މިހާތަނަށް އުފަންވި ކުދިންގެ ތެރެއިން އުފަންވިއިރު ފުރާނަ ހުރި އެންމެ ބަރުދަން ލުއި ކުއްޖާ ހޮސްޕިޓަލްގައި 13 މަސް ދުވަސް ވަންދެން ފަރުވާ ހޯދުމަށް ފަހު ސިއްހަތު ރަނގަޅު ވުމުން ގެއަށް ދޫކޮށްލައިފިއެވެ.

ސިންގަޕޫރުގައި އުފަންވި ކްވެކް ޔޫ ޒުއާން ނަމަކަށް ކިޔާ އަންހެން ކުއްޖާ އުފަންވިއިރު ބަރުދަނުގައި ހުރީ އެންމެ 212 ގްރާމެވެ. ކުއްޖާގެ އިސްކޮޅުގައި ހުރީ އެންމެ 24 ސެންޓިމީޓަރެވެ. ކުއްޖާ އުފަންވީ މަންމަގެ ބަނޑަށް 25 ހަފްތާގައެވެ.

މީގެ ކުރިން އުފަންވިއިރު އެންމެ ބަރުދަން ލުއި ކުއްޖާގެ ރެކޯޑް އޮތީ އެމެރިކާގެ އަންހެން ކުއްޖެއްގެ އަތުގައެވެ. 2018 ވަނަ އަހަރު އުފަންވި އެކުއްޖާ އުފަންވިއިރު ބަރުދަނުގައި ހުރީ 245 ގްރާމެވެ.

ކްވެކް ޔޫ ޒުއާން މަންމަގެ ބަނޑަށް 25 ހަފްތާގައި ސިޒޭރިއަން ހަދައިގެން ނަގަން ޖެހުނީ ކުއްޖާގެ މަންމަ އަށް ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުންނެވެ. ކުއްޖާގެ މަންމަގެ ލޭގެ ޕްރެޝަރު މަތިވެ އެތެރެހަށީގެ ގުނަވަންތަކަށް ގެއްލުން ވެދާނެ ކަމުގެ ބިރު ބޮޑުވުމުން ޑޮކްޓަރުންނަށް ފެނުނީ އެންމެ ރައްކާތެރި ގޮތަކަށް ވާނީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގުން ކަމަށެވެ.

13 މަސް ދުވަސް ވަންދެން ކްވެކް ޔޫ ޒުއާން އަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލިއިރު އެކުއްޖާގެ ބަރުދަނުގައި 6.3 ކިލޯ ހުއްޓެވެ.

ކްވެކް ޔޫ ޒުއާން އަށް ފަރުވާ ދިނީ ސިންގަޕޫރުގެ ނޭޝަނަލް ޔުނިވަސިޓީ ހޮސްޕިޓަލްގައެވެ. ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ކްވެކް ޔޫ ޒުއާންގެ ފުރާނަ ސަލާމަތް ވުމުގެ ފުރުސަތު ކުޑަކަމަށް ފުރަތަމަ ބެލެވުނު ނަމަވެސް އޭނާގެ ފުރާނަ ސަލާމަތް ކުރެވުން އެއީ އެތައް ބަޔަކަށް ލިބިގެން ދިޔަ އުއްމީދެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު