އާ ޖޭމްސް ބޮންޑަކަށް ރެޖީ ޖީން ފެނިދާނެ ކަމަށް އަޑުފަތުރައިފިއެވެ.

ފަނަރަ އަހަރުގެ ތެރޭގައި ފަސް ފިލްމެއްގައި ޖޭމްސް ބޮންޑްގެ ރޯލު ކުޅުމަށްފަހު ޑެނިއެލް ކްރެއިގް ސީކްރެޓް އޭޖެންޓްގެ ރޯލު ނިމުމަކަށް ގެނައީ "ނޯ ޓައިމް ޓު ޑައި" އިންނެވެ. އެއާއެކު ހޮލީވުޑްގެ ބައެއް ތަރިން ޖޭމްސް ބޮންޑުގެ ރޯލު ކުޅެން ޝައުގުވެރިކަން ފާޅުކުރަމުންދާއި މިހާރު އެންމެ ގަދައަށް ވައިގައި ހިފާފައިވާ އެއް ވާހަކަ އަކީ ރެޖީ ޖީން މި ރޯލުން ފެނިދާނެ ކަމުގެ ވާހަކަ އެވެ.

ނެޓްފްލިކްސް ގައި ބޮޑު ކާމިޔާބެއް ހޯދާފައިވާ ސީރީސް ބްރިޖަޓަންގައި ލީޑު ރޯލުން ފެނިގެން ދިޔަ ރެޖީ ޖީން އަކީ ކުޅަދާނަ އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ފިލްމީދާއިރާގައި މަސައްކަތްކޮށް ގިނަބައެއްގެ ލޯބި ހޯދި އެއް ތަރިއެވެ.

މާވެލްގެ "އެވެންޖާރސް: އިންފިނިޓީ ވޯ އެންޑް އެންޑްގޭމް" މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ ޖޯ އާއި އެންތަނީ ރޫސޯ ދާދިފަހުން ވަނީ "ދަ ގްރޭ މޭން" ގައި ޕޭޖާއެކު މަސައްކަތްކޮށްފައެވެ. އަދި ޕޭޖްގެ މޮޅު އެކްޓިންއާމެދު ޑައިރެކްޓަރުން ވަރަށް ޝައުގުވެރިވާއިރު މިއީ ޕޭޖްގެ ފޭނުންނަށް ލިބިގެންދާނެ އުފާވެރި ހަބަރަކަށް ވާނެއެވެ.

ޕޭޖް، ބޮންޑުގެ ރޯލުން ފެނިދާނެތޯ ސުވާލު ކުރުމުން ޖޯ ރޫސޯ ’ރޭޑިއޯ ޓައިމްސް‘ އަށް ބުނެފައި ވަނީ ޕޭޖްގެ އެކްޓިންއާމެދު ވަރަށް ހިންހަމަޖެހޭކަމަށާއި އެ ރޯލުން ކުޅެން އޭނާގެ އެކްޓިން ފުރިހަމަ ކަމަށެވެ.

ބޮންޑުގެ ރޯލުން ފެނިގެންދާނެ ކަމަށް ބެލެވޭ ފިލްމީތަރިންގެ ލިސްޓުގެ އެންމެ ކުރީގައި ތިބީ ޓޮމް ހާޑީ، އިދްރީސް އެލްބާ އަދި ޕޭޖް އެވެ.