ބޮލީވުޑު ޖޯޑުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ޖޯޑު ކަމަށްވާ ރަންބީރާއި އާލިއާ މި އަހަރުގެ ޑިސެމްބަރު މަހު ކައިވެނި ކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރުމަށް ހަމަޖެހިފައިވާ މި ކައިވެނި ލަސްވެގެން ދިޔައީ ކޮވިޑް-19ގެ ސަބަބުންނެވެ. އެހެންކަމުން މި އަހަރުގެ ޑިސެމްބަރު މަހު އާއިލާއާއި ގާތް ރަހުމަތްތެރިންނާއި އެކު އިޓަލީގައި ބާއްވާ ހާއްސަ ހަފުލާއެއްގައި ރަންބީރުއާއި އާލިއާ ކައިވެނި ކުރުމަށް ނިންމާފައިވާ ކަމަށް ނިއުސް ޕޯޓަލްއެއްގައި ލިޔެފައިވެއެވެ.

ފިލުމު ''ބްރަހްމަސްތުރާ''ގެ ޝޫޓިން ނިންމާލުމަށް ފަހު ސަންދީޕް ރެޑީ ވަންގާސް ޑައިރެކްޓް ކުރާ ފިލުމު ''އެނިމަލް'' ގެ ޝޫޓިން ފެށުމަށް ތާވަލު ކުރެވިފައިވީ ނަމަވެސް ރަންބީރު ވަނީ އެ ފިލުމުގެ ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީ ފަހުކޮޅަށް ލަސްކޮށްފައެވެ.

ފިލުމު ''އެނިމަލް'' ގެ ޝޫޓިން ރަންބީރު ލަސްކޮށްފައިވަނީ ރަންބީރާއި އާލިއާގެ ކައިވެންޏަށް ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.

އާލިއާގެ ފިލުމީ މަސައްކަތަށް ބަލާއިރު މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އައު އެއްވެސް ފިލުމެއްގެ މަސައްކަތް ނުފަށާނެ ކަމަށާއި އިތުރު ފިލުމެއްގެ މަސައްކަތް ފަށާނީ އަންނަ އަހަރުން ކަމަށް ވެސް ރިޕޯޓް ތަކުގައިވެއެވެ.

އާލިއާއާއި ރަންބީރުގެ އިތުރުން ކެތުރީނާ ކެއިފުއާއި ވިކީ ކޯޝަލް ވެސް މި އަހަރު ނިމުމުގެ ކުރިން ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތައް ދަނީ މީސް މީޑިޔާގައި ގަދަވަމުންނެވެ.

ރަންބީރުއާއި އާލިއާ ދަނީ ދެމީހުންގެ ވެސް އާއިލާއާއި އެކު އަދި ދެމީހުން އެކަނި ވެސް އުފާވެރި ވަގުތުތައް ހޭދަކޮށް، އާއިލީ އެއްވުންތަކުގައި ބައިވެރިވަމުންނެވެ.