ކައިވެނި ހަފުލާއަކީ ކައިވެނި ކުރާ ދެމީހުންނަށް ވެސް ވަރަށް މުހިންމު ހަފުލާއެކެވެ. ކައިވެނި ހަފުލާގެ ތެރޭގައި ހިނގާ ތަފާތު އެތައް ކަމެއްގެ ވާހަކަ މީސް މީޑިއާގައި ދަނީ ފެތުރެމުންނެވެ.

މިފަދަ ތަފާތު ވާހަކަތަކުގެ ތެރެއިން އެއް ވާހަކައަކީ ކައިވެނި ހަފުލާގައި ބައިވެރިވި މީހުންނަށް އެމީހުން ގެނައި ހަދިޔާއަށް ބަލާފައި ކާން ދިނުމެވެ.

ކައިވެނި ހަފުލާއަށް އަންނަ މެހުމާނުންނަށް ފެންނާނެހެން ބެހެއްޓިފައިވާ ނޯޓެއްގައި ބުނެފައިވަނީ ކާން ލިބޭނީ ގެންނަ ހަދިޔާގެ އަގަށް ބަލާފައި ކަމަށެވެ.

އަދި އަގުގެ ރޭންޖުތައް ވަނީ ހަތަރު ބަޔަކަށް ބަހާލާފައެވެ.

އެގޮތުން 250 ޑޮލަރުގެ ހަދިޔާއެއް ނަމަ އެއީ ''ލަވިން ގިފްޓް'' ގެ ބައެވެ. މި ބައިގައި ހިމެނޭ މީހުންނަށް ކާން ލިބޭނީ ރޯސްޓް ޗިކަންއާއި ސްވޯޑް ފިޝްއެވެ.

251 އިން 500 ޑޮލަރާއި ދެމެދުގެ ހަދިޔާއެއް ނަމަ އެއީ ''ސިލްވާ ގިފްޓް'' ގެ ބައެވެ. މި ބައިގައި ހިމެނޭ މީހުންނަށް ކާން ލިބޭނީ ރޯސްޓް ޗިކަންއާއި ސްވޯޑް ފިޝް ނުވަތަ ސްލައިސްޑް ސްޓީކްއާއި ޕޯޗްޑް ސެލްމަންއެވެ. މިއިން ކޮންމެވެސް އެއް ވައްތަރެކެވެ.

501 ން 1000 ޑޮލަރާއި ދެމެދުގެ ހަދިޔާއެއް ނަމަ އެއީ ''ގޯލްޑަން ގިފްޓް'' ގެ ބައެވެ. މި ބައިގައި ހިމެނޭ މީހުންނަށް ކާން ލިބޭނީ ފުރަތަމަ ދެ ބައިގައި ހިމެނޭ ބާވަތްތައް ނޫންނަމަ ފިލެޓް މިގްނޮންއާއި ލޮބްސްޓާ ޓެއިލްއެވެ.

1001 ން 2500 ޑޮލަރާއި ދެމެދުގެ ހަދިޔާއެއް ނަމަ އެއީ ''ޕްލޭންޓިނަމް ގިފްޓް'' ގެ ބައެވެ. މި ބައިގައި ހިމެނޭ މީހުންނަށް ކާން ލިބޭނީ ފުރަތަމަ ތިން ބައިގައި ހިމެނޭ ބާވަތްތައް ނޫންނަމަ ލޮބްސްޓާއާއި ޝެމްޕޭންއެވެ.

ކައިވެނި ހަފުލާގައި ބެހެއްޓިފައިވާ މި ނޯޓުގެ ފޮޓޯއެއް މީސް މީޑިޔާހައި ދަނީ ހަލުވިކަމާއި އެކު ފެތުރެމުންނެވެ.