"މިއީ ކުޑަކުދިންގެ ހިޔާގައި މީގެ 3 އަހަރު ކުރިން އުޅުނު ކުއްޖެއް "ވަގުތަށް" ހިއްސާ ކޮށްފައިވާ މައުލޫމާތުގެ މަށްޗަށް ލިޔެފައިވާ ވާހަކައެކެވެ. އަދި މިވާހަކައިގައި ބޭނުންކޮށްފައިވާނީ އަސްލު ނަންނަމެއް ނޫނެވެ."

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އަހަންނަކީ ބައްޕަ ނެތް ކުއްޖަކީމެވެ. އަހަރެންގެ މަންމައެއް ހުރި ނަމަވެސް އަހަރެން ބޮޑުވަމުން އައީ މަންމައެއްގެ ފަރާތުން އެއްވެސް ލޯތްބެއް ނުލިބިއެވެ. މަންމަގެ އަނިޔާތަކުގެ ތެރޭގައި އަހަރެން ބޮޑުވަމުން އައި އިރު އަހަންނަށް ކިރިޔާވެސް އަޅާލާ މީހަކީ އަހަރެންގެ މާމައެވެ. މާމަ ނެތް ނަމަ މިއަދު އަހަރެން ދުނިޔޭގައިވެސް ނުހުރީސްކަން ޔަޤީނެވެ. އަހަރެން ހަނދާން ހުންނަށް ފެށީއްސުރެއް އަހަރަން ސިފަވެފައި އޮންނަނީ މަންމަ ހަޅޭ ލަވަން ގެންގުޅޭ ބުދެއްގެ ގޮތުގައެވެ. ބަނޑުހައިވެގެން ކާ އެތިކޮޅަކަށް އެދުމުން "ކަލޭގެ ބަފާ ކައިރިއަށް" ދާށޭ "މަށަށް ދުއްޕާން ނުކުރާށޭ" ފަދަ ބަސް ބަހަކީ މަންމަގެ ދުލުކުރީ ބަސްބަހެވެ.

އެގޮތުގައި ދުވަސްތަށް ފާއިތުވަމުން ދިޔައެވެ. މަންމަގެ އަނިޔާވެރިކަން ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް މީގެން އެއްވެސް ވާހަކައެއް އަހަރެން މާމަ ނޫން އިތުރު މީހަކު ކައިރީގައި ނުދައްކަމެވެ. އެއީ އަހަރެން ގަބޫލު ކުރާ ގޮތުގައި މާމަ ފިޔަވާ އިތުރު މީހަކަށް އަހަންގެ އިހްސާސްތަށް ތަހައްމަލް ކުރާކަށް ނޭނގޭނެއެވެ. މާމަ ކައިރީގައި އަހަރެން މަންމަ ކަންތަށް ކުރާ ގޮތުގެ ވާހަކަ ނުދައްކާ ހަމަ އެންމެ ދުވަހެއްވެސް ނުދާނެއެވެ. މަންމަގެ އަނިޔާވެރިކަން ހައްދުން ނައްޓާފައިވުމުން އެންމެ ފަހުން އަހަރެންގެ މާމަ ނިންމީ މަންމައާއި ވާހަކަ ދެއްކުމަށް ފަހު އަހަރެން ސަރުކާރާއި ހަވާލުކުރުމަށެވެ. ނަމަވެސް އެއީ އަހަރެން އެއްވެސް ވަރަކަށް ބޭނުންވި ކަމެއް ނޫނެވެ. ނަމަވެސް މާމަ އެދުމުގެ މަތިން އަހަރެން އެކަމަށް އެއްބަސް ވީމެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. ސަރުކާރުގެ ޓީމަކުން އަހަރެމެން ރަށަށް އަޔެވެ. އަދި އަހަރެން ގޮވައިގެން ރާއްޖޭގެ ވެރިކަންކުރާ ރަށް މާލެ އަށް އަޔެވެ. އެއަށް ފަހު އެއްދުވަސް ވަންދެން މާލޭގައި ބެހެއްޓުމަށް ފަހު ޖެހިގެން އައި ދުވަހު އަހަރެން ގެންދެވުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށެވެ.

އަހަރެން ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރާ މީހުންނާއި ހަވާލުކޮށްފައި ސަރުކާރުގެ ޓީމުން އެބުރި ދިޔައެވެ. ކުޑަކުދިންގެ ހިޔާއިން އަހަންނާއި ހަވާލުވީ ދަލޭކާ ނަމަކަށް ކިޔާ މެދު އުމުރުގެ އަންހެނެވެ. އޭނާ ފުރަތަމަ ވެސް އަހަރެންގެ ބޮލުގައި ފިރުމާލުމަށްފަހު ކިޔަނީ ކޮންނަމެއްތޯ އެހިއެވެ.

" އަޅުގަނޑަށް ކިޔަނީ މަލްސާ" އިސްޖަހައިގެން ހުރެ އަހަރެން ޖަވާބު ދިނީމެވެ.

"މަލްސާ ނުޖެހޭނެ ދެން އެއްވެސް ކަމަކާއި ހާސްވާކަށް. ދައްތަމެން މި ތިބީނު ދޯ؟ މިތާނގަ އުޅޭނެ މަލްސާމެން ފުރައިގެ ބައިވަރު ކުދިން" ދަލޭކަށްތަ އޯގާތެރި ރާޖެއްގައި ބުންޏެވެ.

ތެދެކެވެ. އަހަރެމެން ފުރައިގެ އެތަށް ކުދިންނެއް އެތާނގައި ދިރިއުޅެއެވެ. ހަޤީގަތަށް ބުނާނަމަ އަހަރެން ހީކުރި ވަރަށް ވުރެއް ކުޑަކުދިންގެ ހިޔާ ރަނގަޅެވެ. ބަރާބަރަށް ކާން ދިނުމާއި، ކިޔަވައި ދިނުމާއި، ކުޅުމުގެ ފުރުސަތު ދިނުން ފަދަ އެތަށް ކަމެއް އެތަނުން ކޮށްދެއެވެ.

ދުވަސްތަށް މިގޮތުގައި ފާއިތުވަމުން ދިޔައެވެ. ކުޑަކުދިންގެ ހިޔާގައި އުޅުމަށް އަހަރެން ރަނގަޅަށް ހޭނިއްޖެއެވެ. އެތަކެއް ރަށްޓެހިންނެއް ލިބިއްޖެއެވެ. އަދި ކުޑައިރު ނުލިބުނު އެތަށް އުފަލެއް މިއަދު ލިބިއްޖެއެވެ. ކުޑަކުދިންގެ ހިޔާގައި އުޅޭއިރު އަހަރެމެންނަށް ބޭރަށް ދެވެނީ ދުވާލަކު 2 ގަޑި އިރަށެވެ. މިހެން ގޮސް އުޅޭއިރު އަހަރެން އަބަދުވެސް ދަނީ އަހަރެންނާއި އެއް ކޮޓަރިއެއްގައި ނިދާ ތިން ކުދިންނާއި އެކުގައެވެ.

އާދައިގެ މަތިން މިއަދަކީވެސް އަހަރެން ބޭރަށް ނުކުތް ދުވަހެކެވެ. އަހަރެމެން އެކުގައި ހިނގާފައި ދިޔައީ އަތިރި އާއި ދިމާއަށެވެ. ކުއްލިއަކަށ އަހަރެންގެ ލޮލުގައި އަޅައިގަތީ މަގުމަށްޗަށް ވެއްޓިފައި އޮތް މޯބައިލް ފޯނެކެވެ. މޯބައިލް ފޯނާއި މާދުރު ނޫން ހިސާބަކުން އަންހެނަކާއި ފިރިހެނެއް ހިނގާފައި ދެއެވެ. އެހެންކަމުން އެއީ އެމީހުންގެ އެއްޗެއް ކަން އަހަންނަށް ކަށަވަރުވިއެވެ. ވުމާއި އެކު ދުވަފައި ގޮސް މޯބައިލް ފޯނު ނަގައިގެން އެމީހުންނާއި އަރާ ހަމަ ކުރުމަށް ފަހު ފޯނު އެމީހުންނަށް ދިނީމެވެ.

"މަގޭ ފޯން. ޝުކުރިއްޔާ ވަރަށް ބޮޑަށް" ފޯނުގައި ހިފަމުން އަންހެން މީހާ ބުންޏެވެ.

" ކޮއްކޮ ކޮންތާކު އުޅެނީ؟ ކޮން ރަށެއްގެ ކުއްޖެއް ތީ" އެއަންހެން މީހާ އެހިއެވެ.

އަހަންނަށް އިސް ޖަހާލެވުނެވެ. އެއިރު އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަތަށް އަހަރެންގެ ލޮލުން ފައިބަމުން ދިޔައެވެ. އެ އަންހެން މީހާ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަދި އެއް އަތުން އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެމުން ތަކުރާރުކޮށް ކުރިން އެހި ސުވާލު އެހިއެވެ.

-ނުނިމޭ-

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނޫސްކިޔާމީހާ

    ނުނިމޭ ބައި ކޮންމެހެންވެސް ގެނެސްދޭތި ވަރަށް ވަރަށް ޝަޢުޤުވެރިވެއްޖެ ( އަސަރުގަދަވާނެހެން ހީވަނީ )

    1
    1
  2. މަ

    ކޮބާތަ އަނެއްބައި

  3. އަމީ

    ނުނިމޭ ބައި ގެނެސް ދޭނެ ކަމަށް އުއްމީދުކުރަން. އިރާދަކުރެއްވިއްޔާ މަލްސާ އަކީ ބަސް އަހާ ކިޔަމަންތެރި ކުއްޖެއްކަމުގައި ލައްވާށި. މަލްސާއަކީ ނަމާދު ގާއިމުކުރާ ޞާލިހު ދަރިއެއްކަމުގައި ލައްވާށި. އަދި ދުނިޔޭގައިވެސް އާޚިރަތުގައިވެސް ބާއްޖަވެރިކުއްޖެއްކަމުގައި ލައްވާށި. ކިޔަވައިގެން މޮޅު ކުއްޖަކަށް ވެވޭތޯ ގަދައަޅާ މަސައްކަތްކުރާތި. މަލްސާގެ މަންމަ އަށް ހެޔޮވިސްނުން ދެއްވާތޯ ދުޢާކުރަން. މީ އަހަރެން އަހަރެންގެ ދަރިންނަށްވެސް ދޭ ނަސޭހަތް.