ބޮލީވުޑުގެ ފިލުމުތަކުން ހެއްވާ މަޖާ ބައިތައް ކުޅުމުގެ އިތުރުން އެކްޝަން ރޯލުތައް ކުޅުމުގައި ފާހަގަ ކޮށްލެވޭ އެކްޓަރ އަޖޭ ދޭވްގަންއަކީ ލަވަކިޔުމުގައި ވެސް ފާހަގަ ކޮށްލެވޭ ފަންނާނެކަން އެނގޭހެއްޔެވެ؟.

އެކަން ނޭނގޭ މީހުން މިއީ ހާއްސަ ހަބަރެކެވެ.

2012 ވަނަ އަހަރު ރިލީޒް ކުރެވުނު ފިލުމު ''ބޯލް ބައްޗަން'' ގެ ޓައިޓަލް ލަވަ ''ބޯލް ބޯލް ބައްޗަން'' ކިޔާފައިވަނީ އަޖޭ އެވެ.

ލަވަކިޔާ ޝޯއެއް ކަމުގައިވާ ސާރީގަމަޕައަށް ''ބޮބް ބިސްވާސް'' ފިލުމު ޕްރޮމޯޓް ކުރުމަށް އަބީޝެކް ބައްޗަންއާއި ޗިތުރަންގަޑާ ސިންގް ބައިވެރިވެފައިވާ އެޕިސޯޑުގައި އަބީޝެކް ވަނީ އަޖޭ ލަވަކިޔުމާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

މި ޝޯގެ ޖަޖެއް ކަމުގައިވާ ހިމޭޝް ރޭޝަމިޔާއަށް ތަޢުރީފު ކުރަމުން އަބީޝެކް ބުނެފައިވަނީ ހިމޭޝް ވަނީ އަޖޭ ލައްވާ ލަވަ ކިޔުއްވާފައި ކަމަށެވެ.

''އަހަރެމެން އެންމެންނަށް ވެސް އެނގޭ އަޖޭއަކީ ވަރަށް ސީރިއަސް މީހެއްކަން. އަދި އަޖޭ ލައްވާ ލަވަކިޔުއްވުމަކީ ފަސޭހަ ކަމެއް ނޫންކަން ވެސް. އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެނބަހުރި ހިމޭޝްގެ ސްޓޫޑިއޯއަށް ރިކޯޑިއަށް ދިޔަ ދުވަހު އެތާ ކަނެއްގައި އަޖޭ މާޔޫސްވެފައި އިންގޮތް'' އަބީޝެކް ބައްޗަން ބުނެފައިވެއެވެ.

އަޖޭއަށް ވެފައި އިން ގޮތަކާއި މެދު ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ ހިމޭޝް އާއި ރޯހިތު ޝެޓީ އޭނާ ލައްވާ ލަވަ ކިޔުއްވާ، އަބީޝެކްއާއި އެކު ލަވަ ރިކޯޑު ކުރުމަށް ސްޓޫޑިއޯއަށް ގެނެސްފައިވާ ކަމަށެވެ.

''އެވަގުތު އަހަރެންނަށް ވާނެ ޕްރެޝަރ ވިސްނާލަބަލަ. ހިމޭޝްއަށް ލަވައެއް ރިކޯޑް ކުރަން ޖެހުނީ އަޖޭއާއި އެކު'' ލާނެތް ހިނިތުންވުމަކާއި އެކު އަބީޝެކް ބުނެފައިވެއެވެ.

އެކްޝަން، ކޮމެޑީ ނުވަތަ ލަވަކިޔުން ކަމުގައިވީ ނަމަވެސް ކޮންމެ ކަމެއްގައި ވެސް އަޖޭއަކީ ހުނަރުވެރި ފަންނާނެކެވެ