ޖޭމްސް ބޮންޑުގެ އެންމެ ފަހުގެ ފިލްމު "ނޯ ޓައިމް ޓު ޑައި" ރިލީޒް ކުރާނެ ތާރީހް އިއުލާންކޮށްފި އެވެ.

މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި ޖޭމްސް ބޮންޑުގެ އެންމެ ފަހުގެ ފިލްމު އެންމެ ފުރަތަމަ ދައްކާނީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ލަންޑަނުގެ ރޯޔަލް އެލްބާޓް ހޯލްގައި އެވެ. ޑެނިއެލް ކްރައިގް ޖޭމްސް ބޮންޑްގެ ބައިން ފެނިގެންދާ މި ފިލްމު ރިލީޒް ކުރުން ލަސްވެގެން ދިޔައީ ކޮވިޑް-19 ގެ ސަބަބުންނެވެ.

މި ފިލްމު ފުރަތަމަ ރިލީޒް ކުރާ ދުވަހު ފިލްމުގެ މައިގަނޑު ރޯލުން ފެނިގެންދާ 53 އަހަރުގެ ފިލްމީތަރި ޑެނިއެލް ކްރައިގް އާއި ފިލްމުގެ ޕްރޮޑިއުސަރުން މައިކަލް ޖީ ވިލްސަލް އާއި ބާބަރާ ބްރޮކޮލީ އަދި ޑައިރެކްޓާ ކެރީ ޖޯޖީ ފުކުނަގާ ރެޑް ކާޕެޓުން ފެނިގެންދާނެ އެވެ.

ސިނަމާތަކުގެ މި ފިލްމު ރިލީޒް ކުރާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ޖެމްސް ބޮންޑުގެ މަޝްހޫރު ފިލްމުތައް މީގެ ކުރީގައިވެސް ޕްރިމިއާ ކޮށްފައި ވަނީ ލަންޑަނުގެ އެކި ތަންތަނުގައި އެވެ. އަދި ބޮންޑުގެ ފިލްމުތައް ބެލުމަށް އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުންވެސް ދާކަން ފާހަގަ ކުރެވެއެވެ. 2015 ވަނަ އަހަރު ނެރުނު ސްޕެކްޓާ އަށްވެސް ޝާހީ އާއިލާގެ ދެބޭފުޅަކު ވަނީ ވަޑައިގެންފަ އެވެ.

ނޯ ޓައިމް ޓު ޑައި ވަނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ފަސްކޮށްފަ އެވެ. ކޮވިޑާއި ގުޅިގެން މި ފިލްމު ރިލީޒް ކުރުން ފަސްކުރިއިރު ފަހުގެ ވަރަށް ގިނަ ފިލްމުތައްވެސް ވަނީ މިގޮތަށް ރިލީޒް ކުރުން ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮންސި

    ބޮންޑުގެ ހުރިހާ ފިލްމެއްވެސް ވަރަށް މޮޅު. އަަދި ވަރަށް ބަލާހިތްވޭ.