ޠާލިބާނުން އަފްޣާނިސްތާންގެ ވެރިކަން ހޯދުމުން އިނގިރޭސިވިލާތުގެ ސަރުކާރުގެ އެދުމަކަށް ޕޮލެންޑަށް ގެންދިޔަ ފަސް އަހަރުގެ ފިރިހެން ކުއްޖަކަށް ވިހަ ގަދަ މަޝްރޫމެއް ކެވިގެން މަރުވެއްޖެއެވެ.

އެކުއްޖާ ޕޮލެންޑަށް ގެންގޮސްދޭން އިނގިރޭސިވިލަތުގެ ސަރުކާރުން ޕޮލެންޑް ސަރުކާރުގައި އެދުނީ އެކުއްޖާގެ ބައްޕަ އަކީ އިނގިރޭސިވިލާތުގައި ވަޒީފާ އަދާކޮށްފައި މީހަކަށް ވާތީއެވެ. ނަމަވެސް ޠާލިބާނުން އަފްޣާނިސްތާން ހިފިއިރު ކުއްޖާގެ ބައްޕަ ވެސް ހުރީ އަފްޣާނިސްތާންގައެވެ. އެކުއްޖާ އާއި ކުއްޖާގެ ދައްތަގެ އިތުރުން އާއިލާގެ އިތުރު މެންބަރުން ޕޮލެންޑަށް ގެންދިޔައީ ޕޮލެންޑްގެ އަސްކަރީ ފްލައިޓެއްގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕޮލެންޑަށް ކުއްޖާގެ އާއިލާ ދިޔައީ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެވެ. އެދުވަހު އެކުއްޖާ އަށް ކެވުނު މަޝްރޫމްގެ ސަބަބުން ހާލު ދެރަވެ ލިވާ ޓްރާންސްޕްލާންޓެއް ވެސް ހެދިއެވެ. ނަމަވެސް ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ. ކުއްޖާ މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށް މިދިޔަ ހަފްތާގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކުއްޖާ އާއި އޭނާގެ ދައްތަ ވެސް ވަނީ ވިހަ ގަދަ މަޝްރޫމް ކައިފައެވެ. ނަމަވެސް ދައްތަގެ ހާލު ސީރިއަސްއެއް ނުވެއެވެ. އެކުދިން މަޝްރޫމް ކެއީ އާއިލާ ތިބި ރެފިއުޖީ ކޭމްޕް ކައިރިންނެވެ. އެސަރަހައްދަކީ ގަސް ގިނަ ސަރަހައްދެކެވެ.

ޕޮލެންޑްގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ކުދިން ވިހަ ގަދަ މަޝްރޫމެއް ކެއީ ބަނޑުހައި ވެގެން ކާއެއްޗެއް ލިބޭތޯ ގެއިން ބޭރަށް ނިކުމެ އުޅުމުގެ ތެރޭގައެވެ.

ޕޮލެންޑްގެ ފުލުހުން ބުނާ ގޮތުގައި ކުއްޖާގެ މަރުގެ މައްސަލަ ދަނީ ތަހްގީގު ކުރަމުންނެވެ.

ކުއްޖާ އަށް ފަރުވާ ދިން ހޮސްޕިޓަލުން ބުނާ ގޮތުގައި ކުއްޖާ މަރުވުމުން ކުއްޖާގެ މައިންބަފައިންނަށް ވަނީ ވަރަށް ފުން އަސަރެއް ކޮށްފައެވެ. މައިންފައިންނަށް ސައިކޮލޮޖިކަލް ފަރުވާ ދެމުންދާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު