ބ. ކަމަދޫގައި އަޟްހާ އީދުގެ މުނާސަބަތުގައި ކުރިޔަށްދިޔަ މާލި ޕެރޭޑުގައި އާންމުންނަށް މުހިންމު މެސެޖްތަކެއްދޭ މާލިތަކެއް ނެރެފިއެވެ.

ކުދިބޮޑު އެންމެން ބައިވެރިވެގެން ބޭއްވި މި ހަރަކާތުގެ ތެރޭގައި ކޮވިޑް މާލި، ފުއްމާލި، މާކުންބެ، ނޯ ޕްލާސްޓިކް މާލި، ފޫޅުދިގު ހަންޑި، ޒޮމްބީ، އަދި ފަތް މާލި ހިމެނެއެވެ.

ކޮވިޑް މާލިން ދައްކުވައިދެނީ ނައްސި ޕީސީއާރް ކޮވިޑް ޓެސްޓެކެވެ. ފޭސް ޝީލްޑް އަޅައިގެން ހުރި މި މާލީގެ ގައިގައި ޕީސީއާރް، ކޮވިޑް ލިއެފައިވާ ލިޔުންކޮޅެއް ފެންނަން ހުއްޓެެވެ. ކަމަދޫއިން ކޮވިޑް މާލި ނެރެފައި މިވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން ކޮވިޑް ޕީސީއާރް ޓެސްޓް ނެގަޓިވް ނަތީޖާއަށް ހުރިހާ ކަމެއްގައި ވެސް ބަރޯސާވާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ކަމަދޫ މާލި ޕެރޭޑުގެ ތެރެއިން ކޮވިޑް މާލި، ފޮޓޯ: ފޭސްބުކް ޕޭޖް

ކަމަދޫ ކައުންސިލްގެ ރައީސް ހަސަަން ޒަރީރް ވިދާޅުވީ މާލިތައް ނެރެފައިވަނީ ޒުވާނުން އިންތިޒާމް ކޮށްގެން ކަމަށެވެ. ކައުންސިލުން ރާވައި އިންތިޒާމްކޮށްގެން ރަށުގައި ކުޅިވަރުތައް މިފަހަރު ނުބާއްވާ ކަމަށާއި، މިއަހަރުގެ ކުޅިވަރުތައް އިންތިޒާމްކޮށްގެން ކުރިޔަށްގެންދަނީ ޒުވާނުންކަން ޒަރީރް ފާހަގަ ކުރެއްވިއެވެ.

"އެހެން އަހަރުތަކުގައި ވަރަށް ކުލަގަދަކޮށް އީދު ފާހަގަކުރާނެ. ފަތް މާއްޔާއި ދެލި މާލި ފަދަ މާލިތައް ނެރޭނެ ހަމަ ކޮންމެ އަހަރަކުވެސް. މި އަހަރު ކޮވިޑާ ގުޅިގެން އެޗްޕީއޭއިން ގައިޑްލައިންއެއް އާންމުކޮށްފައިވާތީ ކައުންސިލްއިން އެއްވެސް ކަމެއް ނުރާވަން" ޒަރީރް ވިދާޅުވިއެވެ.

ކަމަދޫ މާލި ޕެރޭޑުގެ ތެރެއިން 'ނޯ ޕްލާސްޓިކް' މާލި، ފޮޓޯ: ފޭސްބުކް ޕޭޖް

ޒުވާނުން އިސްނަގައިގެން ނެރެފައިވާ މާލިތައް ތަފާތެވެ. ރައްޔިތުންނަށް މުހިންމު މެސެޖުތަކެއް ދިނުމަށް ތައްޔާރުކޮށް ނެރެފައިވާ މާލިތަކުގެ ތެރޭގައި 'ނޯ ޕްލާސްޓިކް' މާލިވެސް ހިމެެނެއެވެ.