ދެކުނު ކޮރެޔާގެ ޑުރާމާ އެކްޓަރ ކިމް ސިއޯން ހޯގެ ދަރިއަކަށް ބަލިވެ އިން މީހަކު ދަރިވައްޓާލަން މަޖުބޫރު ކުރި ކަމުގެ ތުހުމަތެއް ކޮށްފިއެވެ.

އެކަމާއި ގުޅޭގޮތުން ސިއޯން ހޯގެ އެޖެންސީއިން ބަޔާނެއް ވެސް ވަނީ ނެރެފައެވެ.

2020 ވަނަ އަހަރުގެ މަގުބޫލު ޑުރާމާ ''ސްޓާޓް އަޕް'' އިން އެންމެންގެ ހިތްތަކުގައި ރަސްކަން ކުރަން ފެށި ސިއޯން ހޯ މަޝްހޫރުވެފައިވަނީ ''ގުޑް ބޯއީ'' ގެ ނަމުންނެވެ.

ދެކުނު ކޮރެޔާ ޑުރާމާތަކުގެ ތެރެއިން މި އަހަރު އެންމެ މަގުބޫލު އެއް ޑުރާމާ ކަމުގައިވާ ''ހޯމްޓައުން ޗަޗަޗަ'' އިގެ ކާމިޔާބީއަށް ފަހު ސިއޯން ހޯއާއި ބެހޭގޮތުން މީސް މީޑިއާގައި ވާހަކަތަކެއް ވަނީ ދެކެވެން ފަށައިފައެވެ.

އެގޮތުން އަންހެނަކު ކޮށްފައިވާ ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ އޭނާއަކީ ''އެކްޓަރ ކޭ'' ގެ ކުރީގެ ލޯބިވެރިޔާ ކަމަށާއި އެ އެކްޓަރަށް އޭނާ ބަނޑުބޮޑުވުމުން ދަރި ވައްޓާލަން ބުނި ކަމަށެވެ. އަދި އޭނާއަކީ އޮން ސްކްރީންއިން ފެންނަ ކެރެކްޓަރއާއި ވަރަށް ތަފާތު މީހެއް ކަމަށް ބުނެފައިވެއެވެ.

އަދި އޭނާ ދަރިވައްޓާލި ފަހުން އޭނާގެ އުޅުމަށް ވަރަށް ބޮޑަށް ބަދަލު އައިސްފައިވާ ކަމަށް ބުނެފައި ވެއެވެ.

މި ޕޯސްޓުގައި ގެނެސްފައިވާ ''އެކްޓަރ ކޭ'' އަކީ ކިމް ސިއޯން ހޯއަކަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެކަމާއި ގުޅިގެން ސިއޯން ހޯގެ އެޖެންސީ ''ސޯލްޓް އެންޓަޓެއިންމަންޓް'' އިން ވަނީ ބަޔާނެއް ނެރެފައެވެ.

މި ބަޔާނުގައި ބުނެފައިވަނީ ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތްތައް ބަލަމުންދާ ކަމަށާއި ރަނގަޅަށް ތަހުގީގު ކުރުމަށް ފަހު ބަޔާނެއް ނެރޭނެ ކަމަށެވެ. އަދި ބަޔާން ނެރެންދެން ކެތްތެރިކަމާއި އެކު ތިބުމަށް ވެސް ސިއޯން ހޯގެ ސަޕޯޓަރުންގެ ފަރާތުން އެދިފައިވެއެވެ

ކިމް ސިއޯން ހޯއަކީ މިހާރު ދެކުނު ކޮރެޔާގެ ޗާޓުތަކުގައި އެއްވަނައިގައި ހިމެނޭ އެކްޓަރެވެ.