އެމެރިކާގެ އަވަށެއް ކަމުގައިވާ އޮހާއޯގެ އުމުރުން 29 އަހަރުގެ އަންހެނަކު ލޯބިވެރިޔާއަށްޓަކައި އޭނާގެ 6 އަހަރުގެ ދަރިފުޅު މަރާލައިފިއެވެ.

ބްރިޓެނީ ގޮންސޭ ނަމަކަށް ކިޔާ މި އަންހެން މީހާ މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އޭނާގެ ހަތަރު ކުދިންގެ ތެރެއިން ތިން ކުދިން ގޮވައިގެން ކާރެއްގައި ޕާކަށް ދިޔައީ އެތަނަށް ކުދިންތައް ދޫކޮށްލާފައި އައުމަށެވެ.

ނަމަވެސް ކުދިންތައް ދޫކޮށްލާފައި ކާރަށް އެރުމުން އުމުރުން 6 އަހަރުގެ ޖޭމްސް ހަޗިންސަން ކާރު ދޮރުފަތުގެ އަތްގަނޑުގައި ހިފަހައްޓާ، ދޫކޮށްނުލުމުގެ ސަބަބުން ބްރިޓްނީ ކާރަށް ގެނައި ލޮޅުމެއްގައި ޖޭމްސް އެތާ ކައިރީ އޮތް ފެންގަނޑަކަށް ވެއްޓުނެވެ. ނަމަވެސް އެކަމާ އަޅާނުލާ ދިޔުމަށްފަހު އޭގެ ދެ ގަޑިއެއްހާއިރު ފަހުން އެތަނަށް އައިސް ޖޭމްސްގެ ފުރާނަ ނެތް ހަށިގަނޑާއި އަނެއް ދެކުދިން ގޮވައިގެން ގެއަށް ދިޔައެވެ.

ޖޭމްސްގެ ހަށިގަނޑު ބްރިޓްނީގެ ގޭގައި ފޮރުވައިދިނުމުގައި އުޅުނީ އެކުދިން ދޫކޮށްލުމަށް އެހީތެރިވެދިން އޭނާގެ ލޯބިވެރިޔާ އުމުރުން 43 އަހަރުގެ ޖޭމްސް ހެމިލްޓަންއެވެ. އޭގެ ދެދުވަސްފަހުން ފުލުހުން ވަނީ މަރުވެފައިވާ ޖޭމްސްގެ ހަށިގަނޑު ހޯދާ ބްރިޓްނީއާއި އޭނާގެ ލޯބިވެރިޔާ ހައްޔަރު ކޮށްފައެވެ.

ބްރިޓްނީ އޭނާގެ ދަރިންތައް މަރާލަން ބޭނުންވީ އެދަރިން ގެންގުޅެން އޭނާގެ ލޯބިވެރިޔާ ބޭނުން ނުވުމުންނެވެ.

ބްރިޓްނީގެ ވަކީލު ކޯޓުގައި ވާހަކަދައްކަމުން ބުނެފައިވަނީ ބްރިޓްނީ އޭނާގެ ދަރިންނަށް ބިރުދައްކާ، އަނިޔާ ކުރާ ކަމަށާއި އަދި ޖޭމްސް ހަޗިންސަން މަރުވެފައިވަނީ ވެސް ބްރިޓްނީގެ ސަބަބުން ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި އެކަމާ މިހާރު ދެރަވާ ކަމަށް ވެސް ބުނެފައިވެއެވެ.

ތަހުގީގުން އެނގުނު ގޮތުގައި ބްރިޓްނީއާއި އޭނާގެ ލޯބިވެރިޔާ ވަނީ އެތައް ފަހަރެއްގެ މަތިން ތަފާތު އެކި ކުށްތަކުގައި ކުރިން ވެސް ހައްޔަރުކޮށްފައެވެ. ދަރިފުޅު މަރާލުމުގެ ކުށް ސާބިތުވެގެން ބްރިޓްނީ ވަނީ 15 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ. އަދި ކުދިންނަށް އަނިޔާ ކުރުމާއި ބިރުދެއްކުމުގެ ތުހުމަތުގައި 36 މަސް ދުވަސް އިތުރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު