މައިކްރޯސޮފްޓް ޓްރާންސްލޭޓާއިން ދިވެހިބަހަށް ތަރުޖަމާކޮށްލެވޭ ގޮތް އެ ކުންފުނިން ހަދައިފިއެވެ.

އެކި ބަސްތަކަށް ތަރުޖަމާ ކުރުމަށް އެކި އެޕްލިކޭޝަންތައް ބޭނުންކުރާއިރު ދިވެހި ބަހަށް ތަރުޖަމާ ކުރުމަށް އަދި އެއްވެސް އެޕްލިކޭޝަނެއް އުފައްދާފައި ނުވެއެވެ. އަދި މިހާރު ބޭނުންކުރާ އެއްވެސް އެޕްލިކޭޝަނަކުން ދިވެހި ބަސް އެހެން ބަހަކަށް ބަދަލު ނުކުރެވޭއިރު އެހެން ބަހަކުން ހުންނަ އެއްޗެއް ދިވެހި ބަހަށްވެސް ތަރުޖަމާ ކުރެވޭ އެޕްލިކޭޝަނެއް ނުހުރެއެވެ.

މިހާރު މައިކްރޯސޮފް އިން ދިވެހި ބަހުން ލިޔެފައި ހުންނަ ބަސްތައް އިނގިރޭސި ބަހަށް އަދި އިނގިރޭސި ބަހުން ލިޔެފައިހުންނަ ބަސްތައް ދިވެއްސަށް ތަރުޖަމާ ކޮށްލެވޭނެއެވެ.

މި އެޕްލިކޭޝަނަކީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ހިދުމަތްފޯރުކޮށްދޭ އެޕްލިކޭޝަނެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 5.66 ބިލިއަން މީހުންނަށް އެކިބަސްބަސް ތަރުޖަމާކުރުމުގެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށް މައިކްރޯސޮފްޓް އިން ބުނެއެވެ.

އަލަށް އިތުރުކުރެވުނު 12 ބަހާއި އެކު މިހާރު ތަރުޖަމާ ކުރާ އެޕްލިކޭޝަން މެދުވެރިކޮށް 100 ބަހުން ތަރުޖަމާކުރެވޭނެއެވެ.


ގޫގުލް ޓްރާންސްލޭޓަރ މެދުވެރިކޮށް މިހާރުވެސް 100 ބަހަށް ތަރުޖަމާ ކުރެވޭއިރު މައިކްރޯސޮފްޓްއިން ބުނާގޮތުގައި އެކުންފުނީގެ ތަރުޖަމާކުރާ އެޕްލިކޭޝަން ތަފާތުވަނީ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ހޯދިފައިވާ ކުރިއެރުންތަކާއި ގުޅިގެންނެވެ.

ތަރުޖަމާކުރުމުގެ ހިދުމަށް މައިކްރޯސޮފްޓް އޮފީސް، އަޒުއާ ކޮގްނިޓިވް ސާވިސަސް ޓްރާންސްލޭޓާ ފޯ ބިންގް، އަދި އަޒުއާ ކޮގްނިޓިވް ސާވިސަސް ސްޕީޗް މެދުވެރިކޮށްވެސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަލަށް މައިކްރޯސޮފްޓް ޓްރާންސްލޭޓާއަށް އިތުރުކުރެވުނު ބަސްތަކަކީ އެ ކުންފުނީގެ އެކްސްވައިޒީ ކޯޑް އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެއް ކަމަށް ކުންފުނިން ބުނެއެވެ. މި އިނީޝިއޭޓިވްއަކީ ލިޔުންތަކާއި، އޯޑިއޯގެ އިތުރުން އެކި ބަސްތައް ބޭނުންކޮށްގެން ވާހަކަ ދައްކާ، އަޑުއިވޭ އަދި ފެންނަ އާޓިފިޝަލް އިންޓެލިޖެންސް ނިޒާމުތަކެއް އުފެއްދުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތެކެވެ.