މިސްރުގެ ކޮލެޖްގެ އޮފް ޑެންޓިސްޓްރީގައި މީގޮނު ދަތް ބޭނުންކޮށްގެން ދަރިވަރުން ތަމްރީން ކުރާ މައްސަލަ ފެންމަތިވެ، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފިއެވެ.

އެ ކޮލެޖްގައި ކިޔަވަމުންދާ 320 ދަރިވަރަކަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ކޮލެޖްގައި އެ މީހުން ކިޔެވުމަށާއި، ތަމްރީން ހެދުމަށް ރަނގަޅު ވަސީލަތްތައް ނެތް ކަމަށެވެ. އަދި އިންސާނުންގެ ދަތުގެ މޮޑެލް ފަދަ އެއްޗެހި ނެތް ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އެ ކޮލެޖްގެ ލެބްގައި ރަނގަޅު އިކުއިޕްމެންޓްސްވެސް ތަމްރީންތައް ހެދުމަށް ނެތް ކަން ދަރިވަރުން ފާހަގަކޮށްފައިވާއިރު، ތަމްރީން ހެދުމަށް ބޭނުން ކުރަނީ މީގޮނު ދަތް ކަމަށް ބުނެފައި ވެއެވެ.

މިއާއެކު މިސްރުގެ ސުޕްރީމް އެޑްމިނިސްޓްރޭޓިވް ކޯޓުން ވަނީ އެ ކޮލެޖް ބަންދުކޮށް، އެހެން ޔުނިވާސިޓީތަކަށް އެ ދަރިވަރުން ކިޔަވަން ފޮނުވުމަށް އަމުރުކޮށްފައިވެއެވެ.

މިއާއެކު ދަރިވަރުން ދެން ފޮނުވާނެ ޔުނިވާސިޓީތައް މިހާރު ވަނީ ކަނޑައަޅާފައެވެ. އަދި ދަރިވަރުން ގުޅޭނީ ގެއާއި އެންމެ ކައިރީގައި ހުންނަ ޔުނިވާސިޓީއަކާއި ކަމަށް ބުނެފައި ވެއެވެ.

އަދި އެ ދަރިވަރުންނަށް އެކަޑެމިކް ކަރިކިއުލާގައި ނުކިޔަވަދޭ އެއްޗެހި ކިޔަވާ ދިނުމާއި، ތަމްރީންތައްވެސް އެ ޔުނިވާސިޓީތަކުން ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުނެފައި ވެއެވެ.