ބޮލީވުޑުގެ މެގަސްޓަރ ޝާހުރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން އެންސީބީގެ އިސް އޮފިސަރަކާއި ދެކޮޅަށް މައްސަލައެއް ހުށަހެޅުމަށް ޝާހް ނިންމައިފިއެެވެ.

މި މައްސަލައާއި ގުޅިގެން މިދިޔަ ހަފުތާ ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ބުނެފައިވަނީ އާރްޔަންއާއި ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

ހައި ކޯޓުން މިހެން ބުނުމުން ޝާހުގެ ގާނޫނީ ޓީމުގެ އިތުރުން އޭނާގެ ސަޕޯޓަރުންނާއި ފިލުމު އިންޑަސްޓްރީގެ މީހުންގެ ސުވާލުތައް އަމާޒު ވެފައިވަނީ އެންސީބީގެ އިސް އޮފިސަރ ސަމީރު ވަންކެޑޭއަށެވެ.

ޝާހުރުކް އާއި ގާތް ގުޅުމެއް އޮންނަ ފަރާތަކުން އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ސަމީރުއާއި ދެކޮޅަށް މައްސަލަ ޖެއްސުމަށް ތައްޔާރުވާ ކަމަށާއި އަދި އެ މައްސަލަ އާރްޔަނަށް އަމާޒުކޮށް، އޭނާ ހައްޔަރު ކުރީ ކީއްވެތޯ ސުވާލު ކުރާނެ ކަމަށެވެ.

ޝާހުގެ ގާނޫނު ޓީމުންނާއި ގާތް ފަރާތްތަކުން ވަނީ ސަމީރުއާއި ދެކޮޅަށް މައްސަލަ ހުށަހަޅައި ސަމީރުގެ އަމާޒަކަށް އާރްޔަން ވީ ސަބަބު އޮޅުން ފިލުވުމަށް އެދި ޝާހުއަށް ލަފާ ދީފައެވެ. އެހެންކަމުން ވަރަށް އަވަހަށް ޝާހު މައްސަލަ ހުށަހަޅާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ބުނެފައިވެއެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން ޝާހުރުކް އަދި އޭނާގެ ގާނޫނީ ޓީމުން ވެސް ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ.

މި މައްސަލައިގެ ސަބަބުން އާރްޔަނަށް ސައިކޮލޮޖިކަލީ ލިބުނު ގެއްލުންތަކުގެ ޒިންމާ ނަގާނީ ކާކުތޯ މީސް މީޑިޔާގައި އެކި ފަރާތްތަކުން ސުވާލު އުފައްދާފައިވެއެވެ.