މަޝްހޫރު ސުޕަހީރޯ ފިލްމު ސްޕައިޑަމެންގެ އެންމެ ފަހުގެ ފިލްމު ސްޕައިޑަމެން: ނޯ ވެއި ހޯމްގެ ޓްރެއިލާ އިންޓަނެޓުގައި ލީކުވެއްޖެއެވެ.

ހޮލީވުޑްއިން އިން ރިޕޯޓުކުރާގޮތުގައި މި ފިލްމުގެ ޓްރެއިލާ ލީކުވުމުން ފިލްމު އުފެއްދި ފަރާތުން ވަނީ އިންޓަނެޓުން ޓްރެއިލާ ނެގުމުގެ މަސައްކަތް ފަށައިފައެވެ. ލީކުވެފައިވާ ޓްރެއިލާގެ ކޮލެޓީ އެހާ ސާފުނުވާއިރު އެ ޓްރެއިލާ ނަގާފައި ވަނީ ސްކްރީނަކުން ފޯނަކަށް ކަމަށް ބެލެވެއެވެ.

ލީކުވެފައިވާ ސްޕައިޑަމެން ފިލްމުގެ ޓްރެއިލާގައި އެހެނިހެން ސުޕަހީރޯ ފިލްމުތަކުގައި މަސައްކަތް ކުރާ ކެރެކްޓާސްވެސް ފެންނަކަމަށް ވެއެވެ. އޭގެ ތެރޭގައި ޑޮކްޓަރ ސްޓްރޭންޖް އާއި ޑޮކް އޯކް ހިމެނެއެވެ.

މާވެލް ސިނަމެޓިކް ޔުނިވާސްގެ މި އުފެއްދުމުގެ ޓްރެއިލާ ލީކުވެފައިވާއިރު ފޭނުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ސްޕައިޑަމެންގެ ރޯލުން ފެނިގެންދާ ޕީޓާ ޕާކާ އާއި ޑޮކްޓަރ ސްޓްރޭންޖް އެއް ފިލްމަކުން ފެންނާތީ ފޭނުންގެ މެދުގައި ތަފާތު އެތައް ވާހަކައެއް ދައްކާފައިވާއިރު މިކަމަށް ސަޕޯޓުކުރާ ފަރާތްތައްވެސް ގިނަކަން ފާހަގަ ކުރެވެއެވެ.

ސޮނީ ޕިކްޗަ އެންޓަޓެއިންމެންޓް އާއި މާވެލް ސްޓޫޑިއޯސް ގުޅިގެން ނެރޭ މި ފިލްމު ފުރަތަމަ ނެރުމަށް ތާވަލު ކުރީ މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުއެވެ. ނަމަވެސް ފަހުން މި ފިލްމު މިއަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހަށް ވަނީ ފަސްކޮށްފައެވެ.

ފަހުގެ ސްޕައިޑަމެން ކެރެކްޓާއެއްގެ ގޮތުގައި ޓޮމް ހޯލޭންޑް ފެނިގެންދާ މި ފިލްމުގައި ކުރީގެ ފިލްމުތަކުން ފެނިގެންގޮސްފައިވާ ބައެއް ކެރެކްޓާސްތައްވެސް ފެންނާނެ ކަމަށް ބެލެވެއެވެ.

ކުރީގެ ފިލްމުތަކުން ފެނިގެންދާ ކެރެކްޓާސްތަކުގެ ތެރެއިން މި އަހަރު ނެރޭ ސްޕައިޑަމެން ފިލްމުން ފެންނާނެ ބައެއް ތަރިންގެ ތެރޭގައި އިލެކްޓްރޯ(ޖޭމީ ފޮކްސް)، ޑރ. އޮކްޓޯވިޔަސް(އަލްފްރެޑް މޮލީނާ) ހިމެނެއެވެ.

މީގެ ކުރިން މާވެލް ސިނަމެޓިކް ޔުނިވާސް(އެމްސީޔޫ) އިން ނެރެފައިވާ ދެ ފިލްމަކީ 2017 ވަނަ އަހަރު ނެރެނު ސްޕައިޑަމެން: ހޮމްކަމިން އާއި 2019 ވަނަ އަހަރު ނެރުނު ސްޕައިޑަމެން: ފާ ފްރޮމް ހޯމްއެވެ.