ބޮލީވުޑުގެ ބަތަލާ ދީޕިކާ ޕާޑުކޯން ޑިޕްރެސްވެ، އެކަމާއި ކުރިމަތިލާ، އެކަމުން އަރައިގަތުމަށް ކުރި މަސައްކަތް ކިޔައިދީފިއެވެ.

ދީޕިކާ މި ވާހަކަތައް ކިޔައިދީފައި ވަނީ އަމީތާބު ބައްޗަން ހުށަހަޅައިދޭ ޝޯ، ''ކޯން ބަނޭގާ ކްރޯރް ޕަތީ'' ގެ 13 ވަނަ ސީޒަންގައި ދީޕިކާއާއި ޑައިރެކްޓަރ ފަރަހް ޚާން ބައިވެރިވި އެޕިސޯޑުގައެވެ.

2014 ވަނަ އަހަރު ކުރިމަތިލާން ޖެހުނު މި ކަންތައްތަކުގެ ވާހަކަ މީހުން ނުދައްކަނީ ކީއްވެތޯ ހިތަށް އަރާ ކަމަށް ދިޕިކާ ބުނެފައި ވެއެވެ. އަދި އެފަދަ ހާލަތުގައި އުޅޭ އެތައް ބައެއް ދުނިޔޭގައި އުޅޭނެ ކަމަށް ވެސް ދީޕިކާ ބުނެފައިވެއެވެ. މިހާރު ދިރިއުޅުމުގެ އެއް މަގުސަދަކީ ޑިޕްރެޝަންއާއި ހަނގުރާމަ ކުރަމުންދާ މީހުންގެ ތެރެއިން އެކަކަށް ނަމަވެސް އެހީތެރިވެދިނުން ކަމަށް ވެސް ދީޕިކާ ބުނެފައިވެއެވެ.

އެއީ ޑިޕްރެޝަންކަން ދީޕިކާއަށް އެނގުނީ ކިހިނެއްތޯ އަމީތާބު ސުވާލު ކުރުމުން ދީޕިކާ ބުނެފައިވަނީ އޭނާއަށް އާދަޔާ ޚިލާފު އިހުސާސްތަކެއް ކުރުވި ކަމަށެވެ. އަދި އެކަނިވެރިކަން އިހުސާސް ކުރެވުނު ކަމަށާއި އެއްވެސް މީހަކާއި ބައްދަލުކޮށް ވާހަކަ ދައްކަން ބޭނުން ނުވެ، އަދި އެއްވެސް ކަމެއް ކުރާ ހިތް ނުވި ކަމަށްވެސް ބުންޏެވެ.

މިކަމުގެ ތެރެއިން ބުނަންނުވާ ވަރުގެ ވާހަކައެއް ކަމަށް ބުނެ ދީޕިކާ ބުނެފައިވަނީ އެދުވަސްވަރު ދުނިޔޭގައި ހުންނަން ބޭނުން ނުވި ކަމަށާއި، ދުނިޔޭގައި އުޅުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ.

ދީޕިކާގެ މަންމައަށް އެކަން ފާހަގަ ކުރެވިގެން ސައިކޭޓްރިސްޓަކަށް ދައްކަން ބުނުމުން އެކަން ކުރި ކަމަށާއި އަދި ފަރުވާ ހޯދާތާ އެތައް މަހެއް ފަހުން އެކަމުން އަރައިގަނެވުނު ކަމަށް ވެސް ދީޕިކާ ބުނެފައިވެއެވެ.

ނަފުސާނީ ބަލިމަޑުކަމަކީ އެކަންކަމުން އަރައިގަތުމަށް ފަހު ވެސް އެ ހަނދާންތަކާއި ދުރުވެވޭނެ ކަމެއް ނޫނެވެ. އަދި އެކަމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް އެތައް ބަދަލެއް ގެނައި ކަމަށް ވެސް ދީޕިކާ ބުނެފައިވެއެވެ.