ބޮލީވުޑުގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ، ވިޔަފާރިވެރިޔާ ރާޖު ކުންދުރާ ވަނީ ބަރަހަނާ ފިލުމު އުފެއްދުމުގެ ތުހުމަތުގައި މިދިޔަ މަހުގެ 19 ވަނަ ދުވަހު ހައްޔަރު ކޮށްފައެވެ.

ތަހުގީގު އަދި ވެސް ކުރިއަށް ދާ މި މައްސަލައާއި ގުޅިގެން ޝިލްޕާ ވަނީ އޭނާ ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ޑާންސް ޝޯ، ސުޕަރ ޑާންސަރ ޗެޕްޓަރ 4 ގެ ޝޫޓިންތައް ވެސް މެދުކަނޑާލާފައެވެ.

ގިނަ މީހުން އެއްވެގެން ބާއްވާ ހުރިހާ ކަމަކާއި މަސް ދުވަސް ވަންދެން ދުރުގައި ހުރުމަށްފަހު ޝިލްޕާ އެނބުރި ޝޯއަށް އައިސް އޭނާގެ މަސައްކަތް ފަށައިފިއެވެ.

ވައިރަލް ބަޔާނީގެ ނަމުގައި އިންސްޓަގުރާމު އެކައުންޓް ހިންގާ ފަރާތުން ވަނީ ޝިލްޕާ ޝޯގެ ސަރަހައްދަށް ގޮސް އޭނާގެ ވޭނުން ފައިބައިގެން ދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާއްމުކޮށްފައެވެ.

މި ވީޑިއޯއަށް ކޮމެންޓް ކޮށްފައިވާ އެތައް ބަޔަކު ބުނެފައިވަނީ ޝިލްޕާ ޝެޓީގެ ކެރިއަރ ހަލާކުކޮށްލާ އޭނާގެ ކެރިއަރ އަށް އެޅުނު ކަޅު ހިޔަންޏަކީ އޭނާގެ ފިރިމީހާ ރާޖު ކުންދުރާ ކަމަށެވެ.

މީގެއިތުރުން ބައެއް ފަރާތްތަކުން ބުނެފައިވަނީ ޝިލްޕާއަކީ ހިތްވަރުގަދަ އަންހެނެއް ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ޝިލްޕާގެ މޫނު މަތިން ނުތަނަވަސްކަން ފެންނަ ކަމަށް ވެސް ބުނެފައިވެއެވެ.

މީޑިޔާގެ ބައެއް ފަރާތްތަކުން ޝިލްޕާއާއި އެއްވެސް ސުވާލެއް ނުކުރާތީ ބައެއް ފަރާތްތަކުން ޝުކުރުވެރިވާ ކަމަށް ވެސް ލިޔެފައިވެއެވެ.

މީޑިޔާގެ ފަރާތްތަކާއި އާއްމުންނާއި ބައްދަލު ކުރާއިރު ކުރިން ޝިލްޕާގެ މޫނު މަތިން ފެންނަ ހިނިތުންވުން ގެއްލިފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ.