އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ދުވާލަކު މަދުވެގެން ދެ ފަހަރު ދަތް އުނގުޅަން ޖެހޭކަން އެނގެއެވެ. މިއީ ސިއްހީ މާހިރުން އަބަދުވެސް އިރުޝާދު ދޭ ގޮތެވެ. ކޮންމެ ފަހަރަކު މަދުވެގެން ދެ މިނެޓު ވަންދެން ދަތް އުނގުޅަން ޖެހޭކަންވެސް ގިނަ ބަޔަކަށް އެނގެއެވެ.

ދެ މިނެޓަށްވުރެ ގިނައިރުވަން ދެން ވެސް ބައެއް މީހުން ދަތް އުނގުޅާއިރު ތަޖުރިބާކާރުންގެ އިރުޝާދާއެކު މި ބަލާލަނީ ދަތް އުނގުޅަން އެންމެ އެދެވިގެންވާ ގޮތަށެވެ. އެފަރާތްތަކުން އިލްތިމާސްކުރާ ގޮތުގައި ދަތް އުނގުޅަން ދެ މިނެޓަށްވުރެ އިތުރު ކުރިއަސް އެންމެ ރަނގަޅެވެ. އެއީ ދަތުގައި ހުރި ހަޑިއާއި ބެކްޓީރިޔާސް އަނގައިން ދަންދެން އެކަން ކުރަން ޖެހޭތީއެވެ.

1970 ގެ އަހަރުތަކުގައި ދެ މިނެޓު ވަންދެން ދަތް އުނގުޅަން ޑެންޓިސްޓުން ލަފާދެމުން ދިޔައިރު އޭގެ ފަހުން މަޑުކޮށް ހުންނަ ދަތްއުނގުޅާ ބުރުސް ބޭނުން ކުރަން ފެށިއެވެ. މިއާއެކު 1990ގެ އަހަރުތަކުން ފެށިގެން ޝާއިއުކޮށްފައިވާ ދިރާސާތަކުގައި ދަތް އުނގުޅާ ވަގުތުތަކާއި، އުކުޅުތަކާއި، ދަތް އުނގުޅާ ބޭސްތަކުގެ ބާވަތްތަކަށް ވަނީ ގިނަ ބަދަލުތަކެއް އައިސްފައެވެ.

ދަތްތައް އުނގުޅުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮންމެ ދަތެއްވެސް ވީހާވެސް ބޮޑަށް ސާފުކޮށް ބެހެއްޓުމެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ތިނެއް ނުވަތަ ހަތަރު މިނެޓް ވަންދެން ދަތް އުނގުޅުމުން ފަސޭހައިން ނުނެއްޓޭ އެއްޗެހި ވެސް ދަތުގެ ދޭތެރެތަކުން ނެއްޓި ސާފުވުމުގެ ޔަގީންކަން އޮވެއެވެ.

ދުވާލަކު ދެފަހަރަށްވުރެ ގިނައިން ދަތް އުނގުޅުމުގެ ބޭނުމެއް ނެތެވެ. ދަތްތައް އުނގުޅަން ޖެހެނީ ހެނދުނާއި ރޭގަނޑު ނިދުމުގެ ކުރިންނެވެ. އަދި ކައިގެން އަބަދުވެސް ދަތްތައް ސާފުކޮށްލުމަކީ ރަނގަޅު ކަމެކެވެ. އެއީ ކެއުމުގައި ދަތުގެ ތެރޭގައި މަސްކޮޅުތައް ފަދަ ތަކެތި ހަރުލާފައި ހުރުމުން ގިނައިރުވުމުން އަނގައިން ވަސްދުވާނެތީ އެވެ.

ދަތް އުނގުޅާއިރު މާ ބާރަށް ބުރުސް ދަތުގައި ޖައްސައި އުނގުޅުމަކީ ރަނގަޅު ކަމެއް ނޫނެވެ. މީގެ ސަބަބުން ދަތްތަކަށާއި ހިރުގަނޑަށް ގެއްލުން ވެދާނެއެވެ. ވީމާ ދަތްއުނގުޅާއި މިކަމަށް ސަމާލުވުން މުހިންމެވެ.