ބިލް ގޭޓްސް އާއި މެލިންޑާ ފްރެންޗް ގޭޓްސްގެ 27 އަހަރުވީ ކައިވެނި ރޫޅުމާއި ގުޅޭ ގޮތުން ބިލް ގޭޓްސް ފުރަތަމަ ފަހަރަށް މެއިން ސްޓްރީމް މީޑިއާގައި ވާހަކަ ދައްކައިފިއެވެ.

"ސީއެންއެން" އަށް ދިން އިންޓަވިއުއެއްގައި ބިލް ގޭޓްސް ބުނީ މެލިންޑާ އާއި އޭނާގެ ކައިވެނި ރޫޅިގެން ދިއުމަކީ ވަރަށް ހިތާމަވެރި "މައިލްސްޓޯންއެއް" ކަމަށެވެ. "މެލިންޑާ އަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ރަނގަޅު މީހެއް. މެލިންޑާ އާއިއެކު އޮތް ގުޅުން ކަނޑާލަން ޖެހުން އެއީ އަހަރެން ވަރަށް ދެރަވާ ކަމެއް." ބިލް ގޭޓްސް ބުންޏެވެ.

މެލިންޑާ އާއި ބިލް ގޭޓްސް ވަރިވި ނަމަވެސް ދެމީހުން ކައިވެނި ކޮށްގެން އުޅުނުއިރު ވަރުގަދައަށް ހިންގަމުން އައި ގޭޓްސް ފައުންޑޭޝަންގެ ކަންކަމުގައި އަދި ކުރިއަށް އޮތް ދެއަހަރު އެކުގައި މަސައްކަތް ކުރަން ވަނީ ނިންމާފައެވެ.

މެލިންޑާ އާއި ގޭޓްސް ކައިރިން ވަރިވާން ނިންމި ސަބަބަކީ އެތައް ސަތޭކަ ކުޑަކުދިންނަކާއި ބެހުނު ކަމަށް ތުހުމަތު ކުރެވުނު ޖެފްރީ އެޕްސްޓެއިން އާއިއެކު ގޭޓްސް ބޭއްވި ގާތް ގުޅުންކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެކަމާއި ގުޅޭ ގޮތުން ގޭޓްސް އާއި ސުވާލު ކުރުމުން ކައިވެނި ރޫޅެން މެދުވެރިވުމާއި އެޕްސްޓެއިންއާއި އޮތް ގުޅުމާއި ގުޅުމެއް އޮތްކަމަށް ވެސް ނުވަތަ ނެތް ކަމަށް ވެސް ނުބުނެއެވެ.

ގޭޓްސް ބުނީ އެޕްސްޓެއިން އާއިއެކު އޭނާ އެތައް ފަހަރަކު ބައްދަލުވުންތައް ބޭއްވި ކަމަށެވެ. ނަމަވެސް އެބައްދަލުވުންތައް ބޭއްވުނީތީ މިހާރު ދެރަވެ ހިތާމަކުރާކަމަށް ގޭޓްސް ބުންޏެވެ.

ގޭޓްސް އާއި މެލިންޑާގެ ވަރީގެ މައްސަލަ ކޯޓުން ނިންމީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް ދެމަފިރިން މުދާ ބެހުމުގައި ވެފައި އޮތް އެއްބަސްވުން ކޯޓަށް ހުށަހަޅާފައި ނުވާތީ އެއެއްބަސްވުމުގެ އެއްވެސް ތަފްސީލެއް އަދި މީޑިއާއަށް ހާމައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މެލިންޑާވެސް ބޭނުންވާނެދޯ އެހެންމީހުންނާ ބައްދަލު ކުރަން ބިލް ގޭޓް އެކަނި ތިކަން ކޮއްގެން ތިޔަހެން ތިޔަވީ.