ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޯޔޯ ހަނީސިންގް އާއި އޭނާގެ އާއިލާގެ މައްޗަށް އޭނާގެ އަންހެހުން ޝާލިނީ ތަލްވާރް ކޮށްފައިވާ ތުހުމަތުތައް ހަނީ ސިންގް ދޮގު ކޮށްފިއެވެ.

ހަނީ ސިންގްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ އޭނާ އަންހެނުންނަށް ގެވެށި އަނިޔާގެ އިތުރުން ޖިންސީ ގޯނާ، ނަފްސާނީ ގޯނާ އަދި މީގެ އިތުރުން ހަރަދުކުރުމަށް ދެކޮޅުހަދުމާއި މަކަރުހަދާ ކަމުގެ ތުހުމަތެވެ. ހަނީ ސިންގް ކުރި އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށް މިއީ ދޮގު ތުހުމަތެއްކަމަށް ވަނީ ބުނެފައެވެ.

"އަހަރެންނާއި އަހަރެންގެ އާއިލާއާއި ދެކޮޅަށް އަހަރެންގެ އަންހެނުން ޝާލިނީ ތަލްވާރް ކޮށްފައިވާ ތުހުމަތުތަކުގެ ސަބަބުން ވަރަށް ހިތްދަތިވެ އަސަރުކޮށްފި. މިއީ އަހަންނަށް ގެއްލުން ދިނުމަށް އަމާޒުކޮށް ކޮށްފައިވާ ހުދުމުހުތާރު ތުހުމަތުތަކެއް" ހަނީ ސިންގް ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓުގައި ލިޔެފައިވެއެވެ.

ހަނީ ސިންގްގެ އިންސްޓަގްރާމް ޕޯސްޓް

މީގެ ކުރިން ހަނީ ސިންގްއާއި ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކާއި، ނައްސި ބަސްތަކަށް މީގެ ކުރިން ރައްދުދީފައި ނުވާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް، މިފަހަރު ރައްދުދެނީ އޭނާއާއި އާއިލާއަށް ގެއްލުންދިނުމަށް ކޮށްފައިވާ ދޮގު ތުހުމަތުތަކާއި ގުޅިގެން އޭގެ އަސަރު މައިންބަފައިންނާއި، އަންހެން ކޮއްކޮއަށް ކުރާތީ ކަމަށް ބުނެފައިވެއެވެ.

"އަހަންނާއި އަހަރެންގެ އަންހެނުންނާއި ދެމެދު އޮންނަ ގުޅުން އާންމުންނަށް އިނގޭނެ. އަންހެނުން އަހަންނާއި އެކު މަސައްކަތް ކުރާތާ 10 އަހަރު ވެއްޖެ. އަހަރެންނާއި ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރަން. އެކަމަކު މިކަމާއި ގުޅިގެން ކޯޓުން ބޭރުގައި އިތުރު ތަފްސީލް ދެވޭކަށް ނެތް. މި ގައުމުގެ ކޯޓު މަރުހަލާއަށް އަހަރެން ފުރިހަަމައަށް އިތުބާރުކުރަން. ތެދު ހަގީގަތް އަވަހަށް ހާމަވެގެން ދާނެ ކަމަށް އަހަރެން ގަބޫލުކުރަން" މިއުޒިކް އިންޑަސްޓްރީގައި މަސައްކަތް ކުރާތާ 15 ވަރަކަށް އަހަރު ވެފައިވާ ހަނީ ސިންގް އޭނާގެ ދިފާއުގައި ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ކޯޓުން ވަނީ ޔޯޔޯ ހަނީސިންގަށް ދެމަފިރިންގެ މިލްކިއްޔާތުގައި ހުރި މުދަލެއް ނުވިއްކޭނެ ކަމަށްބުނެ އަމުރެއް ނެރެފައެވެ. އަދި މި މައްސަލައާއި ގުޅިގެން އޮގަސްޓް 28 ގެ ކުރިން ކޯޓަށް ޖަވާބެއްދިނުމަށް ހަނީ ސިންގް އަށް ދިއްލީ ކޯޓުން ވަނީ ނޯޓިސް ފޮނުވާފައެވެ.