފައްދާފައި ވަނީ 2009 ވަނަ އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު