މި މަހުގެ 3 ވަނަ ދުވަހު ސުޕަރ ސްޓަރ ޝާހުރުކް ޚާންގެ ދަރި އާރްޔާން ޚާނާއި އިތުރު 8 މީހަކު މަސްތުވާ ތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް އެ މައްސަލަ ތަހުގީގު ކުރަމުންދާ އެންސީބީގެ ޒޯނަލް ޑައިރެކްޓަރ ސަމީރު ވަންކެޑޭ ހިމާޔަތް ދިނުމަށް އެދިއްޖެއެވެ.

އޮފިސަރ ސަމީރު ހިމާޔަތް ދިނުމަށް އެދި މުމްބާއީ ފުލުހުންނަށް ލިޔުނު ސިޓީއެއްގައި ބުނެފައިވަނީ އޭނާއަށް ދޮގު ތުހުމަތުތަކެއް ކުރެވި ބައެއް ފަރާތްތަކުން ސީދާ އަދި ނުސީދާ ގޮތް ގޮތަށް އިންޒާރުދެމުންދާ ކަމަށެވެ.

ވަޒީފާ ގެއްލޭނެ ކަމަށާއި ޖަލަށް ދާން ޖެހިދާނެ ކަމަށް ބުނެ އިންޒާރު ލިބެމުންދާ ކަމަށް ވެސް މި ސިޓީގައި ލިޔެފައިވެއެވެ.

އާރްޔާން ޚާން ހައްޔަރު ކުރުމުގައި އޮފިސަރ ސަމީރު އެހެން މަގުސަދެއް އޮތް ކަމަށް ވާހަކަ ދެކެވެމުންދާއިރު މި މައްސަލައިގައި ހެއްކެއް ކަމަށް ބުނާ ފަރާތަކުން ބުނެފައިވަނީ އާރްޔާން ޚާން ދޫކޮށްލުމަށް ޝާޙުރުކް ޚާން ވަކި އަދަދެއްގެ ފައިސާ ސަމީރުއަށް ދިނުމަށް އެދިފައިވާ ކަމަށެވެ.

ބައެއް ސިޔާސީ ފަރާތްތަކާއި އިސް ވެރިން ވެސް ވަނީ ސމީރުއާއި ދެކޮޅަށް އަޑު އުފުލާފައެވެ. އަދި ވަރަށް އަވަހަށް ސަމީރުގެ ވަޒީފާ ގެއްލޭނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

އޮފިސަރ ސަމީރުއާއި ދެކޮޅަށް ދެކެވޭ ހުރިހާ ވާހަކަތަކެއް ވެސް އޭނާ ވަނީ ދޮގުކޮށްފައެވެ. އަދި ވަކި މީހަކަށް އަމާޒުކޮށްގެން އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދާ ކަމަށާއި އޭނާގެ މަސައްކަތަކީ ވެސް އަދި މަގުސަދަކީ ވެސް މަސްތުވާ ތަކެތީގެ ވަބާއިން އިންޑިޔާ ރައްކާތެރި ކުރުން ކަމަށް ވެސް ސަމީރު ބުނެފައިވެއެވެ.